ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ނާއިބުރައީސުންގެ ތާރީޚުން ފައިސަލް ނަސީމު ރިކޯޑެއް ގާއިމްކުރައްވައިފިއެވެ.

އިމާދު ލަތީފު

2

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު މަގާމުގެ ހުވާކުރައްވީ 17 ނޮވެމްބަރު 2018 ގައެވެ. އެއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން އެމަނިކުފާނު ނާއިބުރައީސަކަށް އިންތިޚާބުކުރީމާ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ މިއަދަށް ހަތަރު އަހަރު ފުރުނީއެވެ. މިއީ ދިވެހިރާއްޖޭގައި ރިކޯޑެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދުވަހަކުވެސް ނާއިބުރައީސަކަށް މިހާ ގިނަދުވަހު މަގާމުގައި ދެމިހުންނެވިފައެއް ނެތެވެ. އެއީ އަޅުގަނޑު ހިތުން ތާރީޚަށްޓަކައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މިސަބަބަށްޓަކައި ދިވެހިރާއްޖޭގައި ނާއިބުރައީސުންގެ ދައުރާއި އެބޭފުޅުންގެ އައުމާއި ވަކިވުމުގެ މައްޗަށް ކުރުގޮތަކަށް ބަލައިލުމަކީ މުހިއްމު ކަމެކެވެ. ފައިސަލް ނަސީމް ވަނީ 25 ފެބްރުއަރީ 2022 ގައި ތިންގަޑިއިރާއި ތިރީސް މިނިޓަށް ވަގުތީގޮތުން ރިޔާސީ ޒިންމާތައްވެސް އުފުއްލަވައިފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދެމިއޮތީ އެއް އަހަރަށްވުރެވެސް ކުޑަ ދުވަސްކޮޅަކުއެވެ. 1 ޖެނުއަރީ 1953 އިން 2 ސެޕްޓެމްބަރު 1953 އަށެވެ. އެ ޖުމްހޫރިއްޔާގައި ނުވަތަ އެ ދައުރުގައި ނާއިބުރައީސަކު ހުންނެވިއެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ނާއިބުރައީސެވެ. އެ ރިކޯޑުގެ ވެރިޔަކީ ވެލާނާގޭ އިބްރާހިމް މުހައްމަދުދީދީއެވެ. އެމަނިކުފާނަކީ އިންތިޚާބުކުރެވުނު ނާއިބުރައީސެއް ނޫނެވެ. ރައީސް މުހައްމަދު އަމީނު އެމަނިކުފާނުގެ "ރައްޔިތުންގެ މުތަގައްދިމް ޕާޓީ" ގެ ތެރެއިން އައްޔަންކުރެއްވި ބޭފުޅެކެވެ. އަމީނުގެ ވެރިކަން އިންގިލާބުކޮށްލެއްވުމަށްފަހު 2 ސެޕްޓެމްބަރު 1953 އިން 7 މާރޗް 1954 އަށް ވަގުތީ ރައީސްގެ ގޮތުން ގައުމު ހިންގެވީވެސް އިބްރާހިމް މުހައްމަދުދީދީއެވެ. ކޮންމެގޮތެއްވިޔަސް އެއީ ދިވެހި ތާރީޚުގެ އެންމެ ފުރަތަމަ ނާއިބުރައީސެވެ. އެމަގާމުގައި އެއްއަހަރުވެސް ނުހުންނެވެއެވެ.

އޭގެފަހުން ދެން ނާއިބުރައީސުން ފެނުނީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާސިރުގެ ރިޔާސީ ދެވަނަ ދައުރުގެ ފަހުކޮޅު ބޮޑުވަޒީރުކަމުން އަހުމަދު ޒަކީ 1975 ވަނަ އަހަރު ދުރުކުރެއްވުމަށްފަހު ކެބިނެޓުގެ ތެރެއިން ފަސް ވަޒީރަކު ނާއިބުރައީސުންގެ ގޮތުގައި ހަމަޖެއްސެވުމުންނެވެ. އެ ފަސް ބޭފުޅުންނަކީ ކޮލި އަލިމަނިކާއި ސައްތާރު މޫސާދީދީޔާއި އަހުމަދު ހިލްމީއާއި ހަސަން ޒަރީރާއި އިބްރާހިމް ޝިހާބެވެ. އެއީ މަޝްހޫރު ބޮޑުބުރާސްފައްޗަށްފަހު ސަރުކާރު ހިންގެވުމަށް ނާސިރު ގެންނެވި ބަދަލުތަކާއެކު އެމަނިކުފާނު އައްޔަންކުރެއްވި ނާއިބުރައީސުންނެވެ. އިންތިޚާބު ކުރެވުނު ބޭފުޅުންނެއް ނޫނެވެ. ނާއިބުރައީސުންގެ ގޮތުގައި އެފަސްބޭފުޅުން ތިއްބެވީ ގާތްގަޑަކަށް ދޮޅުއަހަރެއްހާ ދުވަހުގެ މުއްދަތަކަށެވެ. އެކަން އުވައިލެއްވީވެސް ހަމަ ރައީސް ނާސިރު އަމިއްލަފުޅަށެވެ.

ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ނާއިބުރައީސަކު ނެތެވެ. ނާއިބުރައީސަކަށް ގާނޫނުއަސާސީން ޖާގައެއްވެސް ނެތެވެ. އެކަން ބަދަލުވީ 2008 ވަނަ އަހަރު ފާސްކުރި ފެހި ގާނޫނުއަސާސީއަށްފަހުގައެވެ. އެ ގާނޫނުއަސާސީގައި ނާއިބުރައީސަކު އިންތިޚާބުކުރާ ވާހަކަޔާއި އޭގެ ބޭނުމުގެ ވާހަކަޔާއި ޒިންމާތަކުގެ ވާހަކަ ބަޔާންކުރެވިފައިވެއެވެ. މި ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބަކީ 2008 ވަނަ އަހަރުގެ އިންތިޚާބެވެ. ރައީސްކަމަށް މުހައްމަދު ނަޝީދު އިންތިޚާބުވުމާއެކު ނާއިބުރައީސަކަށް އިންތިޚާބުވެވަޑައިގެންނެވީ ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެހެންވީމާ ޑރ ވަހީދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވުނު ނާއިބުރައީސެވެ.

އިންތިޚާބުކުރެވުނު ފުރަތަމަ ނާއިބުރައީސަށް މަގާމުގައި ހުންނެވުނީ 11 ނޮވެމްބަރު 2008 އިން ފެށިގެން 7 ފެބްރުއަރީ 2012 އަށެވެ. އެއީ ތިންއަހަރާއި ތިންމަހެވެ. ރާއްޖޭގެ ވެރިކަމުގެ މަތީފަޑިއަށް 7 ފެބްރުއަރީ 2012 ވަނަ ދުވަހު އެރި ވަރުގަދަ ލޮޅުމެއްގައި ރައީސްކަމުން ނަޝީދު އިސްތިއުފާދެއްވައިފިއެވެ. ދެން ރިޔާސީ ދައުރު ނިމެންދެން ރައީސްކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވީ ޑރ. ވަހީދެވެ. މިކަން ހިނގައިދިޔައީ ފުރަތަމަ ޖުމްހޫރިއްޔާގައި ވެލާނާގޭ އިބްރާހިމްދީދީގެ ކަންކަން ފެނިގެންދިޔަގޮތާ ދާދި އެއްގޮތަކަށޭ ދަންނަވަންޖެހެއެވެ. ބައެއް މީހުން އެޔަށް ތާރީޚު އިއާދަވުމޭވެސް ކިޔައެވެ. ކޮންމެއަކަސް ޑރ ވަހީދު ރައީސްކަމުގައި ހުންނެވީ 7 ފެބްރުއަރީ 2012 އިން 16 ނޮވެމްބަރު 2013 އަށެވެ. ގާތްގަޑަކަށް ދޮޅުއަހަރެއްހައި ދުވަހުގެ މުއްދަތަކަށެވެ.

ޑރ ވަހީދުގެ ރިޔާސީ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނާއިބުރައީސްގެ މަގާމަށް އައްޔަންކުރެވުނީ މުހައްމަދު ވަހީދުއްދީނެވެ. މަގާމުގައި ދެމިހުންނެވީ 25 އެޕްރީލް 2012 އިން ފެށިގެން 10 ނޮވެމްބަރު 2013 އަށެވެ. ދޮޅުއަހަރެއްހައި ދުވަހުގެ މުއްދަތެކެވެ. ރައީސް ޔާމީނާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އިންތިޚާބުކުޅަ ނާއިބުރައީސަކީ ޑރ މުހައްމަދު ޖަމީލު އަހުމަދެވެ. މަގާމުގައި ހުންނެވުނީ 17 ނޮވެމްބަރު 2013 އިން 21 ޖުލައި 2015 އަށެވެ. ދެއަހަރުވެސް ހަމަނުވެއެވެ. ދެން މަޖިލީހުން ފާސްކޮށްގެން އައްޔަންކުރި އަހުމަދު އަދީބަށް މަގާމުގައި ހުންނެވުނީ 22 ޖުލައި 2015 އިން 5 ނޮވެމްބަރު 2016 އަށެވެ. އެއްއަހަރާއި ތިންމަހަށެވެ. އެއަށްފަހު މަޖިލީހުން އަނެއްކާވެސް ފާސްކޮށްގެން ނާއިބުރައީސަކަށް އައްޔަންކުރީ އަބްދު ﷲ ޖިހާދެވެ. އެއީ 22 ޖޫން 2016 އިން 16 ނޮވެމްބަރު 2018 އަށެވެ.