ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ހުޅުވި ފަންޑަަށް 200،000 އަށްވުރެ ގިނަ ރުފިޔާ

އަލީ ޔާމިން

މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް އިން ހުޅުވާލި ފަންޑު ބަންދުކުރިއިރު 200،000 އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މި ފަންޑަކީ އެ ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވި ފަންޑެކެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ކާބޯތަކެތި ފޯރުކޮށްދޭން އެ ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނެއެވެ. މަރުވި މީހުންގެ އާއިލާތަކަށްވެސް ހަރަދުކުރާނެއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެ ފަންޑަށް 192،954 ރުފިޔާއާއި 1078 ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ އެކު ޖުމުލަ 209،576 ރުފިޔާއެވެ.

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ ބިދޭސީން މަރުވެފައިވާއިރު 34 ބިދޭސީއަކު ވަނީ ހާލުގައި ޖެހިފައެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ބުނީ، ފަންޑަށް ލިބުނު ފައިސާއިން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 500 ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ. ހާލުގައި ޖެހުނު 34 ބިދޭސީންގެ ކޮންމެ މީހަކަށް 3،855 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.