މޯލްޑިވްސް ކަސްޓަމްސްއަށް ޑިކްލެއާ ނުކުރާ ނުވަ މިލިއަނަށްވުރެ ގިނަ ފައިސާ ފާއިތުވި ހަތަރު އަހަރު ތެރޭގައި ހިފަހައްޓާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ކަސްޓަމްސް އިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޑިކްލެއާ ނުކޮށް ނުވަތަ ގަވާއިދާ ހިލާފަށް ރާއްޖެއަށް ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގެ ނުވަ މައްސަލައެއް ތަހުގީގުކޮށް ނުވަ މިލިއަނަށްވުރެ ގިނަ ފައިސާ ހިފަހައްޓާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 2019 ވަނަ އަހަރު ހަ މައްސަލައެއް ތަހުގީގުކޮށް ހިފެހެއްޓި 179،287 އެމެރިކާ ޑޮލަރާއި 5،415 ޔޫރޯ އަދި 3.4 މިލިއަން ދިވެހި ރުފިޔާ އާއި 2020 ވަނަ އަހަރު ދެ މައްސަލައެއް ތަހުގީގުކޮށް ހިފެހެއްޓި 139،700 އެމެރިކާ ޑޮލަރެވެ. އަދި 2021 ވަނަ އަހަރު ތަހުގީގުކޮށްފައި ވަނީ އެންމެ މައްސަލައެކެވެ. އެ މައްސަލަ ތަހުގީގުކޮށް 1.1 މިިލިއަން ރުފިޔާ ހިފަހައްޓާފައިވާ އިރު، މިއަހަރުގެ މިހާތަނަށް އެފަދަ މައްސަލައެއް ތަހުގީގުކޮށްފައެއް ނުވެއެވެ.
ފާއިތުވި ހަތަރު އަހަރު ތެރޭގައި ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ރާއްޖެއަށް ފައިސާ އެތެރެކުރުން އަދި ބޭރުކުރަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި ބަންގުލަދޭޝްގެ ތިން މީހެއްގެ އިތުރުން ތިން ދިވެހިންނެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ބުނެފައިވާ ގޮތުން، 17 ޖެނުއަރީ 2021 އިން ފެށިގެން 10،000 އެމެރިކާ ޑޮލަރަށްވުރެ ނުވަތަ އެއާ އެއްވަރުގެ އަދަދަކަށް ދިވެހި ރުފިޔާ ނުވަތަ އެހެން ފައިސާއެއް އެތެރެ/ބޭރު ކުރާނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު