ގައުމުތަކުގެ ވެރިންގެ ދަރިންވެސް ފުޓްބޯޅަ ކުޅެއެވެ. ކުޅޭނެއެވެ. އެކަމަކު ގައުމީ ޓީމުގައި ހިމެނިގެން ވޯލްޑްކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ގައުމު ތަމްސީލުކުރާ ކުޅުންތެރިންގެ ތެރޭގައި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންގެ ދަރިން ހިމެނޭތަނެއް ނުފެނެއެވެ. ވޯލްޑްކަޕުގައި މިހާތަނަށް ކުޅެފައެއް ނެތެވެ. ލީބިޔާގެ ވެރިކަމުގައި މުއައްމަރުލް ގައްޒާފީ ހުންނެވި ޒަމާނުގައި އޭނާގެ ދަރިކަލުން އައްސައާދީ ގައްޒާފީ ލީބިޔާގެ ގައުމީ ޓީމަށް ކުޅުނެވެ. ކެޕްޓަނަކީވެސް އޭނާއެވެ. ލީބިޔާގެ ކުލަބްތަކުގެ ތެރެއިން އަލްއަހުލީ އާއި އަލްއިއްތިހާދަށްވެސް ކުޅުނެވެ. އަވަށްޓެރި އިޓަލީގެ މަޝްހޫރު ކުލަބްތަކުގެ ތެރެއިން ޕެރޫޖިއާ އާއި އުދިނޭޒީ އަދި ސެމްޕްޑޯރިޔާއަށްވެސް ކުޅުނެވެ. އެކަމަކު ވޯލްޑްކަޕުގައެއް ނުކުޅެއެވެ. އެދުވަސްވަރު ވޯލްޑްކަޕަށް ލީބިޔާ ކޮލިފަައިނުވާތީއެވެ.

މިމަހު ވިހިވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގައުމެއްގެ ރައީސެއްގެ ދަރިޔަކު ކުޅޭނެއެވެ. އާދައިގެ މީހެއްގެ އާދައިގެ ދަރިއެއް ނޫނެވެ. ފުޓްބޯޅަ ލެޖެންޑެއްގެ ފުޓްބޯޅަ ތަރިއެކެވެ. އެފްރިކާގެ ގައުމެއްކަމުގައިވާ ލައިބީރިޔާގެ ރައީސް ޖޯޖް ވެއާގެ ދަރިއެކެވެ. ޓިމޮތީ ވެއާއެވެ. އުމުރުން ބާވީސް އަހަރުވީ ޓިމޮތީ ވެއާއަކީ ފޯވާޑެކެވެ. އޭނާ ކުޅޭ ކުލަބަކީ ފްރާންސްގެ ފުރަތަމަ ޑިވިޝަނުގެ ލިއްލައެވެ. ވޯލްޑްކަޕުގައި ޓިމް ވެއާ ނުވަތަ ޓިމޮތީ ވެއާ ކުޅޭނީ އެމެރިކާއަށެވެ. އޭނާ އުފަންވެފައިވަނީ އެމެރިކާގައި ކަމަށްވާތީ އޮޓޮމެޓިކުން އެއީ އެމެރިކާގެ ރައްޔިތެކެވެ. އެގޮތުން އެމެރިކާގެ ގައުމީ ޓީމަށް އަރަން ފުރުސަތު ލިބުނީއެވެ. އެމެރިކާގެ 15 އަހަރުން ދަށުގެ ޓީމަށް އޭނާ އެރީ 2015 ގައެވެ. ސީނިއަރ ޓީމަށް 2018 ވަނަ އަހަރު ކުޅެންފެށިގޮތަށް 25 މެޗުގައި މިހާތަނަށް 3 ގޯލް ޖަހާދީފައިވެއެވެ.

ވޯލްޑްކަޕުގައި ކުޅޭ އެމެރިކާގެ ސްކޮޑް އިއުލާންކުރުމާއެކު ޓިމޮތީ ވެއާއަށް ދުނިޔޭގެ ކަޅިވަނީ އަމާޒުވެފައެވެ. ގައުމެއްގެ ރައީސަކަށް ހުރި މީހެއްގެ ދަރިޔަކު ވޯލްޑްކަޕުގައި އެހެން ގައުމަކަށް ކުޅޭތީއެވެ. ސިޔާސީ އާއިލާއެއްގެ މެންބަރެއްގެ ގޮތުގައިހުރެ އަމިއްލަ ގައުމަށް ޚިދުމަތްނުކޮށް އެހެން ގައުމަކަށް އިޚުލާސްތެރިކަން އަދާކުރަން ފެށުމުންނެވެ. ޚާއްސަކޮށް ލައިބީރިޔާގެ ރައްޔިތުން މިހާރު ސުވާލު އެބަކުރެއެވެ. އެމީހުންގެ ރައީސާއި އެރައީސުގެ ދަރީންގެ ހިތުތެރޭގައި ގައުމީ ލޯތްބެއްނެތީބާވައެވެ. މިސުވާލުގެ ޖަވާބުގައި އާއިލާއިން ބުނެއެވެ. ވޯލްޑްކަޕުގައި ލައިބީރިޔާއެއް ނުކުޅެއެވެ. ކޮލިފައިއެއް ނުވެއެވެ. ޓިމޮތީ އުފަންވީ އެމެރިކާގައެވެ. އެހެންވީމާ އެމެރިކާ ތަމްސީލުކުރަން ފުރުސަތު ލިބުނީމާ އެކަން ގަބޫލުކުރީއެވެ. އެއީ މައްސަލައެއް ނޫނެވެ.

ޓިމޮތީ ވެއާގެ ބައްޕަ ޖޯޖް ވެއާއަކީ އެފްރިކާއިން މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ފްރާންސްގެ ޕީއެސްޖީއާއި އިޓަލީގެ އޭސީ މިލާނުން ވިދާލި ސުޕަރ ސްޓާރެކެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިހާތަނަށް ލިބިފައިވާ އެފްރިކާގެ ހަމައެކަނި ކުޅުންތެރިޔަކީވެސް ޖޯޖް ވެއާއެވެ. ސިޔާސީ ދާއިރާ އިޚުތިޔާރުކުރީ ފުޓްބޯޅައިން ރިޓަޔަރ ކުރުމަށްފަހުއެވެ. ލައިބީރިޔާގެ ރައީސްކަމަށް އިންތިޚާބުވީ 2018 ވަނަ އަހަރުއެވެ. ޖޯޖް ވެއާގެ ހަތަރު ކުދިން އުފަންވީ އެކި ގައުމުތަކުގައެވެ. ޖޯޖް ވެއާ ޖޫނިއަރ އުފަންވީ ލައިބީރިޔާގައެވެ. އޭނާވެސް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުނެވެ. ފަރަންސޭސި ލީގުގެ އެކި ކުލަބްތަކަށް ކުޅުނެވެ. އެމެރިކާގެ ޖޫނިއަރ ގައުމީ ޓީމަށްވެސް ކުޅުނެވެ. އެކަމަކު އެމެރިކާގެ ސީނިއަރ ޓީމަކަށް ނާރައެވެ.

ފުޓްބޯޅަ ދަނޑުގައި ޖޯޖް ވެއާ ވިދިވަރަށް އޭނާގެ ކުދިންގެ ވިދުން ގަދަނުވިޔަސް ޚާއްސަކޮށް ޓިމޮތީ ވެއާއަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. އެމެރިކާގެ ގައުމީ ޓީމަށް އަރަނީ މޮޅުވެގެންނެވެ. އެމެރިކާގެ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ގައުމީ ޓީމަށް މިހާތަނަށް ޖުމްލަ 25 މެޗު ކުޅެދީފައިވާއިރު އެންމެފަހުން ގޯލެއް ޖަހާފައިވަނީ އެކުވެރިކަމުގެ މެޗެއްގައި މިއަހަރުގެ ޖޫންމަހު މޮރޮކޯއާ ދެކޮޅަށެވެ. މޮރޮކޯއަކީ އެފްރިކާއިން މިފަހަރު ކޮލިފައިވި ފަސް ގައުމުގެ ތެރެއިން އެއްގައުމެވެ. ޓިމޮތީ ވެއާއަކީ އެމެރިކާ ޓީމުގައި ހިމެނޭ ލައިބީރިޔާއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެއް ނޫނެވެ. ފޯވާޑެއް ކަމުގައިވާ ހާޖީ ރައިޓްވެސް ނިސްބަތްވަނީ ލައިބީރިޔާއަށެވެ. އޭނާގެ ކުލަބަކީ ތުރުކީގެ އެންތަލިޔަސްޕޯރެވެ.

ވޯލްޑްކަޕުގައި ކުޅޭ އެމެރިކާގެ ޓީމުގައި ލައިބީރިޔާގެ އިތުރުންވެސް އެފްރިކާގެ އަސަރު ވަރަށް ގަދައެވެ. ގާނާއަށް ނިސްބަތްވާ ކުޅުންތެރިއެއްކަމަށްވާ ޔޫނުސް މޫސާވެސް އެބަހުއްޓެވެ. ލައިބީރިޔާ ކޮލިފައިނުވިއަސް ގާނާއަކީ މިފަހަރު ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެމެރިކާ ހިމެނޭ ގްރޫޕަކީ ވަރަށްވެސް ނުރައްކާ ގްރޫޕެކެވެ. އިންގްލެންޑާއި އީރާނާއި ވޭލްސް އެބަތިއްބެވެ. އެމެރިކާއަށް އެންމެ ފުރަތަމަވެސް އޮތީ ވޭލްސްއާއެކު ކުޅެންޖެހޭ މެޗެވެ. އެމެރިކާގެ އަމާޒަކީ އިންގްލެންޑުގެ ފަހަތުން ގްރޫޕްގެ ދެވަނައިގެ ގޮތުގައި ނޮކައުޓް ބުރަށް ކޮލިފައިވުމެވެ. އެހެންވީމާ ވޭލްސްއާއި އީރާނު އަތުން މޮޅުވުމަށް ވަނީ އަމާޒު ހިފައިފައެވެ. މިކަން ކުރުމަށް ނުކުންނައިރު ޓިމޮތީ ވެއާއަކީ އެމެރިކާއަށް ކޮންމެހެންވެސް މުހިއްމު ކުޅުންތެރިއެކެވެ. އޭނާގެ ބާރު ދުވެއްޔާއި ކޮށްޓުމަކީ އިދިކޮޅު ކުޅުންތެރިންނަށް ނުހަނުބޮޑު ބިރެކެވެ.