އޮލިމްޕަހުގެ މަރާމާތުތައް ނިންމާލުމަށް ލަސްތަކެއް ވެފައިވާކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން އޮލިމްޕަސް ބަންދުކުރުމަށްފަހު އެތަނުގައި ބޮޑެތި މަރާމާތުތަކެއް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރެވެ. މި މަސައްކަތުގެ ތެރެއިން އޮލިމްޕަސް އިމާރާތުގެ އެތެރެއާއި ބޭރުންވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އޮލިމްޕަސް ހުޅުވުން ލަސްވެ ފަންނާނުންނާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔުމްނާ ވިދާޅުވީ އޮލިމްޕަސް ހުޅުވުން ލަސްވެގެން ދިޔައީ އެތަނަށް ބޭނުންވާ އެކި ކަހަލަ ސާމާނު ހޯދުމަށް ދިމާވި ދަތިތަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ މަހު 16 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ލަސްތަކެއް ވެއްޖެ ކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ. ހަގީގަތުގަ އެކަން ދިމާވީ ސާމާނު ގެނައުމާ ހަވާލުވި ފަރާތުން މުއްދަތަކަށްފަހު އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވުމުން. ދެން އަނެއްކާވެސް އެކަން ކުރާނެ ބަޔަކު ހޯދައިގެން އަޅުގަނޑުމެން އެކަން މިކުރީ. މި ސާމާނު ގެނައުމަށް ލަސްތަކެއް ދިމާވި ނަމަވެސް މިހާރު އޭގެތެރެއިން ގިނަ ސާމާނު މިވަނީ ލިބިފައި." އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރުގައި އެތަނުގައި ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރު، 7.1 ސަރައުންޑް ސައުންޑު އަދި ރިޓްރެކްޓު ކުރެވޭ ސިނަމާ ސްކްރީން ހުންނާނެ ކަމަށެވެ. އޭގެ އިތުރަށް އޮލިމްޕަސް ހޯލުގައި މިޔުޒިކް އަދި ސްޓޭޖު ޑުރާމާ ފަދަ ޝޯތައް ބޭއްވުމަށް ބޭނުންވާ ސްޓޭޖު ލައިޓުތަކާއި ސައުންޑު ހޯދައި ސްޓޭޖު ތައްޔާރުވާނެ ކަމަށް ވިދާޅުވިއެވެ. ސައުންޑް ސިސްޓަމާ އެކީގައި މިޔުޒިކް ފަރިތަ ކުރުމަށް ދެ ކޮޓަރި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކެފޭ އާއި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ފާހާނަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް ފާހާނަ ބަރި ތަރައްގީ ކޮށްފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޮލިމްޕަސް ތަރައްގީ ކުރަމުން އަންނަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ މާޗު މަހުގެ 8 ވަނަ ދުވަހު ފަށާފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ އެއްބަސްވުމުގެ ދަށުންނެވެ.