މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ރާއްޖެއަށް ވަނީ 1,402,547 ފަތުރުވެރިން އައިސްފައެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. މުޅި މާކެޓުގެ 14 ޕަސެންޓު އިންޑިއާއިން ހިއްސާކުރާ އިރު، މިއަހަރުގެ މިހާތަނަށް އެގައުމުން އައި ފަތުރުވެރިންގެ އަދަދު 173,834 އަށްވުރެ އިތުރެވެ.

ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތް އިރު، އެގައުމުން މިހާރު އަންނަނީ ރާއްޖޭގެ މާކެޓުގެ 12.3 ޕަސެންޓު ހިއްސާކުރަމުންނެވެ. ކުރިއަށް އޮތީ ފިނި މޫސުން ކަމަށް ވާތީ ރަޝިއާ ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

މާކެޓުގެ 10.9 ޕަސެންޓާއެކު ލިސްޓުގެ ތިންވަނައިގައި އިނގިރޭސި ވިލާތު އޮތް އިރު، ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާ ޓޫރިސްޓުންވެސް ރާއްޖެ ޒިޔާރަތްކުރާ އަދަދުތައް އަންނަނީ އެއްމަހުން އަނެއް މަހަށް އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު އެވްރެޖުކޮށް ދުވާލަކަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޯބަރުގެ ނިޔަލަށް އެވްރެޖުކޮށް ދުވާލަކު 4،250 ޓޫރިސްޓުން ޒިޔާރަތްކުރަމުން އައި ނަމަވެސް އިއްޔެގެ ނިޔަލަށް އެ އަދަދު 4،438 އަށް ވަނީ އިތުރުވެފައެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް ހަތް ދުވަހާއި އަށް ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

މި އަހަރު މިހާތަނަށް ބަލާއިރުވެސް މި ވަނީ މިދިޔަ އަހަރަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 1,069,021 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ 1,321,932 އެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،702،887 އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.

އެ އަމާޒު މިއަހަރު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ އޮގަސްޓް މަހު "ވަން" އަށް ދެއްވި އިންޓަވިއެއްގައި ވަނީ ވިދާޅުވެފައެވެ.