އެއްވެސް މީހަކަށް އޭނާގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހޯމް ސެކްޓާއިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހަމީދު ވިދާޅުވީ، މައްސަލައެއްގެ ކަމެއްގައި މީހަކު ގުޅި ނަމަވެސް، އޭނާ ގިނަ ފަހަރަށް ފޯނުނަންގަވާ ކަމަށެވެ. އަދި ގިނަ މަޖިލިސް މެމްބަރުންގެ މެދުގައި އޭނާ ފާހަގަ ކުރެވިފައިވަނީ ފޯނު ނުނަންގަވާ މީހެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް ހަމަ ޔަގީނުން ވެސް ވެސް، ފުލުހުންގެ މުއައްސަސާ އުފައްދާފައި ގާއިމްވެފައި އޮންނަ މަގުސަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުން ކުރާ މަސައްކަތްތަކާ ގުޅުވައިގެން، ފުލުހުންގެ ވަކިވަކި އޮފިސަރުން ހިންގާ ހަރަކާތްތައް، ތަހުގީގު ވިޔަސް، މަގުމަތިން މީހަކު ހުއްޓުވިޔަސް، އެއިން އެއްވެސް ކަމަމާ ގުޅިގެން އަޅުގަނޑު އޭގެ ތެރެއަކަށް ނުވަންނަން،" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، އޭނާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެކަން އޭނާގެ ދަށުން މަސައްކަތް ކުރައްވާ އެގްޒެކެޓިވް އޮފިސަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ދެންނެވޭނެ އަޅުގަނޑުގެ މި ލީޑަޝިޕަށް ހަތަރު އަހަރުވާ އިރު، އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ވެސް ނުހުންނާނެ އަދި ފޯރުވިޔަ ނުވެސް ދޭނަން،" ހަމީދު ވިދާޅުވިއެވެ.
އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އިރު، ފުލުހުންގެ މުއައްސަސާއަށް ބައެއް ފަރާތްތަކުގެ، ހާއްސަކޮށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮންނަ ކަމުގެ އަޑުތައް ދޭތެރެއަކުން ފެތުރެއެވެ.