އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 21

އަބްދުﷲ ފާރޫގް ހަސަން

(11 ނޮވެމްބަރުގެ އަދަދާ ގުޅޭ)

سلطـــان بــايـــزيــد خــــان ޔިލްދިރިމާމެދު أمـيـــــرتــيـــمــــــور ބެހެއްޓެވި ސުލޫކާ ބެހޭގޮތުން "ތާރީޚެ އިސްލާމް" ގެ މުސަންނިފު ޚިޔާލު ފާޅުކުރައްވައިފައިވެއެވެ.

"تــيـــمــــــور ވަނީ سلطـــان بــايـــزيــد ދަގަނޑުކޮށްޓެއްގައި ބަންދުކުރައްވައިފައެވެ. އަންގޯރާގެ ހަނގުރާމަޔަށްފަހު بــايـــزيــد ހައްޔަރުކުރައްވައިގެން އެތަންމިތާނގައި އޭނާގެ އަރިހުގައި ހިންގުވިއެވެ. سلطـــان بــايـــزيــد خــــان ޔިލްދިރިމަކީ ނުހަނު ކީރިތި މޫރިތި ޝަހެންޝާހެކެވެ. އެފަދަ ބޭފުޅަކު އެހައި ނިކަމެތިގޮތަކަށް ޤައިދުކުރެއްވުމާއި އެރަދުން ނިކަމެތިކުރައްވައި އިޝްތިހާރުކުރައްވައިގެން ހިތްޕުޅަށް އުފާ ހޯއްދެވުމަކީ تــيـــمــــــور ގެ މާތް އަޚްލާޤުގައި ޖެހުނު ކަޅު، ހުތުރު ލައްގަނޑެކެވެ. ހިތްވަރުގަދަ މާތްމީހުންނަށް ތިމާމެންގެ ވާދަވެރި ދުޝްމިނުންގެ މައްޗަށް ފުރިހަމަޔަށް ބާރު ހިންގެވޭހިނދު އެބޭފުޅުން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ އެ މަޖްބޫރުކުރެވި ބަލިކުރެވިފައިވާ ދުޝްމިނުންނާމެދު އިޙްސާންތެރިވެވަޑައިގެންނެވުމަށެވެ. ސުލްޠާން އަލްޕު އަރުސަލާން ސަރްޖޫޤީ މިލާޛުކުރޫގެ މައިދާނުގައި ރޫމުގެ ޤައިޞަރު (އަރުމާނޫސް) ހައްޔަރުކުރެއްވިއެވެ. އަލްޕު އަރުސަލާން ނުހަނު ޢިއްޒަތާއި އިޙްތިރާމާއެކު ޤައިޞަރު ދޫކޮށްލެއްވިއެވެ. އަލްޕު އަރުސަލާން ފަތަޙަކުރައްވައިފައިހުރި ޤައިޞަރުގެ ރަށްތައްވެސް އަނބުރާ ޤައިޞަރަށް ދެއްވިއެވެ. ޕަންޖާބުގެ ރާޖާ ހައްޔަރުކުރެވިގެން ސިކަންދަރު ޔޫނާނީގެ ކުރިފުޅުމައްޗަށް ގެނެވުނުހިނދު ސިކަންދަރު ޔޫނާނީ ޕަންޖާބުގެރާޖާ ހުސްއެކަނި ދޫކޮށްލެއްވީކީ ނޫނެވެ. ޕަންޖާބުވެސް ރާޖާއަށް އަނބުރައިދެއްވިއެވެ. އޭގެއިތުރަށް ސިކަންދަރުގެ ފަރާތްޕުޅުން އިތުރު ސަރަޙައްދުތައް ރާޖާއަށް ދެއްވިއެވެ. ޚުދު بــايـــزيــد ޔިލްދިރިމް ނައިކޯޕޯލިސް ހަނގުރާމައިގައި ހައްޔަރުކުރެއްވި ޔޫރަޕުގެ ފަންސަވީސް އަމީރުން ދޫކޮށްލެއްވިއެވެ. ތިޔަބޭފުޅުން އަލުން ރަނގަޅަށް ތައްޔާރުވެވަޑައިގެން އަޅުގަނޑާ ހަނގުރާމަޔަށް ވަޑައިގަންނަވާށޭ ވިދާޅުވެފައެވެ. ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަ ހުއްޓެވެ. بــايـــزيــد ފަދަ މިސާލެއް ނުވާފަދަ ހިތްވަރުފުޅުގަދަ އަދި އެހައިމެ އަރައިހުންނެވި އިސްލާމީ މުޖާހިދަކު تــيـــمــــــور ގެ އަތްޕުޅުދަށުގައި ހައްޔަރުވެވަޑައިގެންނެވުމުން تــيـــمــــــور ޢަމަލުކުރެއްވިގޮތަކީ އޭނާގެ ހިތްވަރުފުޅު ގަދަކަމާއި ރަށްތައް ފަތަޙަކުރެއްވުމުގެ ޤަދަރު މީހުންގެ ލޯމަތީގައި ވެއްޓުނުކަމެކެވެ. تــيـــمــــــور، بــايـــزيــد ލެއްވެވީ މީހުން ސިންގާ ލައިއުޅޭކަހަލަ ކޮއްޓަކަށެވެ. ޝައްކެއްނެތެވެ. تــيـــمــــــور ގެ ޝާޢިރީ ޚިޔާލުފުޅަށް އެކަމުގެ ސަބަބުން މީރުކަމެއް ލިބިވަޑައިގެންނެވިކަމުގައި ވެދާނެއެވެ. އޭނާއަށް ޢުޘްމާނީ ސިންގާ ޙަޤީޤީ ސިންގާއެކޭ އެއްފަދައިން ދަގަނޑުކޮއްޓަކަށް ލެއްވުނީތީއެވެ. އެކަމަކު تــيـــمــــــور ގެ އާދަމުގެދަރިވަންތަކަމަށް އިންސާނަކާއި ހައިވާނަކާ ތަފާތެއް ނުކުރެވުނުކަމުގައި ވާހަކަދައްކާ މީހުންނަށް ދެއްވާނެ ޖަވާބެއް އޭނާގެ އަތްޕުޅަކު ނެތެވެ.

"އަނެއްކޮޅުން تــيـــمــــــور ގެ ހުރިހާ ހިތްވަރުފުޅުގަދަކަމަކާއި ހަނގުރާމަވެރިކަމަކާއި ފަތަޙަކުރެއްވުމެއް ހުއްޓިފައިއޮތީ މުސްލިމު ރަސްރަސްކަލުން ބަލިކުރައްވައި ނިކަމެތިކުރެއްވުމާއި މުސްލިމުންގެ ރަށްރަށުގައި ޤަތުލުޢާންމު ހިންގެވުމުގެ މައްޗަށެވެ. ޣައިރުމުސްލިމު ބަޔަކާ ދެކޮޅަށް ޖިހާދުކުރެއްވުމުގެ ތައުފީޤެއް އޭނާއަށް ދުވަހަކުވެސް ލިބިވަޑައެއް ނުގަންނަވައެވެ. ބިމުގެ ކަންކޮޅުތަކުގެ ތެރެއިން ޣައިރުމުސްލިމުން ދިރިއުޅުނު އަކައިންޗިއެއްވަރުގެ ތަންކޮޅެއްގައިވެސް ތައުޙީދުގެ ދަޢުވަތު ދެއްވިފައެއްނެތެވެ. سلطـــان بــايـــزيــد ޔިލްދިރިމް އަވަހާރަވުމަށްފަހު أمـيـــــرتــيـــمــــــور އަށްވެސް މާގިނަދުވަހަކު ދުނިޔެއަކު ނުހުންނެވުނެވެ. تــيـــمــــــور ސަމަރުގަންދަށް އެނބުރިވަޑައިގެންނެވުމަށްފަހު ޗައިނާއަށް ޙަމަލަދެއްވަން ޤަޞްދުކުރައްވައިގެން ދަތުރު ފެއްޓެވިއެވެ. އެއީ ޣައިރުމުސްލިމު ސަރަޙައްދަކަށް ޙަމަލަދެއްވަން އޭނާ ކަނޑައެޅުއްވި އެންމެ ފުރަތަމަފަހަރެވެ. ނަމަވެސް އަރަހުށި މާތް اللّـــه އޭނާގެ މަޤްޞަދު ޙާޞިލުކުރެއްވުމުގެ ތައުފީޤެއް ނުދެއްވިއެވެ. ދަތުކުރެއްވި މަގުމަތީގައި އޭނާ އަވަހާރަވެއްޖެއެވެ." (ޞަފުޙާ: 356، 355)

أمـيـــــرتــيـــمــــــور އަންގޯރާގެ ހަނގުރާމަޔަށްފަހު بــايـــزيــد އާ މުޚާޠަބުކުރައްވައި ވިދާޅުވެފައިވަނީ މާތް اللّـــه ގެ ފަޟުލްވަންތަކަމުން އޭނާއަށް ދެއްވި ފަތަޙައިގެ ޝުކުރެއްގެގޮތުން بــايـــزيــد އަށްވެސް بــايـــزيــد ގެ ފަރާތްޕުޅުގެ މީހުނަށްވެސް ހެޔޮކަމެއްމެނުވީ ނުކުރައްވާނެކަމުގައެވެ. ނަމަވެސް تــيـــمــــــور ބުރުސާ ތަޅުއްވައި ސުންނާފަތިކޮށްލެއްވިއެވެ. އެރަށުގެ ވަރަށްބޮޑު ބައެއް އަންދައިލެއްވިއެވެ. تــيـــمــــــور ޢަމަލުކުރެއްވިގޮތުގެ ސަބަބުން ޢުޘްމާނީ ރަސްކަމުގެ އިރު ވަނީ އެވަގުތަށް އޮއްސިފައެވެ. ތަސްބީޙަފައްޗެއް ކެނޑުމުން އޮށްތައް ވިހުރުވިގެންދާ ފަދައިން ޢުޘްމާނީ ދައުލަތްވަނީ ވިއްސިވިހާލިވެފައެވެ. އޭޝިޔާކޫޗަކުގައި ޢުޘްމާނީ ދައުލަތުގެ ދަށުގައިހުރި ހުރިހާ ޕްރޮވިންސުތަކެއްވެސް تــيـــمــــــور ވަނީ އެތަންތާނގެ ކުރީގެ ވެރީންނާ ޙަވާލުކުރައްވައިފައެވެ. ޢުޘްމާނީންގެ އަތްޕުޅުގައި އޭޝިޔާގެ އެންމެ ތަންކޮޅެއްވެސް ބާކީއެއް ނެތެވެ. ލޭންޕޫލް ލިޔުއްވައިފައިވެއެވެ.

"ޢުޘްމާނީ ރަސްކަން ބިނާކުރެވުނީ ނުހަނު ވިސްނުންތެރިކަމާއި ހުނަރުވެރިކަމާ އެކުގައެވެ. ނުހަނު ހިތްވަރާއި ފަންވަރާއެކުގައެވެ. އެ ރަސްކަންވަނީ ޔޫރަޕަށްޓަކައި ބިރުވެރި "ފުރޭތަ" އަކަށްވެފައެވެ. އެކަމަކު އެ ރަސްކަމުގެ ކީރިތި މޫރިތިކަން ކުއްލިޔަކަށް ވެއްޔާ މޮޑެލެވިއްޖެއެވެ. ހީވީ ޢުޘްމާނީ ތާރީޚު ވަގުތުން ނިމުމަކަށްއައިހެންނެވެ. (ޞަފުޙާ: 55)

ނަމަވެސް ތުރުކިއޭއިންގެ މަތިވެރި ފުތޫޙާތުގެ ރީތި ހިތްގައިމު ގުލްޝަނަށް މިއައި ޚަރީފު ހިމެނުނީ ނުހަނު ކުރުމުއްދަތެއްގެ ވަގުތީކަމެއް ކަމުގައެވެ. ތުރުކިއޭއިންގެ ރީތި ބަގީޗާގެ މުސްތަޤްބަލު އެބަގީޗާގެ މާޒީއަށްވުރެ މާފުރިހަމައެވެ. މާރީއްޗެވެ. އެ ބަގީޗާގެ ގަސްތައް އަލުން ކުރިލައި ހެދިގަތީ ކުރިޔަށްވުރެ މާޅަނދޮޅުކޮށެވެ. މާތާޒާކޮށެވެ. ތުރުކިއޭ މުޖާހިދުން މެދުވެރިކުރައްވައި އިތުރު އެތައްކަމެއް ފުރިހަމަކުރައްވަން ތަޤްދީރުގައި ލިޔެވިފައިވާކަހަލައެވެ.

ސީރަތާއި ޝަޚްޞިއްޔަތު

سلطـــان بــايـــزيــد خــــان ޔިލްދިރިމުގެ ވާހަކަ އަޅުގަނޑު ނިންމައިލާނީ މުސްލިމުންގެ އަރައިހުންނެވި މުއައްރިޚު مــــولانــا أكــبــــــر خــــان نجــيب آبــادى ލިޔުއްވައިފައިވާ ތަބްޞިރާއެއްގެ މައްޗަށެވެ. نجــيب آبــادى ލިޔުއްވައިފައިވެއެވެ.

"ޔޫރަޕިޔަން މުއައްރިޚުން ވިދާޅުވާގޮތުގައި سلطـــان بــايـــزيــد خــــان ޔިލްދިރިމަކީ ހިތްވަރުފުޅުގަދަ ޤާބިލު ޢަސްކަރީ ޝަޚްޞިއްޔަތެކެވެ. ނަމަވެސް ޢުޘްމާނީ ރަސްރަސްކަލުންކުރެ ޔޫރަޕުގެ ނުބައި މުޝީރުންގެ އެކުވެރިކަމުގެ އަސަރުގައި ޖެހިވަޑައިގެން ރާފޮދު ހިއްޕެވުމުގެ ކުށަށް އަރައިވަޑައިގަންނަވާން އެންމެފުރަތަމަ ފެއްޓެވި ރަސްކަލަކީ بــايـــزيــد އެވެ. ޔޫރަޕިޔަން މުއައްރިޚުންގެ ވާހަކަފުޅު ތެދުކަމުގައިވާނަމަ އަޅުގަނޑުމެން އަޖައިބުވާކަށެއް ނުޖެހެއެވެ. އެހެނީ بــايـــزيــد خــــان ޔިލްދިރިމްގެ އެންމެފަހުގެ މަސައްކަތްޕުޅުކަމުގައިވާ އަންގޯރާ ހަނގުރާމައިގައި އޭނާ ފަހަށްވިސްނައިވަޑައެއް ނުގަންނަވައެވެ. އެކަމަށް ވިސްނުން ހިންގައިލުމުން އޭނާ ރާފޮދު ހިއްޕަވާކަމަށް ކޮންމެވެސްވަރަކަށް ހެކިލިބޭކަމުގައި ބެލެވެއެވެ. ޔޫރަޕުގެ މުއައްރިޚުން ވިދާޅުވެފައިވާގޮތުގައި سلطـــان بــايـــزيــد خــــان ޔިލްދިރިމަކީ ޢައްޔާޝީކަމާއި ޙަރާމް ޖިންސީގުޅުން ހިންގެވުމުގެވެސް މުޖްރިމެކެވެ. އަޅުގަނޑުމެން އެކަމާވެސް ޙައިރާންވާކަށެއް ނުޖެހެއެވެ. އެހެނީ ރާބުއިމާއި ޢައްޔާޝީކަމަކީ އެއްކަމެއް އަނެއްކަމަކާ އަތުގުޅައިލެވިފައިވާ ދެކަންތަކެވެ. އެއްކަމެއް އާދަވެއްޖެކަމުގައިވާނަމަ އަނެއްކަމަކަށް ވާރުތަކުރާނެ ދެކަންތަކެވެ. މިކަންކަން މިގޮތަށް ހުރިކަމުގައިވިޔަސް އެމަނިކުފާނަކީ ފާތިޙު ރަސްކަލެއްގެ ޙައިސިއްޔަތުންވެސް އާދަޔާޚިލާފު ނާދިރު ޝަޚްޞިއްޔަތެއްކަމީ ޙަޤީޤަތެކެވެ. އެމަނިކުފާނުގެ އެކަތަވެސް ކަފައިލާފަދަ ތޫނު ކަނޑިކޮޅުންވަނީ ދުޝްމިނުން އޭނާގެ ކުރިފުޅުމަތީގައި ކުޑަކަކޫޖައްސުވައި ނުހަނު ހަސްނެތް ބަޔަކުކަމުގައި ހައްދަވައިފައެވެ. سلطـــان بــايـــزيــد خــــان ޔިލްދިރިމާ ބެހޭގޮތުން ޔޫރަޕުގެ މުއައްރިޚުން ލިޔުއްވާ ރާފޮދުހިއްޕެވުމުގެ ވާހަކައާއި ޢައްޔާޝީކަމުގެ ވާހަކައަކީ ތެދު ވާހަކަފުޅުތަކެއް ކަމުގައިވާނަމަ އެއީވެސް ޔޫރަޕުގެ ޢީސާއީ ރަސްރަސްކަލުންގެ ތަދުބީރުތަކުގެ ނަތީޖާއެވެ. އެބޭފުޅުންގެ ޙިކުމަތްތެރި ރޭއްވެވުންތަކުގެ މޭވާއެވެ. ޔޫރަޕުގެ ޢީސާއީ ރަސްރަސްކަލުން ފެށުނީއްސުރެ ގެންދެވީ އެބޭފުޅުންގެ ދަރިދަރިކަނބަލުން ޢުޘްމާނީ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގެ ދެކުނުފަރާތް ފަޅުފިލުއްވާން ފޮނުއްވަމުންނެވެ. سلطـــان بــايـــزيــد ގެ އަރިހުގައިވެސް އޭނާ ރާފޮދުހިއްޕަވާން އާދަކުރުވާނެ ޝެހެޒާދީން ތިއްބެވިއެވެ. بــايـــزيــد ގެ ކުރީންތިއްބެވި ރަސްރަސްކަލުން އެބޭފުޅުންގެ ދީނީ ޙުމިއްޔަތާއި އީމާނީޖޯޝުގެ ވަރުގަދަކަމުގެ ސަބަބުން حــبـــائــــل الــشّــيـــاطـيــــــن އާއި ޢީސާއީ ޚަބީޘާއިންގެ ކެހިވެރިކަމާއި މަކަރުވެރިކަމުގެ ދަލުގައި ޖެހިވަޑައިނުގެން ސަލާމަތްވެވަޑައިގެންނެވިއެވެ. سلطـــان بــايـــزيــد خــــان އަކީ ހަނގުރާމައިގެ މައިދާނުގައި ބާރުފުޅު ގަދަކަމުގެ ލާނިހާއީ ނަމޫނާއެކެވެ. އެކަތައިގެ ޝަޚްޞިއްޔަތެކެވެ. އެކަމަކު އޭނާވަނީ އޭނާގެ ގަނޑުވަރުގެ ދެކުނުފަރާތުގައި ތިއްބެވި މަޑުމަޑު ނާޒުކު ޗާލާކު ދުޝްމިނުންގެ އަތްޕުޅުން ބަލިފުޅުވެފައެވެ." (ޞަފުޙާ: 338)

سلطـــان محـمّــدޝަލަބީ

ކުރީންވެސް އަޅުގަނޑު ދަންނަވައިފައިވާނެ ފަދައިން އަޅުގަނޑަށް ބުރުސާއިން ފުރޭން އަންނަނީ سلطـــان محـمّــد ޝަލަބީ (ނުވަތަ ޗަލްޕީ - ހިތްވަރުފުޅުގަދަ ހަރުދަނާ މިޒާޒުގެ ކީރިތި މޫރިތި ރަސްގެފާނު) ގެ ޙަޔާތްޕުޅާ ބެހޭގޮތުންވެސް ވާހަކަކޮޅެއް ލިޔެލުމަށްފަހުގައެވެ. ބުރުސާއިން އަޅުގަނޑު ދުށް ލޭންޑްމާކްތަކުގެ ތެރެއިން އޭނާ ބިނާކުރެއްވި ބުރުސާގެ ފެހިމިސްކިތާއި އޭނާގެ މަޤްބަރާއަކީ އޭނާގެ ހަނދާންތައް ކަމުގައިވާތީއެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން أمـيـــــرتــيـــمــــــور، سلطـــان بــايـــزيــد خــــان ޔިލްދިރިމާ ހުރަހޮޅިވަޑައިގެންނެވީ މުޅި ޔޫރަޕު بــايـــزيــد ދެކެ ބިރުން ރޫރޫއަޅައަޅައި އޮއްވައެވެ. އޭރުގެ މަސްރަޙަށް ބަލާއިރު ދާދިމަދު އަހަރުތަކެއްގެ ތެރޭގައި ޔޫރަޕުގެ ވަރަށްބޮޑު ސަރަޙައްދެއް بــايـــزيــد ގެ ފައިތިލަފުޅުގެ ދަށުގައި ޗިސްވާނެކަމުގައި ބެލެވުނެވެ. ޚާއްޞަކޮށް އިޓަލީ ފަތަޙަވާނެކަން ޔަޤީންކުރެވުނެވެ. ނަމަވެސް أمـيـــــرتــيـــمــــــور ގެ ނުބާއްޖަވެރި ފާޅުވުން ހިމެނުނީ މުސްލިމުންނަށް ނުހަނުބޮޑު ގެއްލުމެއްކަމުގައެވެ. އަންގޯރާ ހަނގުރާމައިގެ ހާދިސާއަކީ އިސްލާމީ ތާރީޚުގެ އިންތިހާދަރަޖައިގެ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެކެވެ. އެހަނގުރާމައާ ބެހޭގޮތުން މުސަންނިފަކު ލިޔުއްވައިފައިވެއެވެ.

(ނުނިމޭ)