ޚަބަރު

އެންމެ ގިނަ ސިމް ހުރީ ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި، އެވްރެޖުކޮށް ކޮންމެ މީހަކަށް 5000 ސިމް: ސީޕީ

އަލީ ޔާމިން

ރާއްޖޭގައި މޯބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓާއިން އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ބިދޭސީން ހިމެނޭ ކަމަށެވެ.

"ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމް ކާޑު ބަަލައިގެންފައި ނުވަތަ ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް ފަހެއްގައި ތިބީ ބިދޭސީން. ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީން. ކޮންމެ މީހަކަށް އެވްރެޖުކޮށް 5،000 ސިމް ކާޑު،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، އެ ބިދޭސީންގެ ތެރެއިން އެންމެ ގިނަ ސިމް ނަގާފައިވަނީ ކުރިން ރާއްޖޭގައި އުޅެފައި، ނަމަވެސް މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށެެވެ.

"އަޅުގަނޑުމެންނަށް އެނގޭ ވަރަކުން މިދަނީ މި ކަންކަމަށް ފިޔަވަޅު އަޅަމުން. ޖަލު ތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް މި ގެންދަނީ ބްލޮކް ކުރަން މަސައްކަތް ކުރަމުން،" ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ، ފާއިތުވި ހަތަރު އަހަރު ތެރޭގައި ސްކޭމް ކޯލުތައް ހުއްޓުވަން 3،130 ފިޔަވަޅު އަޅާފައިވާ ކަމަށާއި އެގޮތުން 2،796 ސިމް ކާޑުތަކުގެ ހިދުމަތް ފުލުހުން މެދުވެރިވެގެން ކަނޑާލާފައިވާ އިރު، 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައިވާ ކަމަށެވެ. އަދި އަށް އައިޕީ އެޑްރެސް ވެސް ބޮލޮކް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ސްކޭމް ކޯލުތަކުގެ މައްސަލަ ހައްލުކުރުމަށް މާފުށީ ޖަލުގައި "ހަނީޕޮޓެއް" ގާއިމުކޮށްފައިވާ ކަމަށެވެ.

"މިހާރު މާފުށީ ޖަލުގައި އެކަން ހައްލު ކުރުމަށްޓަކައި ޖަލުގައި އެކަމަށް ހާއްސަ ޓަވަރެއް ޖަހާފައި ހުންނާނެ. އަދި ޖަލު ސަރަހައްދުގައި މޮބައިލް ފޯނު ބޭނުންކުރާ ހުރިހާ ފަރާތެއްގެ، ހުއްދަ ލިބިގެން ފޯނު ބޭނުންކުރާ ހުރިހާ ފަރާތެއްގެ ބްލެކް އެންޑް ވައިޓް ލިސްޓެއް ކަނޑައަޅައި އެ ފަރާތްތަކުގެ އައިޕީ ނަމްބަރާއި ހުރިހާ ޑީޓެއިލްސްއެެއް އެނގޭ ގޮތަށް މިހާރު ހުންނާނީ ކަމާބެހޭ ފަރާތާ ހަވާލުކޮށްފައި،" އަހުމަދު ވިދާޅުވިއެވެ.

ޕްރިޒަންސް ކޮމިޝަނަރު އިތުރަށް ވިދާޅުވީ، ޖަލުތަކަށް މޯބައިލް ފޯނާއި ސިމް ކާޑު ވެއްދުމަށް ހުރި ދޮރުތައްވެސް ބަންދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.