ސެނެގާލްގެ ސުޕަ ސްޓާ ސަޑިއޯ މާނޭއަށް ވޯލްޑް ކަޕް ގެއްލޭނެކަން ޔަގީންވެއްޖެއެވެ.
ބަޔާން މިއުނިކްގެ ފޯވަޑް، އުމުރުން 30 އަހަރުގެ މާނޭ ވޯލްޑް ކަޕްގެ އެއްވެސް ހިސާބަކުން ނުފެންނާނެކަން ސެނެގާލްގެ ފުޓުބޯޅަ އިދާރާއިން ދެންމެ ވަނީ ޔަގީން ކޮށްދީފައެވެ.
ވޯލްޑް ކަޕަށް އެންމެ 12 ދުވަހަށް ވެފައިވަނިކޮށް ސެނެގާލްގެ އެންމެ މުހިންމު ކުޅުންތެރިޔާ މާނޭއަށް އަނިޔާވީ ބަޔާން މިއުނިކަށް ކުޅުނު މެޗެއްގައެވެ. އެމެޗުގައި މާނޭގެ ކަށިމައްޗާ ދިމާލުގެ ކަށިގަނޑަށް އަނިޔާވެފައިވާ އިރު، އޭނާ ސްކޮޑަށް ނެގީ އޮޕަރޭޝަނެއް ކުރަން ނުޖެހޭތީ ކަމަށް ކޯޗު އަލިއޯ ސީސޭ ކުރިން ބުނެފައިވެއެވެ. ސީސޭ އޭރު ބުނީ މާނޭ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް މެޑިކަލް ޓީމުން ބުނެފައިވާ ކަމަށެވެ.
ސެނެގާލްގެ އެފްއޭގެ އެކްސްކޯ މެމްބަރަކު އިއްޔެ ބުނީ މާނޭއަށް ފުރަތަމަ މެޗު ގެއްލޭނެކަން ޔަގީން ނަމަވެސް މުބާރާތް އެއްކޮށް ގެއްލޭނެ ކަމަށް ނުފެންނަ ކަމަށެވެ. ސެނެގާލުން މާނޭ ފިޓްވާނެ ކަމަށް ބަލައިގެން ތިބި ނަމަވެސް، މިއަދުގެ އެމްއާރްއައި ރިޕޯޓުތަކަށް ބަލައި، މެޑިކަލް ޓީމުން ނިންމާފައި ވަނީ އަނިޔާއިން ރަނގަޅުވުމަށް މާނޭއަށް އޮޕަރޭޝަނަކަށް ދާން ޖެހޭނެ ކަމަށެވެ.
ގައުމީ ޓީމަށް ކުޅުނު 93 މެޗުން 34 ގޯލު ޖަހައިދީފައިވާ މާނޭއަކީ ދުނިޔޭގައި މިވަގުތުވެސް ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. ހާއްސަކޮށް އޭނާއަކީ ސެނެގާލް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެންމެފަހުން ސެނެގާލުން މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ނެގި އިރު، މާނޭއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދާފައިވާ މާނޭއަކީ ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. އެގޮތުން މިސްރާ ދެކޮޅަށް ކުޅުނު އެފްރިކާގެ ޕްލޭ އޮފް މެޗުގައި ޑިސައިސިވް ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީވެސް މާނޭއެވެ.
ހަތަރު ދުވަސް ތެރޭގައި ފަށަން ތައްޔާރުވެފައިވާ ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސެނެގާލް ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ހޯސްޓް ގަތަރާއި އެކުއެޑޯގެ އިތުރުން ނެދަލޭންޑްސްއެވެ. ސެނެގާލުން ފުރަތަމަ ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، ދެން މެޗެއް ކުޅޭނީ 25 ވަނަ ދުވަހުއެވެ. އެމެޗުގައި ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގާލުން އެކުއެޑޯއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022