ހުއިފި ލަނޑާ ނަގަން ފީނި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ނ. ވެލިދޫ، ޖަންބުގެ، އުމުރުން 49 އަހަރުގެ އަހުމަދު ހަސަންއެވެ. ހާދިސާ ހިނގާފައިވަނީ މ. މުލީ ބޭރުގަވެ.

މުލީ ކައުންސިލް ރައީސް ޝައްމޫން ރަމީޒް "ވަން" އަށް މިއަދު ވިދާޅުވީ، މުލީ ބޭރުގައި ހުއިފި ލަނޑާ ނަގަން އުޅުނު ދޯންޏަކުން އިއްޔެގެ ވަގުތެއްގައި މީހަކު އެރަށު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ޝައްމޫން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ. އަހުމަދު ފީނަން ފޭބުމަށްފަހު އިރުކޮޅަކުން ދެފެން ދޭތެރޭގައި އޮއްވާ ފެނުނު ކަމަށް ދޯނިން ދިޔަ އެހެން މީހުންނާ ހަވާލާދީ ޝައްމޫން ވިދާޅުވިއެވެ.

"ދޯނި މީހުން ބުނަނީ އަޅައިގެން އުޅުނު ފުޅި ހުސްވީއޭ. ދެން ފެނުނީ ދެފެން ދޭތެރޭގަ އޮއްވައޭ. ދޯންޏަށް ނެގި އިރުވެސް ވިންދެއް ނެތް ކަމަށް ދޯނި މީހުން ބުނަނީ." އޭނާ ވިދާޅުވިއެވެ.

އަހުމަދުގެ އާއިލާގެ ގިނަ މީހުން މާލޭގައި ދިރިއުޅޭތީ އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް ރޭ ފަތިހު ވަނީ ޖަނާޒާ ބާއްވާފައެވެ.