އުރީދޫ މޯލްޑިވްސް އިން ބާއްވާ "އުރީދޫ ފަން ރަން" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް، http://ore.do/funrunkit މެދުވެރިކޮށް ރެޖިސްޓާވުމަށް ފުރަތަމަ ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށެެވެ.
އުރީދޫން މިއަދު ބުނީ، އެ މުއްދަތު މި މަހުގެ 30އާ ހަމައަށް އިތުރުކުރީ ގިނަ އަދަދެއްގެ ރިކުއެސްޓާއެކު ކަމަށެވެ.
މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫން ބުނީ އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.
އެގޮތުން އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ ހިނގާފައިވެސް ޖޮގުކޮށްފައިވެސް ރޭސް ނިންމިދާނެއެވެ.
އުރީދޫ ފަން ރަންއަށް ސްޓޭންޑާޑް ކިޓްސް އަދި ފަން ކިޓްސް ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ އިރު، އޭގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ޚަބަރު
ޚަބަރު