އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް މިއަދު ފަށައިފިއެވެ.

އެސްޓީއޯގެ "އިޔާ އެންޑް ސޭލް" އަކީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކަށް ވުރެ އެތަށް ގުނައަށް ބޮޑު ޑިސްކައުންޓާއި އިނާމު ލިބޭ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ފެއްޓުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މާލެއާއި އަތޮޅުތަކުގައި ހިންގާ އެސްޓީއޯ ފިހާރަތަކުގައިވެސް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.

"މި ޕްރޮމޯޝަންގެ ތެރޭގައި ފުދޭވަރަކަށް ބޮޑު ޑިސްކައުންޓެއް ކަސްޓަމަރުން އާއްމުކޮށް ބޭނުންކުރާ ޕްރޮޑަކްޓު ތަކުން ލިބެގެންދާނެ" ސައީދު ވިދާޅުވި އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަނުގައި ހާއްސަ ލަކީޑްރޯއެއްވެސް ކުރިއަށްދާނެއެވެ. ލަކީޑްރޯއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔާއަށް 64 އިންޗީގެ ޓީވީއަކާއި ސައުންޑް ސްޕީކާ ސިސްޓަމެއްގެ އިތުރުން ރެފްރިޖިރޭޓާ އެއް ލިބޭނެއެވެ. އަދި ދެވަނަ އިނާމަކަށް 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު ތިންވަނަ އިނާމަކަށް ލިބެނީ 5،000 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށްވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ އިތުރުން އެސްޓީއޯގެ ވޯލްޑް ކަޕް ޕްރޮމޯޝަން "'ހޭވައްލާ ތައްޔާރު"ވެސް ކުރިއަށް އެބަގެންދެއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭއިރު އޭގެ ތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް އެންމެ ފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ދޭން ވަނީ ނިންމައިފައެވެ.