ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވުމުގައި އެވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، ތިން ކަމަކުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަފީފު ނިންމަވައިލެއްވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅައި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް އެހުމަށްޓަކައި ޖަހަން ޖެހޭ ރަނގަބީލު ޖެހުމެއްނެތި، ޖަލްސާގެ ކޯރަމް ނެތް ކަމަށް ވިދާޅުވެއެވެ.
މަޖިލިސް ގަވާއިދު އޮންނަގޮތުން، އެ ބިލަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު ވާހަކަ ދައްކަވަން ބޭފުޅަކު އެދިވަޑައިނުގެންފިނަމަ، ރިޔާސަތަށް ދެން ޖެހޭނީ ބިލުގެ ތިންވަނަ ކިއުން އިއްވައި ވޯޓުގެ ރަނގަބީލު ޖެހުމަށް އިދާޒީ މޭޒަށް އެންގުމަށެވެ.
ނަމަވެސް އެ އިން އެއްވެސް ކަމެއް އަފީފު ނުކުރައްވައެވެ. ބަހުސްގައި ވާހަކަ ދައްކަން އެއްވެސް ބޭފުޅަކު އެދިވަޑައިނުގަތުމުން، ވޯޓަށް އަހަން ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ އަފީފް ޖަލްސާ ނިންމަވައިލެއްވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރިޔާސަތުގެ ކުރިމައްޗަށް ގިނަ މެމްބަރުންތަކެއް އެއްވެ ވަނީ އިހުތިޖާޖު ކުރައްވައިފައެވެ.
"ތިންވަނަ ކިއުން އިއްވަން ޖެހޭނެ އެއްކަމަކަށް، އަނެއް ކަމަކަށް، ކޯރަމެއްގެ ވާހަކަ ރިޔާސަތަށް ވިދާޅުވެވޭނީ ވެސް ވޯޓެއް ނަގަންޏާ، ގަވާއިދު ތަންދޭގޮތުން ޖަހަންޖެހޭ ވޯޓު ރަނގަބީލު ޖެއްސެވުމަށްފަހު ޖަލްސާއަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށް މެންބަރުންނަށް ފަސް މިނެޓުގެ ވަގުތު ދެއްވުމަށްފަހު ދެން ކޯރަމް ނެތިއްޖެއްޔާ ޖަލްސާ ނިންމާލުމުގެ އިހުތިޔާރު މަޖިލިސް ގަވާއިދުން ލިބޭނީ. ގަވާއިދު ބުނާގޮތުން ވޯޓު ރަނގަބީލު ޖަހަން އަންގަންޖެހޭނީވެސް ރިޔާސަތުން އިދާރީ މޭޒަށް، އެއިން އެއްވެސް ކަމެއް އަފީފު ނުކުރައްވާ. ތިންގޯސް ހައްދަވާފައި މިއަދު ރިޔާސަތުން ޖަލްސާ ނިންމަވާލެއްވީ،" ހުސެއިން ވިދާޅުވިއެވެ.