ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ، ޔުވްރާޖް ޕްލެޓްފޯމް) އިން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 69 މިލިއަން ރުފިޔާ ދައްކަން އެފްކޮންސްއަށް ދިނީ އެއް މަސް ދުވަސް ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕްލެޓްފޯމް ފަރަށް އަރާފައިވަނީ "ގްރޭޓާ މާލޭ ކަނެކްޓިވިޓީ–މާލޭ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ ކޮންޓްރެކްޓާ އެފްކޮންސްގެ ފަރާތުން އެ ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމުގެ ތެރޭގައި ކަމަށްވާތީ، ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެފްކޮންސް ކަމަށެވެ.

"ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 69,411,800.00 ދިވެހި ރުފިޔާއިން އެފްކޮންސް އިންފްރާސްޓަކްޗާ ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމާއި އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް އެފްކޮންސް އިންފްރާސްޓަކްޗާ ލިމިޓެޑަށް 13 ނޮވެމްބަރު 2022 ގައި ވަނީ އެންގިފަ،" އީޕީއޭއިން ބުންޏެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕްލެޓްފޯމް ފުން ކުރެވެމުން ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސާވޭ ކުރަން ފަށައިފައެވެ. ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ބަލައި އީޕީއޭއިން ތައްޔާރުކުރި ރިޕޯޓު ބަލައި ނުގަންނާނެކަން އަންގައި އެފްކޮންސްއިން ވަނީ އެ މީހުންގެ އަމިއްލަ ސާވޭއެއް ހަދައި އެ ސާވޭގައި ހުރި ކަންކަމަށް ބަލާފައި ޖޫރިމާނާގެ އަދަދު ކަނޑައެޅުމަށް އެދިފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެފައި ވަނީ، އެފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުން ހަދާ ސާވޭތައް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގަބޫލުކުރާނީ ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ހަދާ ސާވޭގެ ރިޕޯޓު ކަމަށް ނައީމް ވިދާޅުވިއެވެ.

އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީޕީއޭއިިން ވިލިމާލޭ ފަރު ސާވޭ ކުރުމަށްފަހު ވަނީ ފަރުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަޅުގަނޑުގެ އެންމެ ފުނުގައެވެ.

ދެން އާންމުކުރި ފޮޓޯތަކުން ފެންނަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގަނޑު ކަނޑައިގެން ގޮސްފައިވާ ތަންތަނެވެ. އެ ވަޅުތަކުގެ ފުންމިނާއި އަދި ފުޅާ މިނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.