ޚަބަރު

ގޯސްކޮށް ހެކިހޯދާފައިވާތީ، ޑްރަގް މައްސަލައިގައި 16 އަހަރަށް ޖަލަށްލި ކުއްޖަކު ސަލާމަތްވެއްޖެ

އިބްރާހިމް ޒަކީ

ހެކި ހޯދި ގޮތް ގޯސްވެފައިވާތީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެގެން ކުއްޖެއްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން ބާތިލު ކޮށްފިއެވެ.

މި މައްސަލައަކީ ދައުވާ އުފުލިއިރު އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކާ ގުޅޭ މައްސަލައެކެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އެ ކުއްޖާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

އެއީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ކުއްޖާ ހޯދަމުން އަންނަނިކޮށް، ނ.ވެލިދޫގައި އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުން ފުލުހުންނަށް އެ ކުއްޖާ ފެނިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތަހުގީގުގައި ސުވާލުކުރުމުން އެ ކުއްޖާގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފަޅު ގޯއްޗެއްގެ މަގުފާރު ކައިރި ބޭރުގައި ވަޅުލާފައި ހުންނާނެ ކަމަށް ބުނުމުން، އެ

ކުއްޖާގެ ހާޒިރުގައި ފުލުހުން އެތަނަށް ގޮސް ބަލައި ފާސްކުރިއިރު، އެތަނުން ކެނެބިސް ހުރިކަމަށް ޝައްކު ކުރެވިގެންނެވެ. ކުއްޖާ ފޮރުވާފައިވާ އިތުރު މަސްތުވާއެއްޗެއް ހުރިތޯ ސުވާލުކުރުމުން ނ.ވެލިދޫ ބީޗްވޭވް ގޭގެ ގޯތި ތެރެއިން ގަހެއްގެ ކައިރީގައި ވަޅުލާފައި ހުންނާނެ ކަމަށް ބުނުމުން، އެ ކުއްޖާގެ ހާޒިރުގައި ފުލުހުން އެތަނަށް ގޮސް އެ ކޮނެ، ބަލައި ފާސްކުރިއިރު ގަސްކައިރީ ބިންގަނޑު ތެރެއިން ފެނުނު ރަބަރު ޕެކެޓުގައި ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާކަމަށް ފުލުހުން ބުނެއެވެ.

ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ބެލި އެ މައްސަލައިގައި، އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، މި ހާދިސާ ހިނގިއިރު، އެ ކުއްޖާ އަކީ، 18 އަހަރު ނުފުރޭ ގާނޫނީ ގޮތުން ކުޑަ ކުއްޖަކަށްވާތީ ކުޑަކުދިންގެ އަދުލުގެ ގަވާއިދާއި، މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ ދަށުން، 16 އަހަރާއި އަށް މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، 66666.66 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށް، ކުށްކުރާ ކުދިން ބޭތިއްބުމަށް ގާއިމުކޮށްފައިވާ ކަރެކްޝަނަލް ސެންޓަރެއް ނުވަތަ ރިހިބިލިޓޭޝަން ސެންޓަރެއްގައި އެ ހުކުމްގެ މުއްދަތަށް ދައުވާ ލިބުނު ކުއްޖާ ބެހެއްޓުމަށް އަމުރުކުރިއެވެ.

މި މައްސަލަ އެކުއްޖާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މައްސަލަ ބަލައި ހައި ކޯޓުން މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔަށް ބިނާކޮށް އިއްޔެ ކޮށްފައިވާ ހުކުމުގައި ވަނީ، ގާނޫނު ބުނާގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް އެއްވެސް މީހަކު ހައްޔަރުކުރަން ޖެހޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށެވެ. އެހެންކަމުން އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން އެ ކުއްޖާ ބަލައި ފާސްކުރި އިރު އެއްވެސް އެއްޗެއް ނުފެންނަނީސް، ކޯޓު އަމުރެއްނެތި އެކުއްޖާ ހައްޔަރުކޮށްފައިވަނީ ގޯސްކޮށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނާ ހިލާފަށް ކުއްޖާ ހައްޔަރުގައި ބަހައްޓައިގެން ހޯދާފައިވާ އެ ހެކިތަކަކީ އެމައްޗަށް ބިނާކޮށް ޖިނާއީ މައްސަލައެއްގެ މައުލޫއުގައި ޝަރީއަތުން ގޮތް ކަނޑައަޅައިގެންވާނެ ހެކިކަމުގައި ނުދެކޭ ކަމަށްވެސް ހުކުމްގައިވެއެވެ.

މި މައްސަލައިގައި އެގޮތަށް ކަންތައްތައް ހުރުމުން، އެކުއްލާގެ މައްޗަށް، ވެލިދޫ މެޖިސްތްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.