ދުނިޔެ

ގަތަރު ވޯލްޑްކަޕް 2022: ގަތަރާއިމެދު ޔޫރަޕުން ވާހަކަ އެދައްކަނީ ދެ އަނގައިންނެވެ.

އިމާދު ލަތީފު

ގަތަރުގައި މިފަހަރު މިބާއްވަނީ 22 ވަނަ ފީފާ ވޯލްޑްކަޕެވެ. ވޯލްޑްކަޕް މުބާރާތް އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވުނުފަހުން ފާއިތުވި 92 އަހަރުގެ ތެރޭގައި 21 ވޯލްޑްކަޕް ވަނީ ކުޅެފައެވެ. ވޯލްޑްކަޕްގެ ދިގު މާޒީއަށް ނަޒަރު ހިންގައިލާއިރު މުބާރާތް ބޭއްވި އެއްވެސް ގައުމަކަށް ގަތަރަށް މިހާރު ކުރިމަތިލާންޖެހިފައިވާ ފާޑުކިޔުންތަކާއި މަލާމާތާއި ފުރައްސާރަ ކުރިމައްޗެއް ނުވެއެވެ. ޔޫރަޕުގެ މީހުންނަށް ގަތަރު އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ގައުމު މާކުޑައީއެވެ. މީހުން މަދީއެވެ. މޫސުމުގެ ހޫނުކަން ބޮޑީއެވެ. ދީނާއި ސަގާފަތް ގޯހީއެވެ. ބަހާއި މީހުންވެސް ގޯހީއެވެ. ގާނޫނުތަކާއި ގަވާއިދުތައްވެސް ގޯހީއެވެ. ކަމުދާ ހަމައެއްކަމެއްވެސް ނެތީއެވެ. ފާޑުކިޔުމާއި ފުރައްސާރަކުރުން ނޫން އެއްވެސްކަމެއް ނެތެވެ. މައިގަނޑު އުޒުރަކީ އިންސާނީ ހައްގުތަކުގެ މައްސަލަޔާއި ޑިމޮކްރަސީޔޯލައެވެ.

ގަތަރު ކުޑަވެގެން އަދި އާބާދީ މަދުވެގެން ވޯލްޑްކަޕް ބާއްވަން ޝަރުތު ހަމަނުވަންޏާ 1930 ވަނަ އަހަރާއި 1950 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވި އުރުގުއާއީވެސް ކޮލިފައިއެއް ނުވާނެއެވެ. އެވާހަކައެއް ނުދައްކައެވެ. އުރުގުއާއީގައި އޭރު ދޮޅު މިލިޔަން މީހުންވެސް ހަމަނުވެއެވެ. އުރުގުއާއީގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ދޮންމީހުން ކަމަށްވާތީ އުނިސިފައެއް ނެތެވެ. ގަތަރުގެ ގަދަހޫނުގެ ސަބަބުން ވޯލްޑްކަޕް ބާއްވަން ކުފޫ ހަމަނުވަންޏާ ގަދަފިނީގެ ސަބަބުން ކުފޫހަމަނުވާ ބަޔަކުވެސް ތިބެންވާނެތާއެވެ. އެކަމަކު 1954 ވަނަ އަހަރު ސުވިޒަރލޭންޑުގައި އަދި 1958 ވަނަ އަހަރު ސުވިޑަންގައި ވޯލްޑްކަޕް ބޭއްވިއިރު މޫސުމުގެ މައްސަލައެއް ނާދެއެވެ. ސުވިޒަރލެންޑުގައި އޭރު ތިންމިލިޔަން ހަމަނުވެއެވެ. ސުވިޑަންގައި ހަމިލިޔަން ހަމަނުވެއެވެ. އެކަމަކުވެސް ބަރާބަރެވެ.

ގައުމެއްގައި އޮންނަ ސަރުކާރެއްގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން ބޮޑުކަމުން، މީހުން މަރާތީއާއި ގާނޫނުތަކުގެ ހަރުކަށިކަން ބޮޑުކަމުން، އަދި އަވަށްޓެރި ގައުމުތަކަށް އިހުތިރާމް ނުކުރާތީ ވޯލްޑްކަޕް ނުބޭއްވެންޏާ 1934 ވަނަ އަހަރު އިޓަލީގައި ވޯލްޑްކަޕެއް ނުބާއްވާނެއެވެ. ވެރިކަމުގައި ހުރީ ޖައްބާރުކަމަށް އަރައިހުރި ބެނީޓޯ މުސޮލީނީއެވެ. އެކަމަކު ވޯލްޑްކަޕް ބޭއްވީ އިޓަލީގައެވެ. އަނިޔާގެ ވާހަކަތަކެއް ނުދައްކައެވެ. މީހުން މަރާ ވާހަކައެއް ނުދައްކައެވެ. މީހުންނަށް އުޖޫރަނުދީ އަޅުންގެ ގޮތަށް މަޖުބޫރުން މަސައްކަތްކުރުވުމަކީ މައްސަލައަކަށް ވަންޏާ 1938 ވަނަ އަހަރު ފްރާންސްގައި ވޯލްޑްކަޕެއް ނުބޭއްވޭނެއެވެ. އަލްޖީރިޔާއާއި ޓިއުނީޝިޔާގައި ފަރަންސޭސި އިސްތިއުމާރީ ވެރިންގެ އަނިޔާވެރި އަމަލުތައް އޭރު އޮތީ އިންތިހާއަށް އުފުލިފައެވެ. އެވާހަކަ ދައްކާ ބަޔަކު ނެތެވެ.

ބައެއް މީހުން ބުނުން އެކަށީގެންވެއެވެ. ތިޔައީ އަންޒަމާނު ކަރަޔަށް ވައިއެރި ދުވަސްވަރުގެ ވާހަކައެވެ. މިޒަމާނުގެ ވާހަކައެއް ދައްކަބަލާށެވެ. އެންމެ ރަނގަޅެވެ. މިޒަމާނުން ފަށަމާބަހީއެވެ. އާޖެންޓީނާގައި 1978 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުނުއިރު އެގައުމުގައި އޮތީ ވަރަށްވެސް އަނިޔާވެރި ޚުދުމުޚުތާރު އަސްކަރީ ވެރިކަމެކެވެ. ޑިމޮކްރަސީއެއް އިންސާނީ ހައްގެއް އެހެން އެއްޗެއް ނެތެވެ. ދެކޮޅުވެރިންކަމަށް ބަލައި މީހުން މެރީ ވަކިވަރަކަށް ނޫނެވެ. އެކަމަކު ވޯލްޑްކަޕް އޮތީ ބާއްވައިފައެވެ. އާޖެންޓީނާގެ ވެރިކަމާއި ނިޒާމުވެސް ބަރާބަރެވެ. އަޣުލަބިއްޔަތު އޮތީ ދޮންމީހުންނަށް ކަމުގައިވާތީއެވެ. ބްރެޒިލްގައި 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވީ އެތައް މިލިޔަން ފަގީރުންނެއް ސަހަރުތަކުން ބޭރުކޮށް އެމީހުންގެ ޖިފުޓިތައް ތަޅައި ކުދިކުދިކޮށް ރަށުގެ މަލަމަތި ރީތިކޮށްފައެވެ. އެވާހަކައެއް ނުދައްކައެވެ.

އެމެރިކާގައި 1994 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ބޮޑު ނަަސްލީ ތަޅާފޮޅުންތަކެއް ހިނގައި ކަޅުމީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްގަކާއި ނުލައި މެރުމުގެ ހިތާމަވެރި ހާދިސާއަށް ދާދި ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ވަކިން ޚާއްސަކޮށް ކެލިފޯނިއާގައި ދޮންމީހުންނާއި ފުލުހުން ބަޑިޖަހައި މަރާލި ކަޅުމީހުންގެ އަދަދު ގިނައެވެ. އެކަމަކު ހަމައެއްވެސް ބަޔަކު އެވާހަކައެއް ނުދައްކައެވެ. ކަޅުމީހުންގެ އިންސާނީ ހައްގެއްވެސް ކަރާމާތެއްވެސް ނެތީ ތޯއްޗެކެވެ. އެމެރިކާއިން 1945 ވަނަ އަހަރު ޖަޕާނުގެ ހިރޮޝީމާއާއި ނަގަސާކީއަށް ނިއުކުލިއަރ ބޮން އެޅީމާ މަރުވެގެންދިޔަ އެތައް ލައްކަ ބައެއްގެ މަތިން ހަނދާންކުރި ބަޔަކުވެސް އެމުބާރާތުގެ ތެރެއަކުން ނުފެނެއެވެ. އެމެރިކާ ހަމަބަރާބަރެވެ. އިންސާނީ ހައްގުތައްވެސް ބަރާބަރެވެ.

އެންމެފަހުން މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި ބޭއްވުނު 2018 ގެ ވޯލްޑްކަޕަށް ބަލައިލަމާބަހީއެވެ. ރަޝިޔާ ސިފައިން ތިބީ އޭރުވެސް ޔުކްރޭނުގެ ކްރައިމިއާއަށް އަރައި އެތަން ހިފައިގެންނެވެ. އެކަން ބޮޑު މައްސަލައަކަށް އޭރަކު ނުވިއެވެ. ކަޅު މީހަކަށް އަދި އޭޝިއާގެ ކުލަ އަނދިރި މީހަކަށް އަމާންކަމާއެކު މަގުމައްޗަށް ނުކުމެ ނޫޅެވޭވަރަށް ނަސްލީ ތަފާތުކުރުމާއި ނަފުރަތު އޮތީ އާއްމުވެފައެވެ. އެކަމަކު ވޯލްޑްކަޕު ނުބާއްވަން، ބޮއިކޮޓްކުރަން ވާހަކަ ދެއްކި ބަޔަކު ނެތެވެ. މިހާރު މިވެރިން ހައްގުތަކުގެ ވާހަކަޔާއި ޑިމޮކްރަސީގެ ވާހަކަ ގިނަކޮށް ގަތަރު ބޮއިކޮޓްކުރާ ވާހަކަ އެދައްކަނީ ހަމަ ނަސްލީ ހަސަދައިގެ ސަބަބުންނެވެ. ވޯލްޑްކަޕް ބާއްވަން ޖެހެނީވެސް މިވެރިންގެ ތެރޭގައެވެ. ވިސްނުމަކީ އަދިވެސް އިސްތިއުމާރީ ޒަމާނުގެ ބޯދާ ވިސްނުމެވެ. ދެ އަނގައިން ވާހަކަ ދައްކަނީ އެހެންވެގެންނެވެ.