ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތަކީ ވޯލްޑް ކަޕެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަކީވެސް ވޯލްޑް ކަޕެވެ. އެންމެ ގިނަ ބަޔަކު ބަލާނެ މުބާރާތަކީވެސް ހަމަ ވޯލްޑް ކަޕެވެ. ގަތަރު ވޯލްޑް ކަޕް 2022 އަށް ދެން އޮތީ އެންމެ ދެ ދުވަހެވެ. އެތައް ބައެއް އިންތިޒާރަށް ނިމުން އަންނަނީއެވެ. ފުޓުބޯޅައިގެ އެންމެ ވާދަވެރި، އެންމެ ޝަރަފުވެރި މުބާރާތަށް ގަތަރު ތައްޔާރުވެ، މުބާރާތް ބެލުމަށް ދުނިޔެ ކެތް މަދުވެއްޖެއެވެ.
ވޯލްޑް ކަޕެއްގެ ޝަރަފަކީ ކުޅުންތެރިއެއްގެ ކެރިއަރުގެ އެންމެ ބޮޑު ޝަރަފެވެ. މުބާރާތުގައި ގައުމީ ޖާޒީ ތަމްސީލުކޮށްލުމަކީ އެތައް ކުޅުންތެރިންނެއް ޅަ ދުވަހުން ފެށިގެން ދެކޭ ހުވަފެންވެސް މެއެވެ. އެ ހުވަފެނުގައި ކުލަޖައްސައި، ގައުމީ ޓީމަށް އިރުޝާދު ދޭން ނުކުމެވޭ ކޯޗުންނަކީ އަދި ވަކީންވެސް ހާއްސަ ބަޔަކަށްވާނެއެވެ. ހާއްސަކޮށް ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް އުފުލައިލެވުން އެއީ އާދަޔާހިލާފު ބޮޑު ކާމިޔާބީއެކެވެ. ވޯލްޑް ކަޕްގައި އެ ފަދަ ކޯޗުންވެސް ފެންނާނެއެވެ.
ފްރާންސްގެ ކޯޗު ޑިޝޭމްޕްސްއަކީ ވޯލްޑް ކަޕްގެ އެންމެ ތާރީހީ އެއް ކޯޗެވެ. އޭނާއަކީ 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ނެގި ޓީމުގެ ކެޕްޓަނެވެ. އެފަހަރު އަމިއްލަ ގައުމުގައި ފްރާންސުން ވޯލްޑް ކަޕް ނެގީ ފައިނަލުގައި 3-0 އިން ބްރެޒިލް ބަލިކޮށްފައެވެ. އޭގެފަހުން 2018 ވަނަ އަހަރު ފްރާންސުން ޗެމްޕިއަންކަން ހޯދި ޓީމުގެ ކޯޗަކަށް ޑިޝޭމްޕްސް ހުރި އިރު، އޭނާއާއެކު ފްރާންސް ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ.
ލުއިސް އެންރީކޭއަކީ ސްޕެއިންގެ ފުޓުބޯޅައަށް ފަރިތަ ނަމެކެވެ. ބާސެލޯނާއާއި ރެއާލް މެޑްރިޑަށް ކުޅުނު އެންރީކޭ ވަނީ ސްޕެއިނާއެކު ތިން ވޯލްޑް ކަޕެއްގައި ކުޅެފައެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެންރީކޭއަށް މެޑެއްޔެއް އަޅައިނުލެވުނު ނަމަވެސް 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަނދާން އޭނާ ހުންނާނެކަން ޔަގީނެވެ. ހާއްސަކޮށް އިޓަލީއާ ދެކޮޅަށް އެގައުމުން ކުޅުނު މެޗުގައި، އިޓަލީގެ މައުރޯ ޓަސޯޓީ ގައިގައި ޖެހި ނޭފަތް ފަޅައިގެން ގޮސް، މުޅި މޫނު ލެއިން ތަތްތެޅިގެން ފައިބަން ޖެހުނު ހަނދާން އެންރީކޭ ހުންނާނެއެވެ.
2018 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވެ، އާޖިލަކަށް އެންރީކޭ ކުރަމުން އަންނަ މަސައްކަތުގައި މިދިޔަ އަހަރު ޔޫރޯގެ ސެމީ ފައިނަލް ކުޅެ، ނޭޝަންސް ލީގު ފައިނަލަށް ދިޔައެވެ. މިއީ ކޯޗެއްގެ ގޮތުގައި އެންރީކޭ ކުރިމަތިލާނެ ފުރަތަމަ ވޯލްޑް ކަޕެވެ.
އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވަނީ 1997 ވަނަ އަހަރު، އާޖެންޓީނާއާއެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ނަގައިފައެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާގެ ފުލް ބެކަށް ކުޅުނު ސްކަލޯނީއާއެކު އޭރުގެ ޓީމުގައި، މިހާރު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީވެސް ހިމެނެއެވެ.
އިންގްލެންޑްގެ ކޯޗު، ކުރީގެ ޑިފެންޑަރު ސައުތު ގޭޓަށް ކުޅުންތެރިއެއްގެ ގޮތުގައި އިންގްލެންޑާއެކު ވޯލްޑް ކަޕްގެ މާ ގިނަ މެޗުތަކެއް ނުލިބު ނަމަވެސް، އޭނާ ދެ ވޯލްޑް ކަޕެއްގެ ސްކޮޑުގައި ހިމެނިފައިވެއެވެ. 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗު ފުރަތަމަ 11 ގައި ސައުތުގޭޓް ހިމެނުނު ނަމަވެސް، ދެން އޭނާއަށް ގިނަ މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުގައެވެ. 2002 ވަނަ އަހަރުވެސް ސައުތުގޭޓަށް ޓީމުގެ 11 އަށް އަރަން ފުރުސަތު ލިބިފައެއް ނުވެއެވެ.
ސައުތުގޭޓް ކޯޗެއްގެ ގޮތުގައި އިންގްލެންޑް ގޮވައިގެން ފުރަތަމަ ވޯލްޑް ކަޕަށް ނުކުތީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ އެޓީމު ސެމީއަށް ގެންގޮސްދީ އުންމީދު އާކޮށްދީފައެވެ.
ކެމަރޫނަށް އުފަން ރިގޮބާޓް ސޯންގަކީ ގައުމީ ފުޓުބޯޅަ ލެޖެންޑެކެވެ. ލިވަޕޫލާއި ވެސްޓް ހަމްގެ އިތުރުން ތުރުކީގެ ގަލަޓަސަރާއީއަށްވެސް ކުޅެފައިވާ ޑިފެންޑަރު ސޯންގް ގައުމީ ޓީމަށް ރެކޯޑު 137 މެޗު ކުޅުނެވެ. ރެކޯޑު 8 އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގައުމު ތަމްސީލުކުރި ސޯންގް، އޭގެ ތެރެއިން ފަސް މުބާރާތަށް ނުކުތީ ކެޕްޓަން ކަމުގައެވެ. ހަތަރު ވޯލްޑް ކަޕެއްގައިވެސް ގައުމީ ޖާޒީގައި ކުޅުނު ސޯންގް، ގައުމީ ޓީމާ ހަވާލުވީ މިއަހަރުއެވެ. އެއީ ކުރިން ގައުމީ ޖޫނިއާ ޓީމުތަކަށް ކޯޗުކޮށްދިނުމަށްފަހުއެވެ.
އުމުރުން 17 އަހަރު ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނު ސޯންގަށް ދެ ވޯލްޑް ކަޕެއްގައި ރަތް ކާޑު ދެއްކިތަންވެސް ފެނިފައިވެއެވެ.
ސާބިއާގެ ކޯޗު ޑްރަގަން ސްޓޮކޮވިޗަކީ ކުރިން އެގައުމު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެންމެ މޮޅު މިޑްފީލްޑަރެވެ. ސްޓޮކޮވިޗް ވަނީ ޔޫގޯސްލާވިއާއަށް 84 މެޗު ކުޅެދީފައެވެ. އުމުރުން އެންމެ 36 އަހަރުގައި ސްޓޮކޮވިޗް ކުޅުން ހުއްޓާލީ އަނިޔާތަކުގެ ސަބަބުންނެވެ. ކުޅުން ހުއްޓާލައި 2001 ވަނަ އަހަރު އޭނާ ހަވާލުވީ ސާބިއާގެ އެފްއޭ ރައީސް ކަމާއެވެ.
އޭގެ ފަހުން އެގައުމުގެ އެންމެ ބޮޑު ކްލަބު ރެޑް ސްޓާ ބެލްގްރޭޑް ރައީސްކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކޮށްފައިވެއެވެ. ހިންގުމުގެ ދާއިރާ ދޫކޮށް ކޯޗުކަމަށް ނުކުތީ 2008 ވަނަ އަހަރުން ފެށިގެންނެވެ. ގައުމުގެ އެކި ކްލަބުތަކަށް ކޯޗުކަން ކޮށްދީ ސާބިއާ ގައުމީ ޓީމާ ސްޓޮކޮވިޗް ހަވާލުވީ 2021 ވަނަ އަހަރުއެވެ. މިއީ ކޯޗެއްގެ ގޮތުގައި އޭނާ ނުކުންނާނެ ފުރަތަމަ ވޯލްޑް ކަޕެވެ.
ސެނެގާލްގެ ކޯޗު އަލިއޯ ސީސޭއަކީ ކޯޗެއްގެ ތަޖުރިބާ އެންމެ ބޮޑު ނޫން ނަމަވެސް، ސެނެގާލް ތާރީހުވެސް ދުށް އެންމެ މޮޅު އެއް ޑިފެންޑަރެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ޑިފެންޑަރެއްވެސް މެއެވެ. 2002 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ސީސޭ ވަނީ އެއަހަރު އެފްކޯން ފައިނަލްގައިވެސް ސެނެގާލާއެކު ކުޅެފައެވެ.
އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ކުޅުނު ފުރަތަމަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި 2002 ކުޅެ، އެ ބަލީގެ ހިތި ތަޖުރިބާ ކުރެވުނު ސީސޭ ވަނީ އެގައުމަށް ކޯޗެއްގެ ގޮތުގައި ތަށި ހޯދައިދީފައެވެ. 2019 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ގެންގޮސް، ދެން ޖެހިގެން އައި މުބާރާތުގައިވެސް އެ މަގާމަށް ޓީމު ގެންގޮސް ނިންމާލީ ރަން މެޑަލް އަޅައިގެންނެވެ. ސެނެގާލް މިފަހަރުގެ ވޯލްޑް ކަޕަށް ސީސޭއާއެކު ނުކުންނާނީ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައެވެ.
ކްލަބު ކެރިއަރުގައި އިނގިރޭސި ޕްރިމިއާ ލީގުގައިވެސް ކުޅުނު ބާހާލްޓާ ވަނީ ބަޔާން މިއުނިކަށްވެސް ކުޅެފައެވެ. ދެ ވޯލްޑް ކަޕެއްގައި ބާހާލްޓާ އެމެރިކާ ޖާޒީ ތަމްސީލު ކޮށްފައިވާ އިރު، 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާގައި އެމެރިކާއިން ކުޅުނެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު އެ ތާރީހީ މެޗުން އެމެރިކާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ހަނދާން މިހާރުގެ ކޯޗު ބާހާލްޓާ ހުންނާނެއެވެ.
ބާހާލްޓާ ކޯޗުކަމަށް ނުކުތީ އެލްއޭ ގެލެކްސީގެ ތެރެއިންނެވެ. އޭގެ އިތުރުން ސްވިޑެންގެ ހެމާބީ އައިއެފްއާއި އެމެރިކަގެ ކޮލަމްބަސް ކްރޫއަށް ކޯޗުކޮށްދިން ގްރެގް ވަނީ 2018 ވަނަ އަހަރު އެމެރިކާ ކޯޗުކަމާ ހަވާލުވެފައެވެ.
ދެކުނު ކޮރެއާގެ ކޯޗު ބެންޓޯއަކީ ޕޯޗުގަލް ފުޓުބޯޅައަށް އާ ނަމެއް ނޫނެވެ. ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ޕައުލޯ ބެންޓޯ 2002 ވަނަ އަހަރު ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކުޅުނެވެ. އެއީ އެންމެ އުފާވެރި ތަޖުރިބާއަކަށް ނުވިނަމަވެސް، އޭނާ 2014 ވަނަ އަހަރު ޓީމުގެ ކޯޗުކަމުގައި ވޯލްޑް ކަޕަށް ނުކުތެވެ. އެފަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ދެކުނު ކޮރެއާގެ ކޯޗުކަމާ ބެންޓޯ ހަވާލުވީ 2018 ވަނަ އަހަރުއެވެ.
2006 ގެ ވޯލްޑް ކަޕަކީ ގާނާއަށް ހާއްސަ ވޯލްޑް ކަޕެކެވެ. އެއީ އެ ގައުމުގެ ތާރީހުގައިވެސް ފުރަތަމަ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕްގައި މިހާރުގެ ކޯޗު އައްޑޫ ކުޅެފައިވާ އިރު، އެ ވޯލްޑް ކަޕްގެ ސަޕްރައިޒިން ޓީމަކީވެސް ގާނާއެވެ. ގާނާއިން ވަނީ ކުއާޓާ ފައިނަލް ކުޅެ އެތައް ބަޔަކު ހައިރާން ކޮށްލައިފައެވެ.
ޖަރުމަނުގެ ކްލަބުތަކުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމާއި ވަގުތީ ކޯޗުކަމުގެ މަގާމުވެސް އަދާކުރި އައްޑޯއަކީ ގާނާގެ ހެޑް ސްކައުޓުގެ މަގާމުގައި ހުރި ކޯޗެއްވެސް މެއެވެ. މިހާރުވެސް ޑޯޓުމަންޑްގެ ޓެލެންޓް ކޯޗުގެ މަގާމުގައި ހުރި އައްޑޯ ގައުމީ ޓީމާ ހަވާލުވީ މިއަހަރުއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022