ފޭސްޕުކް ރީ ބުރޭންޑްކޮށް މެޓާ ކިޔާ ކުންފުނި ހެދިފަހުން ކަންކަން އެހާ ރަނގަޅެއް ނޫނެވެ. އިންސްޓަގްރާމާއި ވަޓްސްއެޕްވެސް ހިންގާ މެޓާ ކުންފުނީގެ ވިޔަފާރި ބޮޑުތަނުން ދަށްވަމުންގޮސް މި އަހަރުތެރޭގައި ވަނީ ބިލިއަނުން ގެއްލުން ވާން ފަށާފައެވެ. އެހެން ކަމުން ފޭސްބުކުން ނުވަތަ މެޓާ ކުންފުނިން މުވައްޒަފުންގެ އަދަދު މަދުކުރުން ނޫންގޮތެއް ނެތްކަމަށްވަނީ ނިންމާފައެވެ. އެގޮތުން މަދުވެގެން 10 ޕަސެންޓު މީހުން ވަޒީފާއިން ވަކި ކުރަން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ވާގޮތުން ކުންފުނި ސަލާމަތް ކުރުމަށް އިތުރު ގޮތެއް ދެންނެތެވެ.
ޓިކްޓޮޑް އަދި މިނޫންވެސް އިތުރު ސޯޝަލް މީޑިއާތައް ވައިގައި ހިފުމާއެކު ފޭސްބުކްގެ ފައިދާ ދަށްވާން ފެށިއެވެ. ފޭސްބުކް ރީބުރޭންޑްކޮށް މެޓާ ނަމުގައި ކުންފުނިން ހިންގަމުން އައި އިސްޓަގުރާމް އަދި ފޭސްބުކްވެސް އެކި އެކި ގޮތްގޮތަށް ބަދަލުކޮށް ޓިކްޓޮކްގެ ބައެއް ބައިތައް ކޮޕީވެސް ކުރިއެވެ. އެހެން ނަމަވެސް އިންސްޓަގުރާމްވެސް އަދި ފޭސްބުކަށްވެސް މާބޮޑު ކުރިއެރުމެއް ނުލިބި ގެއްލުންވާން ފެށިއެވެ. އެ ހުރިހާ ކަމެއް ފޫބެއްދުމަށް އިތުރު އުފެއްދުންތައް ގެނެސް ވިޔަފާރި ހަމަޔަކަށް އެޅުވުމަށް ފޭސްބުކްގެ ވެރިޔާ މާކްޒުކަބާކް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޓާ ވާސްގެ ނަމުގައި ތަފާތު ވީއާރު ހެޑް ސެޓެެއް ފަރުމާކޮށް ވަނީ ބާޒާރަށް ނެރެފައެވެ.
އޮކްލަސް ކުއެސްޓް 2ގެ ނަމުގައި ނެރުނު ވީއާރަކީ އާދަޔާ ހިލާފަށް އަގުބޮޑު އެއްޗެކެވެ. 1500 ޑޮލަރަށް ވިއްކާ މި ވީއާރުވެސް ވައިގައި ހިފާގޮތެއް ނުވެއެވެ. އެހެން ކަމުން އެތައް ހާސް މުވައްޒަފުންނަށް ވަޒީފާގެ ބިރު ބޮޑުވެ އެކަމުގެ އަސަރުކުރާނެ ކަން މިވަނީ ޔަގީންވެފައެވެ. މިއީ މެޓާ ނުވަތަ ފޭސްބުކްގެ ތާރީހުގައި ވެސް މިހާ ގިނަ މީހުންގެ ވަޒީފާ ގެއްލޭނެ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެޕްޓެމްބަރު މަސް ނިމުނުއިރު މެޓާގައި 87،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑުބަދަލާއެކު ވިޔަފާރި ދަށްވެ، މެޓާގެ ހިއްސާ މިއަހަރު 73 އިންސައްތަ ދަށަށް ވަނީ ގޮސްފައެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން މިހާ ބޮޑަށް ފޭސްބުކްގެ ޝެއާ ދަށްވި ފަހަރެވެ.