ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކައިގެން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެފްއެސްއެމްގެ ޝެޑުތަކުން ޕެޓްރޯލް އެޅުމުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ތައާރަފު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއެވެ.
މި ހިދުމަތާއެކު ފެށި ޕްރޮމޯޝަން 14 މެއި 2023ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ޕްރޮމޯޝަންގެ އިނާމަކަށް ކަނޑައަޅާފައިވަނީ ކިންގްސްޓަނުން ވިއްކާ ސްކޫޕީ ސައިކަލެކެވެ.
ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ހަފުލާގައި ގަސަމް ވިދާޅުވީ 2018 ވަނަ އަހަރާ އަޅާބަލައި އިރު، އެފްއެސްއެމްގެ ޝެޑުތަކުން ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޕެޓްރޯލް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކޮށް ވީހާވެސް އަވަސް ހިދުމަތެއް ކަސްޓަމަރުންނަށް ދިނުން ކަމަށެވެ.
މިއަދު ތައާރަފު ކުރި ހިދުމަތާއެކު ޝެޑުތަކުން ދޭ ހިދުމަތްތައް މިހާރަށްވުރެ އަވަސްވެ، ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އެފްއެސްއެމްގެ ޝެޑުތަކުގެ ހިދުމަތްތަށް އަވަސްކުރުމަށް އިތުރު މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށާއި އެކަންވެސް ދާދި އަވަހަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު