އެފްރިކާގެ ޗެމްޕިއަން ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ނެދަލޭންޑްސްއަކީ ޔޫރަޕް ފުޓުބޯޅައިގެ ވަރުގަދަ ނަމެކެވެ. އަހަރުތަކަކަށްފަހު ނެދަލޭންޑްސް މިފަހަރުގެ މުބާރާތަށް ނުކުންނާނީވެސް އުންމީދީ ޓީމަކާއެކުގައެވެ. މާޔޫސީ އެއަހަރުތައް ނިންމައި ނެދަލޭންޑްސްއިން 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދި ހިސާބުން އެގައުމުގެ ފުޓުބޯޅައަށް އުންމީދެއް އައެވެ. އެއީ އެންމެފަހުން ވޯލްޑް ކަޕްވެސް ގެއްލިފައި އޮތް ނެދަލޭންޑްސްއަށް ޒުވާން ޖީލެއްގެ ފެށުމެކެވެ.
އެންމެފަހުން މިދިޔަ އަހަރު ކުޅުނު ޔޫރޯ 2020 އަށް ނެދަލޭންޑްސް ނުކުތީ އުންމީދީ ޓީމަކާއެކުގައެވެ. ގްރޫޕް ސްޓޭޖުގައި ފުރިހަމަ ކުޅުމެއް ދެއްކި ނަމަވެސް، ނެދަލޭންޑްސްއަށް މުބާރާތުން ވަކިވާން ޖެހުނީ ކުއާޓާ ފައިނަލްގައި ޗެކް ރިޕަބްލިކް އަތްދަށުވެގެންނެވެ.
ކޮންމެއަކަސް ނެދަލޭންޑްސްގެ އުންމީދީ ޓީމާ ދެކޮޅަށް ނުކުންނަނީ އެފްރިކާގެ ޗެމްޕިއަނުންނެވެ. އެހެންނަމަވެސް އެ ޗެމްޕިއަނުންނަށް ގެއްލިފައިވާ ޓީމުގެ އެންމެ މުހިއްމު އެސެޓް، ސަޑިއޯ މާނޭއަކީ މެޗުގެ ފަލަ ސުރުހީ އެވެ. ވޯލްޑް ކަޕަށް ހަފުތާއަކަށްވެފައި އޮއްވައި މާނޭއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ސްކޮޑަށް ނެގިއެވެ. ވޯލްޑް ކަޕްގެ ވަކި ހިސާބަކުން މާނޭ ފެންނާނެ ކަމަށް ބަލައިގެން ތިއްބައި، އޭނާ ސާޖަރީއަކަށް ދާން ޖެހި ސްކޮޑުން ބޭރުވާން ޖެހުނެވެ. އެއީ މުޅި ސެނެގާލްގެ އިތުރުން ދުނިޔޭގެ ފުޓުބޯޅަ މާޔޫސްވި ހަބަރެކެވެ.
ސަބަބަކީ މާނޭއަކީ ސެނެގާލްގެ އެންމެ މޮޅު ކުޅުންތެރިޔާ އެކަނި ނޫން ކަމަށްވުމުންނެވެ. މާނޭއަކީ ދުނިޔޭގެވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގައި ދެއްކި ކާމިޔާބު މޮޅު ކުޅުމާއެކު، އޭނާއަކީ މިއަހަރު ދިން ބެލޮންޑިއޯގެ ތިންވަނައެވެ. ސެނެގާލް ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިދިން މާނޭއަކީ ކްލަބު ފުޓުބޯޅައިގައިވެސް ކާމިޔާބު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް މާނޭ ވަނީ 93 މެޗުން 34 ގޯލު ޖަހައިދީފައެވެ.
ކޯޗު، އަދި ގައުމީ ފުޓުބޯޅަ ލެޖެންޑް ސީސޭގެ ނަޒަރުގައި މާނޭ ނެތްކަމުގެ ފަޅުކަން މުޅި ފުޓުބޯޅަ އާއިލާއަށް އިހުސާސްވާނެއެވެ.
ސެނެގާލްގެ ތަރި މާނޭއާ ނުލައި ނުކުންނަ ޓީމަށް ހިތްވަރު ދޭން ހުރީ ގައުމުގެ ފުޓުބޯޅަ ތާރީހުގެ ހާއްސަ ކޯޗެކެވެ. ސީސޭއަކީ ކޯޗެއްގެ ތަޖުރިބާ އެންމެ ބޮޑު ނޫން ނަމަވެސް، ސެނެގާލް ތާރީހުވެސް ދުށް އެންމެ މޮޅު އެއް ޑިފެންޑަރެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ޑިފެންޑަރެއްވެސް މެއެވެ. 2002 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ސީސޭ ވަނީ އެއަހަރު އެފްކޯން ފައިނަލްގައިވެސް ސެނެގާލާއެކު ކުޅެފައެވެ.
އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ކުޅުނު ފުރަތަމަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި 2002 ކުޅެ، އެ ބަލީގެ ހިތި ތަޖުރިބާ ކުރެވުނު ސީސޭ ވަނީ އެގައުމަށް ކޯޗެއްގެ ގޮތުގައި ތަށި ހޯދައިދީފައެވެ. 2019 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ގެންގޮސް، މިދިޔަ އަހަރު މުބާރާތުގައިވެސް އެ މަގާމަށް ޓީމު ގެންގޮސް ނިންމާލީ ރަން މެޑަލް އަޅައިގެންނެވެ.
ސެނެގާލްގެ ގައުމީ ޓީމަކީ ސީސޭއަށް އަބަދުވެސް ހާއްސަ މަސައްކަތެއްކަން އޭނާ ފާހަގަކުރެއެވެ. އޭނާގެ އުންމީދުތައް ގުޅިފައިވާނީ މިހާރު އޮތް ޖީލާއެކު ވޯލްޑް ކަޕްގެ ކާމިޔާބީތަކާއެވެ.
"މާނޭ ނެތްކަމުގެ ފަޅުކަން އިހުސާސް ވާނީ ހަމައެކަނި ސެނެގާލްގެ ކުޅުންތެރިންނަކަށް ނޫން، މުޅި ފުޓުބޯޅަ ދުނިޔެއަށް. މުޅި ފުޓުބޯޅަ އާއިލާވެސް މާނޭގެ އަނިޔާއަށް ހިތާމަކުރާނެ. އެއީ މާނޭއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔަކަށްވާތީ،" ސީސޭ ބުންޏެވެ.
ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގެ މައްޗަށް ވާހަކަ ދައްކަމުން ސީސޭ ބުނީ އަހަރުތަކެއް ކުރިއާއި މިހާރު ތަފާތު ކަމަށާއި، އެފްރިކާ ފުޓުބޯޅައިގެ ކުޅުންތެރިން ޔޫރަޕްގެ ވަރުގަދަ ލީގުގައި ކުޅޭތީ، އެފްރިކާގެ ޓީމުތައް ވަރުގަދަވާނެ ކަމަށެވެ.
"މީގެ 20 އަހަރު، 35 އަހަރުކުރިން ކުޅުނު އެފްރިކާގެ ޓީމުތަކާ މިހާރުގެ ޓީމުތަކާ ތަފާތުވާނެ. މިއަދު އަހަރެމެންގެ ޓީމުތަކުގައިވެސް ތިބީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން. އެންމެ މުހިއްމު ކަމަކީ ޖެހިލުން ކުޑަކަމާއެކު މެޗަށް ކުރިމަތިލުން. އަމިއްލަ ކުޅުން ޓީމުގެ ފަރާތުން ދެއްކުން،" ސީސޭ ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ނެދަލޭންޑްސް ނުކުތީ ވޯލްޑް ކަޕް ނަގަން ކަމަށް އެޓީމުގެ ކޯޗު ލުއިސް ވެން ހާލް ބުނެފައިވާ އިރު، ސެނެގާލާއި ނެދަލޭންޑްސްގެ ފެށުން އޮންނާނީ މިރޭ 9:00ގައެވެ. މެޗު ކުޅެވޭނީ ތުމައިމާ ސްޓޭޑިއަމްގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022