މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީގެ ހިދުމަތް ޅ. އަތޮޅުގައި ފެށުމަށްޓަކައި ލޯންޗު ފެރީތައް އެ އަތޮޅަށް ފުރައިފިއެވެ.

އެ ލޯންޗު ފެރީތައް ފުރުވާލުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ މިއަދު ވިދާޅުވީ، ޅ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް މާދަމާ މެންދުރު ފަހު ފެށުމަށް ރާވާފައިވާ ކަމަށެވެ. އަދި އެ އަތޮޅުގެ ރައްޔިތުން މި ހިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ހިދުމަތް ފޯރުކޮށްދޭނީ ހިލޭ ކަމަށާއި ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފަށާނީ އޭގެ ފަހުން ކަމަށެވެ.

މިއީ އާރުޓީއެލް ސްޕީޑް ފެރީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ އަތޮޅެވެ. އެ އަތޮޅަށް ފޮނުވާފައިވަނީ ދެ ލޯންޗެވެ.

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވީ އެ އަތޮޅުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ތިން ރޫޓަކުން ކަމަށެވެ. އޭގެ ތެރެއިން އެއް ރޫޓު ހާއްސަކޮށްފައިވަނީ މަޑިވަރު އެއާޕޯޓުން ކުރާ ދަތަރުތަކަށް ކަމަށާއި އެ ރޫޓުތަކަށް ދެ ލޯންޗުން ދަތުރުކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ދެން އެންމެ އަވަހަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކަމަށް ވިދާޅުވިއެވެ.

"ޅ. ގައި ފެށުމަށްފަހު ދެން އަޅުގަނޑުމެންނަށް ޕްލޭނިން މިނިސްޓްރީން އިންސްޓްރަކްޝަން ލިބިފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް. ދެކުނުގެ އަތޮޅުތަކުގައި ފެށުމަށްފަހު މި ޒޯނުގެ އިތުރު ދަތުރުތައް ފެށިގެންދާނީ،" ފާރިގް ވިދާޅުވިއެވެ.

ފާރިގް ވިދާޅުވީ ޅ. އަތޮޅުގައި ފެރީ ދަތުރުކުރާނެ އަގުތައް ވަރަށް އަވަހަށް ކަނޑައަޅައި އިއުލާނު ކުރާނެ ކަމަށެވެ. އަދި ދަތުރުގެ އަގުތައް ހުންނާނީ 35 ރުފިޔާ އިން ފެށިގެން 125 ރުފިޔާއާ ދޭތެރޭގައި ކަމަށެވެ.

ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގައި މިހާރު އަންނަނީ މި ހިދުމަތް ދެމުންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އާރުޓީއެލްގެ ފެރީ ދަތުރުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެއެވެ. އެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެއެވެ.