ގަތަރުގައި މިއަދު ފަށާ ފީފާ ވޯލްޑް ކަޕް ދެއްކުމަށް އެޗްޑީސީން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބަހައްޓާ ސްކްރީންތައް ކައިރީގައި އެއްފަަހަރާ 13،000 މީހުންނަށް މެޗު ބަލަން ތިބެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ގަތަރު ވޯލްޑް ކަޕް މެޗުތައް ބެލުމަށް އެޗްޑީސީން ބަހައްޓާ ސްކްރީންތައް ހުންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައާއި ހިޔާ ފްލެޓްތަކުގެ އިރުއުތުރުން އޮންނަ ހުސް ބިމުގައެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ދިނުމަށް "ބޯޅަފޯރި"ގެ ނަމުގައި ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބަހައްޓާ 20 ފޫޓު 40 ފޫޓުގެ މި ސްކްރީންތައް ވެގެންދާނީ މާލެ ސަރަހައްދުގައި ބަހައްޓާނެ އެންމެ ސައިޒުން ބޮޑު ދެ ސްކްރީނަށެވެ.

ސްކްރީންތަކުގެ އެންމެ ފަހުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނައިރު އެ ކޯޕަރޭޝަނުގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް މެނޭޖާ އަހުމަދު މިމްރާހު މިއަދު "ވަން" އަށް ވިދާޅުވީ ހުޅުމާލޭގައި ބަހައްޓާ ދެ ސްކްރީނުން އެއްފަހަރާ 13،000 ހާ މީހުންނަށް މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ސްކްރީނުތަކުން މެޗު ބަލަން އަންނަ މީހުންނަށް އިށީނދެވޭނޭ އިންތިޒާމުތައްވެސް އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށާއި ނަމަވެސް ގޮނޑިތައް ބަހައްޓާނީ ސްކްރީންތަކުން މެޗު ބަލަން އަންނަ މީހުންގެ އަދަދަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ.

މިމްރާހު ވިދާޅުވީ ސްކްރީންތަކުގައި ލެޑް އެޅުވުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެ ސަރަހައްދުގައި ވާންޖެހޭ އިތުރު ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މެޗުތައް ބަލަން ތިބޭ ސަޕޯޓަރުންނަށް ލުއިކާނާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން "ފުޑް ސްޓޯލް"ތަކެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން މެޗުތައް އޮންނަ ވަގުތު ތަކުގައި، މެޗުތައް ފެށުމުގެ ކުރިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.