ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓެކްސް ބިލު ފާސްކުރަން ވޯޓު ދެއްވުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފަށް ފިޔަވަޅު އެޅުމަށް އެކަމާ ބެހޭގޮތުން ބަލަންޖެހޭ ކަންތައްތައް ބަލަމުންގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހުން ބިލު ފާސްކުރުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެ ބިލު ފާސް ކުރަން ވޯޓު ނުދިނުމަށް އިދިކޮޅު ކޯލިޝަނުން ތުރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

ތުރީލައިން ވިޕެއް ނެރެފައިވަނިކޮށް ބިލާ ދެކޮޅަށް ވާހަކަދެއްކެވުމަށްފަހު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވޯޓު ދެއްވާފައިވަނީ ބިލާ އެއްކޮޅަށް އެ ބިލު ފާސްކުރަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ މައްސަލަތަކުގައި، "ކުރިންވެސް ހަަމަޖެހިފައި އޮންނަ އުސޫލުން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށްދާނެ،" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެން ފާސްކުރި މި ބިލު ފާސްކުރަން އެމްޑީޕީގެ 14 މެންބަރަކު ވޯޓު ދެއްވިއެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބިލާ އެއްކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ހުސައިން މުހައްމަދު ލަތީފެވެ.