ބާ ކައުންސިލުން ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާން މިއަދު ބާއްވައިފިއެވެ.
ބާ އިމްތިހާނު ބާއްވާފައިވަނީ މާލެއާއި އައްޑޫ ސިޓީގައެވެ. އެ އިމްތިހާނުގައި 176 މީހަކު ބައިވެރިވިއެވެ.
"ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ގައިވާ ގޮތުން ކޯޓުތަކުގައި ވަކާލާތުކުރައްވާ ވަކީލުންނަށް ލައިސަންސް ލިބޭނީ އެ އިމްތިހާނުން ފާސްވެގެންނެވެ. ދައުލަތުގެ ވަކީލުންނާއި ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރައްވާ ލީގަލް އޮފިސަރުން އެ އިމްތިހާނު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.
އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބާ އިމްތިހާނެއް ބާއްވަން މަސައްކަތްކުރީ 2019 ވަނަ އަހަރެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެ އިމްތިހާނު ފަސްކުރަން ޖެހުމުން ބާ ކައުންސިލުން ވަނީ 283 ވަކީލުންނަށް ވަގުތީ ލައިސަންސް ދޫކޮށްފައެވެ. އެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު ވަގުތީ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ބާ ކައުންސިލުގެ އިމްތިހާނު ހަދާކަށް ނުޖެހޭނެއެވެ. ގާނޫނު ބުނާ ގޮތުގައި ބާ އިމްތިހާނު ފުރިހަމަކުރާތާ މަދުވެގެން 21 ދުވަހުގެ ތެރޭގައި ލައިސަންސް ހަމަޖައްސަން ޖެހެއެވެ.
ބާ ކައުންސިލުގެ އިމްތިހާނުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ލޯ ޑްރާފްޓިންއެވެ.
ބާ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެ އަސާސީ ދެ ކަންތަކުގެ ތެރެއިން އެއް ކަންތަކެވެ. ބާ އިމްތިހާނުގެ އިތުރުން އަދި ތަމްރީން ޕްރޮގްރާމެއްވެސް ފުރިހަމަކުރަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު