ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައިގެ ކަނިތަކެއް ހުސްވި ހަފުތާތެރޭގައި ނޭޓޯއަށް ވަނީ ބުރައިގެން ގޮސްފައެވެ. ޔުކްރޭނުގެ އިމާއި ދާދިގާތުގައިވާ ޕޮލެންޑުގެ އަވަށަކަށް ވަރުގަދަ މިސައިލެއް އަރައި ޕޮލެންޑުގެ ދެމީހަކު ވަނީ މަރުވެފައެވެ. މިއީ ތިންސަތޭކައެއްހައި މީހުން ދިރިއުޅޭ ކުޑަކުޑަ އަވަށެކެވެ. ހަމަލާއެރުމާއެކު ޕޮލެންޑުގެ ރައީސް ޑޫޑާ އިއުލާން ކުރެއްވިއެވެ. ނުރައްކާތެރިކަން ބޮޑުވީއެވެ. ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފުޅާވުމަށް މަގުފަހިވީއެވެ. މިސައިލަކީ ގަބޫލުކުރެވޭގޮތުން ރަޝިޔާގެ އުފެއްދުމެކެވެ. ރައީސް ޑޫޑާގެ ވިދާޅުވުމާއި ގުޅިގެން މުޅިދުނިޔެއަށް ފެތުރިގެންދިޔައީ ބިރުވެރިކަމެވެ. ޕޮލެންޑަކީ ނޭޓޯގެ މެންބަރު ގައުމަކަށްވާތީ ޕޮލެންޑުގެ ދިފާއުގައި މުޅި ނޭޓޯ ތެދުވެ ރަޝިޔާއަށް ހަމަލަދޭން ފަށައިފާނެކަމުގެ ބިރު މުޅި ދުނިޔެއިންވެސް އިހުސާސްކުރިއެވެ.
ނޭޓޯއަކީ ދުނިޔޭގައިވާ އެންމެ ބޮޑު އަސްކަރީ ޖަމާއަތެވެ. ތިރީހަކަށް ގައުމު އޮވެއެވެ. މި ޖަމާއަތް އުފެދުނީވެސް އަދި ދެމިއޮންނަނީވެސް ރަޝިޔާއަށް ގޮންޖެހުމުގެ ގޮތުންނެވެ. އެހެންވީމާ ރަޝިޔާގެ މިސައިލެއް ނޭޓޯގެ ގައުމަކަށް އެރީމާ ދެން ކަންކަން ފުރޮޅިގެން ބަދަލުވެގެން ހިނގައިދާނެ ގޮތްގޮތާމެދު ކަންބޮޑުވުން އުފެދޭނޭތާއެވެ. އަސްކަރީ ކަންކަމާމެދު ދިރާސާކުރާ ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ނޭޓޯގެ ޗާޓަރުގެ ހަތަރުވަނަ މާއްދާއަށް އަމަލުކުރަން ފަށަންވީ ވަގުތެވެ. މިއީ ނޭޓޯގެ މެންބަރު ގައުމަކަށް ބޭރުގެ އުދުވާނެއް އަތުވެއްޖެނަމަ އެކަން ތަހުގީގުކޮށް ހަގީގަތް ދެނެގަތުން ލާޒިމުކުރާ މާއްދާއެވެ. އަނެއް ބައެއްގެ ނަޒަރުގައި މާއްދާ ހަތަރަކަށްފަހު މާއްދާ ފަހަކަށް އަމަލުކުރުންވެސް ލާޒިމެވެ. މާއްދާ ފަހަކީ އެންމެންވެގެން ރައްދު ހަމަލާ ދިނުން ލާޒިމުކުރާ މާއްދާއެވެ.
ޕޮލެންޑަށް މިސައިލް އެރި ދުވަހަކީ ޔުކްރޭނުގެ ހަކަތަ އުފެއްދުމާބެހޭ ތަންތަނަށް ރަޝިޔާއިން މިސައިލްގެ ގަދަފަދަވެގެންވާ ހަމަލާތަކެއްދިން ދުވަހެކެވެ. ރާޅަކަށްފަހު ރާޅެއްގެ ސިފައިގައެވެ. ޕޮލެންޑަށް މިސައިލެއް އެރުމާއެކު ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. ހަނގުރާމައިގެ މިސްރާބު ބަދަލުވީއެވެ. ހުޅުގަނޑު ނޭޓޯއަށްވެސް ފެތުރުނީއެވެ. އެންމެން އެއްބައިވެގެން ރަޝިޔާއާ ކުރިމަތިލައި ބަލިކޮށްލުމުގެ ވަގުތު އައީއެވެ. ޕޮލެންޑުގެ ހާދިސާ ރަޝިޔާގެ ބޮލުގައި އަޅުވައި މި ހަނގުރާމައިގެ ތެރެއަށް ސީދާގޮތުން ނޭޓޯ ވެއްދުމަށް ޔުކްރޭނު ބޭނުންވެފައިވާ މިންވަރު ރައީސް ޒެލެންސްކީގެ ވާހަކަފުޅުން މޭރުންވެއެވެ. އެހެންނަމަވެސް ނޭޓޯގެ ގައުމުތަކުގެ ލީޑަރުންނާއި ސިޔާސަތު ރާވާ މީހުންގެ ވިސްނުން ވަރަށް ތަފާތެވެ. ބަސްމަގުވެސް ތަފާތެވެ.
އެމެރިކާޔާއި ނޭޓޯގެ އެހެނިހެން ގައުމުތަކުގެ ވެރިން މިހާރު ވިދާޅުވަނީ މިހެންނެވެ. ޕޮލެންޑަށް އެރި މިސައިލަކީ ރަޝިޔާއިން ފޮނުވައިލި މިސައިލެއް ނޫނެވެ. އެއީ ވައިގެތެރޭގައި ރަޝިޔާގެ މިސައިލެއް ނުވަތަ މިސައިލްތަކެއް ގޮއްވައިލުމަށް ޔުކްރޭނުން އުދުއްސައިލި މިސައިލެއް ކަސިޔާރުވެގެންގޮސް ޕޮލެންޑަށް އެރީއެވެ. ޕޮލެންޑުގެ ރައީސް ޑޫޑާވެސް އެންމެ ފުރަތަމަ ދުވަހު މިއީ ރަޝިޔާގައި އުފައްދާފައިވާ މިސައިލެކޭ ވިދާޅުވިޔަސް ފަހުން ވަނީ ބަސްމަގު ބަދަލުކުރައްވައިފައެވެ. އޭނާވެސް މިހާރު ވިދާޅުވަނީ ޔުކްރޭނުގެ މިސައިލެއް ކަސިޔާރުވެގެން ޕޮލެންޑަށް އެރީކަމުގައެވެ. ނޭޓޯގެ ބަސްމަގު މިގޮތަށް ހުރުމުން ޔަގީންވާ އެއްޗަކީ ރަޝިޔާއާ ސީދާގޮތެއްގައި ކުރިމަތިލުމަކީ ނޭޓޯގެ މަގުސަދެއް ނޫންކަމެވެ. ސީދާގޮތެއްގައި ރަޝިޔާއާ ކުރިމަތިލާން ނޭޓޯ ނުވެސް ވިސްނާނޭ ކަމެވެ. ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ.
ނޭޓޯއަކީ ވަރަށް ބިޔަ ޖަމާއަތެކެވެ. އެހެންވީމާ ކޮންވެންޝަނަލް ހަނގުރާމައެއްގައި ރަޝިޔާ ގިނިކަންޏާ އޮވެގެން ނޭޓޯއާ ކުރިމައްޗެއް ނުލެވޭނެއެވެ. އެޒާތުގެ ހަނގުރާމައެއްގައި ރަޝިޔާ ބަލިވުން ނުހަނު ގާތެވެ. ޕޮލެންޑުގެ މައްސަލައިގައިވެސް އަދި އެނޫން މައްސަލައެއްގައިވެސް މުޅި ނޭޓޯ ގުޅިގެން އެކީއެކައްޗަކަށް ރަޝިޔާއަށް ހަމަލާދީފިނަމަ ކޮންވެންޝަނަލް ހަތިޔާރުގެ ބަދަލުގައި ރަޝިޔާ ހިފާނީ ނިއުކުލިއަރ ހަތިޔާރުގައެވެ. އެއީ ޔަގީންކަމެކެވެ. ނިއުކުލިއަރ ހަނގުރާމައެއްގައި އެއްވެސް ބަޔަކަށް ކުރިލިބުމެއް ނުވެއެވެ. ބަލިވާނީ މުޅިދުނިޔެއެވެ. ބަރުބާދުވެ ފަނާވެގެންދާނީ މުޅި ދުނިޔެއެވެ. އެހެންވީމާ ޒެލެންސްކީ އަދި މިކަމަށް ކިތަންމެ ބޭނުންފުޅުވިޔަސް މި ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ނޭޓޯ ވަނުން ވަރަށް ދުރެވެ. އެކަމެއް ނުކުރާނެއެވެ. ނުކުރެވޭނެއެވެ.
ނޭޓޯއަށް ކުރެވޭނޭވަރު މިހާރުވެސް އެކުރަނީއެވެ. އެކަމަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމެވެ. ޕޮލެންޑަށް އެރި މިސައިލަކީ ރަޝިޔާގެ މިސައިލަކަށްވެފައި ކުރިއަށްއޮތްތަނުގައި އެޒާތުގެ އިތުރު މިސައިލްތައް ޕޮލެންޑާއި ރުމޭނިޔާއާއި ހަންގޭރީއަށް އެރިއަސް ސީދާގޮތެއްގައި ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައެއް ނުފަށާނެއެވެ. ކުރެވޭނޭ ކަމަކީ ނުވަތަ ކުރާނޭކަމަކީ ޔުކްރޭނަށް ހަތިޔާރުދިނުން އިތުރުކުރާނީއެވެ. ޚާއްސަގޮތެއްގައި ވައިގެ ދިފާއާބެހޭ އެންމެ ޒަމާނީ ހަތިޔާރުތަކެވެ. އެކަމަކު ނޭޓޯއިންވެސް ވިސްނާނެއެވެ. ކިތަންމެ ގިނައިން ހަތިޔާރު ދިނަސް ރަޝިޔާ ބައްޔެއް ނުކުރެވޭނެއެވެ. ކުރެވޭނޭ ކަމަކީ ހަނގުރާމަ ދިގުދެންމުމެވެ. އެއީ ނޭޓޯއަށްވެސް އަދި އެހެންބަޔަކަށްވެސް ފައިދާހުރި ގޮތެއް ނޫންކަން މޭރުންވާ ވަރަށް މިހާރުވެސް ހަނގުރާމަ އޮތީ ދިގުދެމިގެން އައިސްފައެވެ.