ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދު ހޯދި އިރު، އަންހެން ހުރިހާ އިވެންޓުތަކުގެ ތައްޓާއެކު ފާތިމަތު ނަބާހާ (ނަބާ) އަނެއްކާވެސް އޭނާގެ ކާމިޔާބީ ތަކުރާރުކޮށްފިއެވެ.
ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އިއްޔެ ފިރިހެން ސިންގަލްސް ތަށި ނެގީ ފައިނަލުގައި ޒަޔާން ޒަކީ ބަލިކޮށް ގެންނެވެ. އިއްޔެގެ ފައިނަލުގައި ޒަޔާން އަތުން ނިބާލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. ނިބާލް ސެޓުތައް ގެންދިޔައީ 21-16، 21-14 އިންނެވެ.
މިފަހަރުގެ ފައިނަލުގައި ނިބާލް ތަށި ހޯދީ މީގެ ކުރިން ތިން ފައިނަލެއްގައި ބަލިވުމުގެ ހަނދާން ނައްތާލައިގެންނެވެ. މިދިޔަ އަހަރު ފައިނަލުގައި ނިބާލް އަހުމަދު ތޯއިފް މުހައްމަދު ކައިރިން ބަލިވެފައިވާ އިރު، އޭގެ ކުރިން 2018 އާއި 2019 ފައިނަލުގައި ނިބާލް ބަލިވީ އަޖުފާން މުހައްމަދު އަތުންނެވެ.
މިއަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ޒަޔާނާއި ތޯއިފްގެ ޕެއާއެވެ. ޒަޔާންއާއި ތޯއިފްގެ ޕެއާ މޮޅުވީ އަޖުފާނާއި ނިބާލްގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެނެވެ. އިއްޔެގެ ޑަބަލްސް ފައިނަލް ސެޓުތައް ޒަޔާނާއި ތޯއިފް ގެންދިޔައީ 21-18، 21-17 އިންނެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަންގައި މިދިޔަ ތިން އަހަރުވެސް އެންމެ ކާމިޔާބު އެތުލީޓަކީ ނަބާއެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރުވެސް ކުޅުނު ހުރިހާ އިވެންޓުތަކުގެ ރަން މެޑަލް ހޯދައިފައެވެ. އެ ކާމިޔާބީ ނަބާ މި ފަހަރުގެ މުބާރާތުގައިވެސް ތަކުރާރު ކޮށްފައިވެއެވެ. އެއީ އަންހެން ސިންގަލްސްއާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއީ ބެޑްމިންޓަންގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކާމިޔަބީއަށްވާނެއެވެ.
މި އަހަރުގެ އަންހެން ސިންގަލްސް ފައިނަލުގައި އޮތީ އެއްމާބަނޑު ދެބެންގެ ކުރިމަތިލުމެކެވެ. ނަބާއާއި އައިމިނަތު ނަބީހާ (ނަބީ) ފައިނަލުގައި ވާދަކުރި އިރު، ނަބާ ޗެމްޕިއަންކަން ހޯދީ ތިން ސެޓު ކުޅެ، މޮޅުވެގެންނެވެ. ސެޓުތައް ދިޔައީ 21-15، 14-21 އަދި 21-19 އިންނެވެ.
އަންހެން ޑަަބަލްސް ޗެމްޕިއަނުންނަކީ މި ފަހަރުވެސް ނަބީއާއި ނަބާގެ ޕެއާއެވެ. ފައިނަލުގައި ނަބާއާއި ނަބީގެ ޕެއާ ނުކުތީ އައިޝަތު އަފްނާން ރަޝީދާއި މައިސާ ފަތުހުﷲ އިސްމާއިލް (މައި)ގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ސީދާ ދެ ސެޓުން ނަބާއާއި ނަބީ ކާމިޔާބުކުރީ 21-12، 21-12 އިންނެވެ.
މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ އެންމެ ފަހުން ދެ ފަހަރުވެސް އެ ކާމިޔާބު ހޯދި ޒަޔާނާއި ނަބާގެ ޕެއާއެވެ. ޒަޔާނާއި ނަބާގެ ޕެއާ ފައިނަލުގައި ވަނީ 21-12 އާއި 21-10 އިން، އައިމިނަތު ޝަހުރުނާޒް މޫސާއާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ ބަލިކޮށްފައެވެ.
އިއްޔެ ވަނީ ދެވަނަ ޑިވިޝަންގެ ފައިނަލްތައްވެސް ކުޅެފައެވެ. ދެވަނަ ޑިިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޝައިބާ މުހައްމަދު ޝަރީފް ހޯދި އިރު، އަންހެން ޑަަބަލްސް ތަށި ހޯދީ ޝައިބާއާއި އައިޝަތު ޒޯޔާ ހުސެއިންއެވެ. ދެވަނަ ޑިިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިޔާން އަބްދުލް އަލީމް (ޗިކީ) ހޯދީ ފައިނަލުގައި މުހައްމަދު ސާލިމް އަބްދުއްސަމަދު 2-1 ސެޓުން ބަލިކޮށްގެންނެވެ.
ދެވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް މުހައްމަދާއި ނާތިޖު އަލީގެ ޕެއާއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން