އަންނަ އާދިއްތަ ދުވަހު ފަށާ ވޯލްޑްކަޕް 2022ގެ މެޗުތައް ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ދެއްކެނީ 4،000 ޑޮލަރާއި 5،500 ޑޮލަރާ ދެމެދުގެ އަގެއް ދެއްކުމުން ކަމަށް މީޑިއާނެޓުން ބުނެފިއެވެ.
މީޑިއާނެޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހޮޓަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން އެ ކުންފުނިން ވަނީ ވޯލްޑްކަޕްއަށް ހާއްސަ ވޯލްޑްކަޕް ޕެކޭޖެއް ތައާރަފު ކޮށްފައި ކަމަށެވެ.
އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުއްދަ ދީފައިވާ ގޮތުން އެ ޕެކޭޖުން ވޯލްޑްކަޕް މެޗްތައް ރިސޯޓު އަދި ގެސްޓް ހައުސްތަކުގައި ބެލޭނީ ކޮންމެ މެޗަކަށް ކޮޓަރިއަކަށް އެއް ޑޮލަރުގެ ރޭޓުން އެވްރެޖްކޮށް 65 ޕަސަންޓާއި 75 ޕަސަންޓާ ދެމެދުގެ އޮކިއުޕެންސީއަކަށް ބިނާކޮށް ކަނޑައަޅޭ އަގެއް ދެއްކުމުން ކަމަށް މީޑިއާނެޓުން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓު ދައްކާ ގޮތުން މިދުވަސްވަރު އާންމު ގޮތެއްގައި ރިސޯޓުތަކުގެ އޮކިޕެންސީ ހުންނަނީ 65 ޕަސަންޓާއި 70 ޕަސެންޓާއި ދެމެދުގައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި 45 މެޗު ކުޅޭނެއެވެ. އެހެންކަމުން ރިސޯޓުތަކުން 4،000 ޑޮލަރާއި 5،500 ޑޮލަރާ ދެމެދުގެ އަގެއް މީޑިއާނެޓް ދައްކަން ޖެހޭނެ ކަމަށް ބެލެވެއެވެ.
މީޑިއާނެޓަކީ ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސަންސް ބްރޯޑްކާސްޓަރެވެ. މީޑިއާނެޓުން ވޯލްޑްކަޕްގެ ސަބް ލައިސެންސް ނަގާފައިވާ ޗެނަލްތަކުގެ ތެރެއިން ރާއްޖެ ޓީވީ އަދި ޔޭސް ޓީވީއާ ހެދިފައިވާ އެގްރީމެންޓްތަކުގެ ދަށުން އެ ޗެނަލްތަކުން ވޯލްޑްކަޕްގެ މެޗުތައް ދައްކާނީ ހަމައެކަނި ރެސިޑެންޝަލް ކަސްޓަމަރުންނަށެވެ.
މީގެ ކުރިން މީޑިއާނެޓް ވަނީ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް އާންމުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. ނަމަވެސް ފަހުންވަނީ އެ ނިންމުން ބަދަލުކޮށް، ވިޔަފާރި އުސޫލުން ނޫން ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި މެޗުތައް ދެއްކޭނެ ކަމަށް ބުނެފައެވެ.