"ދޮންބެ ގެނައީ ހުރިހާ މާއްދާއަކުން މޯސްޓްއެޗީވްޑް، ކޮއްކޮއަށް ކީއްވެ އެޗީވްޑް ލިބުނީ؟ ނިކަން ދޮންބެ ކިޔަވާގޮތަށް ފިލާވަޅުދަސްކޮށް ހަދާބަލަ!" ރިޕޯޓް ފޯމު ބެލިގަޑީގައި ދެކުދީން ގާތުގައި ބެލެނިވެރިޔަކު ބުނެލާ ނަސޭހަތުގެ ބަސްކޮޅެކެވެ.
"ޖެހިގެން ހުރިގޭ ކުއްޖާ ކިޔަވައި މޮޅުވެގެން އެވީ ޕައިލެޓަކަށް. އެގޭގަ މުޅީންވެސް ތިބެނީ މޮޅު ކުދިން. ދަރިފުޅު އެކުދިންނާއެކު ނޫޅެނީ ކީއްވެ؟ މޮޅުކުދިންނާއެކު އުޅުނީމަ މޮޅުވާނީ." ވަރަށް ލޯބިން ބުނެލާ ބަސްތަކެކެވެ.
މިއީ ވަރަށް ކުރީއްސުރެ ދިވެހި މުޖުތަމައުންވެސް ފެންނަ އަދި މިހާރުވެސް ބައެއް ސުކޫލުތަކުންވެސް އަދި ބައެއް އާއިލާތަކުންވެސް ފެންނަ މަންޒަރެކެވެ. ގިނަފަހަރު މިގޮތަށް ކަންތައް ކުރެވެނީ ނޭނގުމުގެ ތެރެއިންނެވެ. ބައެއްފަހަރު، ބައެއްކަހަލަ މަގާމުތަކުންވެސް މިމަންޒަރު ފެނެއެވެ. މިއަޑުތައް އެކި އިބާރާތުންނެވެ.
މިއީ "ތަފާތު" ކުރުމެވެ. އަޅައި ކިޔުމެވެ. މިގޮތަށް ކަންތައް ކުރުމުން ކުދީންނަށް އޭގެ ނޭދެވޭ އަސަރު ކުރާތަން އާންމުކޮށް މިފެންނަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ބައެއް ފަހަރު ކުދީންނަށް މިފަދަ ކަމެއް ސުކޫލުން ނުވަތަ ގެއިން ބޭރު އެހެން ތަނަކުންވެސް ދިމާވާކަން ނޭނގި ތިބޭ ބެލެނިވެރިންވެސް މަދެއް ނޫނެވެ. ކުއްޖާ މިގޮތަށް މިފަދަ ކަމަކާ ބެހޭގޮތުން ކުރާ ޝަކުވާ އަޑުނޭހުމަކީވެސް ބައެއް ބެލެނިވެރިންނަށް ހެދޭ ގޯހެކެވެ. ހަމައެހެންމެ މިގޮތަށް ގޭތެރެއިން މައްސަލަ ދިމާވާކަން ސުކޫލުގައި އުޅޭ މުދައްރިސުންނަށް ނޭނގޭ ފަހަރުވެސް އާދެއެވެ. ކުއްޖާގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެނުމުން އެފަދަ ކަންތައްތައް ފަހުމުނުވާ މީހުންވެސް އުޅެއެވެ.
ހަގީގަތުގައި ކުޑަކުދީންނަށް، ނަސޭހަތްދީ އުޅުމުގައި ވިސްނައި ސަމާލުކަންދޭން ޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. ކުދީންނަށް ނަސޭހަތް ދިނުމުގައި ހެދޭ އެންމެ ބޮޑު ގޯހަކީ ކުއްޖާއަށް ބުނެދިނުމުގައި، އެހެން ކޮންމެވެސް ކުއްޖަކާ އަޅައިކިޔުމެވެ. މީގެ ސަބަބުން ކުއްޖާގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެއެވެ. ރުޅިއާއި ފޫއްސާއި ނުރުހުމުގެ ތެރޭގައި ކުއްޖާ އުޅެންފަށައެވެ.
"ކުދީންނަށް ނަސޭހަތް ދިނުމުގައި އެހެންކުދީންނާ ފަރަގު ކުރުމާއި އަޅައިކިޔުމަކީ ވަރަށް ގިނައިން ބެލެނިވެރިންނަށް ކުރެވޭ ނުރަނގަޅު ކަމެއް. މިސާލު ޖެހުމުގެ ގޮތުން އެވެނި ކުއްޖަކު އެހެންނޭ މިވެނި ކުއްޖަކު މިހެންނޭ ކިޔައިގެން ވާހަކަ ދެއްކުމުން އެކުދީންގެ ވިސްނުން ގޯސްވާން ފެށުން ވަރަށް ގާތް. މިގޮތަށް ޖަޖް ކުރެވޭ ކުދިން ބޮޑުވާނީ ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ބަދަލުހިފުމުގެ ރޫހު ކުއްޖާގެ ހިތުގައި ހަރުލަމުން. ދެން އަނެއްކާ މިސާލަކަށް އެ ދެއްކި ކުއްޖާއާ ހާއްސަ ހަސަދައެއް ހިތުގައި އުފެދިދާނެ. މިއަށްވުރެވެސް ބޮޑުކަމަކީ، އެއްކުއްޖަކު އަނެއްކުއްޖަކާ އަޅައިކިޔުމުން ކުއްޖާ އަމިއްލަ ނަފުސަށް ކުރާ އިހުތިރާމު ދަށްވެ ތިމާގެ އެއްވެސް އަގެއް ނެތްކަމަށް ދެކެން ފަށާނެ. އެހެންކަމުން ކުދިންގެ ކަންތައް ބެލެހެއްޓުމުގައި މިފަދަ ކަންތައްތަކަށް ސަމާލުކަންދޭން ޖެހޭ." ކުޑަކުދީންނަށް ނަސޭހަތް ދިނުމުގައި ހެދޭ ގޯސްތަކުގެ ތެރެއިން އަޅައިކިޔުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފެމިލީ ކައުންސެލަރު އަފުސާނާ އަބްދުލްބާރީ ވިދާޅުވިއެވެ.
އެހެންކަމުން ކުދިންނަށް ނަސޭހަތް ދިނުމުގައި މިގޮތަށް ފަރަގުކުރުމާއި އަޅައިކިޔުން ފަދަ ކަންތައްތަކަށް ސަމާލުކަންދިނުން ވަރަށް މުހިންމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް