ސަރުކާރުކާރުން މަޖިލީހަށް ހުށަހަޅައި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ، ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް އަހަން ޖަހަން ޖެހޭ ރަނގަބީލު ޖެހުމެއްނެތި، ޖަލްސާގެ ކޯރަމް ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމު މަޖިލިސް ތެރޭގައި ބައެއް މެންބަރުން އިހުތިޖާޖު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި، ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި އޮތީވެސް ހަމައެކަނި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފަހު ދަންފަޅީގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގެ ބަހުސްގެ ވަކި ހިސާބަކުން، އެ ގަރާރަށް ވާހަކަ ދަައްކަވަން އެދިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެވަގުތު ޖަލްސާގައި ތިއްބެވި މެންބަރުން ވާހަކަ ދައްކަވައި ނިމުމުން، ރިޔާސަތުގައި އިންނެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އެ ގަރާރުގެ ބަހުސް ނިންމާނުލައި ކޮމެޓީން ހުށަހަޅާ ކަންތަކުގެ އޮތުގައި، ޓެކްސް ބިލަށް ހުށަހަޅާފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ރިޕޯޓަށް ބަހުސް ކުރުމަށް އެއްގަޑިއިރުގެ ވަގުތެއް ކަނޑައެޅިފައިވާ ކަމަށާއި، އެ ވަގުތުން އެކި ޕާޓީތަކަށް ވަގުތު ދެވިފައިވާ ގޮތް ވިދާޅުވެދެއްވިއެވެ. އަދި އެ ރިޕޯޓަށް ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތުވެސް ހުޅުވައިލެއްވިއެވެ.
ނަމަވެސް އިރުކޮޅެއް ފަހުން ވިދާޅުވީ، އެ ރިޕޯޓަށް ވާހަކަ ދައްކަވަން އެއްވެސް މެންބަރަކު ފުރުސަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި، އަދި އެ ބިލަށް ވޯޓަށް އަހަން ބޭނުންވާ ކޯރަމްވެސް ނެތްކަމަށެވެ.
އެހިސާބުން މެންބަރުން އަޑުގަދަކުރަން ފެއްޓެވިއެވެ. ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ކޯރަމް ނުގެއްލޭ ކަމަށެވެ. އަނެއްބައި މެންބަރުން އަޑުގަދަ ކުރެއްވީ، ބިލަށް ވޯޓަށް އެހުމުގެ ކުރިން ޖަހާ ފަސް މިނިޓްގެ ރަނގަބީލު ނުޖަހައި އެގޮތަށް ނުނިންމޭނެ ކަމަށެވެ.
އެއީ މަޖިލިސް ތަޅުމުގައި ވޯޓު ނަގަން ގަވާއިދުގައި އޮންނަ އުސޫލުތަކުގެ ތެރޭގައި، ކޮމިޓީ ރިޕޯޓަށް މެންބަރުން ބަހުސް ކުރެއްވުމަށް އެދިވަޑައި ނުގަންނަވާނަމަ އެ ބިލެއްގެ ތިންވަނަ ކިއުން އިއްވަން ޖެހެއެވެ. އެއަށްފަހު ޖެހެނީ ވޯޓު ނެގުމުގެކުރިން ކޯރަމް ހަމަކުރަން މެންބަރުންގެ ސަމާލުކަމަށް ގެނައުމަށް ޖަހާ ފަސް މިނިޓުގެ ވޯޓު ރަނގަބީލް ޖަހާށެވެ. އެ ރަނގަބީލު ޖަހާނީ ރިޔާސަތުން އެކަމަށް އެންގުމުންނެވެ. އެއީ މަޖިލީހުގެ ގޯތިތެރެއާއި ބައެއް ކޮމިޓީތަކުގައި މެންބަރުން ތިއްބަވާނެތީ ވޯޓުގައި ބައިވެރިވުމަށް އެ މެންބަރުން މަޖިލިސް ތަޅުމަށް ވަޑައިގަންނަވަން ޖެހޭކަން ސަމާލުކަމަށް ގެނައުމަށެވެ. އެގޮތަށް ވޯޓުގެ ރަނގަބީލު ޖެހުމަށްފަހު މަޖިލިސް ގޯތިތެރޭގައި މެންބަރުން ތިބިތޯ ބެލުމަށް ޖަލްސާގެ ރިޔާސަތުން ބައެއް ފަހަރު މީހުންވެސް ފޮނުވައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ބިލުގެ ތިންވަނަ ކިއުމެއްވެސް ނީއްވައެވެ. ވޯޓުގެ ރަނގަބީލު ޖެއްސެވުމަކަށްވެސް އަފީފު ނާންގަވައެވެ. މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން، މެންބަރުންގެ ހަޅޭކުގެ ތެރެއިން އަފީފު ވިދާޅުވީ، "ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ނޮވެމްބަރު 2022 ވަނަ އަންގާރަ ދުވަހު ހެނދުނު 9:00ގައި،" ކަމަށެވެ.
އެ މައްސަލައިގައި ގިނަ މެންބަރުންތަކެއް މަޖިލިސް ރިޔާސަތުގެ ކުރިމައްޗަށް އެއްވެ އިހުތިޖާޖު ކުރެއްވިއެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނެވެ.
މި ބިލުގެ މަސައްކަތް މަޖިލިސް ތަޅުމުގައި ކުރިއަށްދިޔައިރުވެސް ދެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ބޮޑެތި ރައްދުދިނުންތަކެއް ހިނގިއެވެ. ބިލު ކޮމެޓީ މަރުހަލާގައި އޮއްވައި ސަރުކާރުން ހުށަހަޅާފައިވާގޮތަށް ބިލް ފާސް ނުކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ގިނަ އިސްލާހުތަކެއްވެސް ހުށަހެޅުއްވިއެވެ.
ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ސަރުކާރުން ހުށަހަޅާގައިވާގޮތަށް، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 16 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު