ފަހަކަށް އައިސް އެންމެ ބޮޑަށް އެންމެ ގިނަ ބަޔަކު ކުރާ އެއް ޝަކުވާއަކީ އެކި ނަން ނަމުގައި ގުޅައިގެންނާއި، ފާޑު ފާޑުގެ ލިންކްތަކާއި ކޯޑްތައް ފޮނުވައިގެން އެކައުންޓުގައި ހުންނަ ފައިސާކޮޅު ނަގާ ވާހަކައެވެ.

ތެދެކެވެ. އެކަން އެބަ ހިންގައެވެ. އެހެން ނަމަވެސް އެކަން ހައްލު ނުވެ ދިއުމަކީ ދެރަކަމެކެވެ. ދިވެހިންގެ ހޭލުންތެރިކަން ކުޑަ ކަމާއި ވަގުންގެ ވަގުކަން އަދި ކުޅަދާނަކަން ބޮޑު ކަމުން މީހުންގެ އެކައުންޓް ތަކުން ވަގަން ނަގާ ރުފިޔާގެ ވާހަކަ އެންމެންވެސް އެދަނީ ދައްކަމުންނެވެ. އެހެން ނަމަވެސް ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކުން ގެނެސްދިން ފަސޭހަތަކުގެ ވާހަކަ އެއްވެސް ބަޔަކު މިއަދު ނުދައްކައެވެ. އެ ނުދައްކާ ވާހަކަތައް މިއޮތީއެވެ.

ދިވެހިންގެ ބޭންކަށް 40 އަހަރުފުރި އެ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ދިވެހިން މިއަދު ހަނދާން ނުހުރެދާނެ ބައެއް ކަންކަން ބުނެދޭނަމެވެ. ބޭންކު ތެރޭގައި ކުރިން ދިގު ސަފުތައް ހަދައިގެން އެތައް އިރަކު ތިބެ ހިދުމަތް ހޯދި ޒަމާނަށްފަހު ދޮރުމަތިން ދޫކުރި ނަަންބަރު ތަކާއި، ގެންގުޅުނު ޗެކުފޮތް ތަކާއި ސޭވިން އެކައުންޓް ތަކުގެ ބެލެންސް ބަލަން ގެންގުޅުނު ކުޑަފޮތެއް (ޕާސްބްކް) މަތިންވެސް މިއަދުގެ ޒުވާނުން ހަނދާން ނުހުރެދާނެއެވެ. ރުފިޔާ ނަގަން ގެންދާ ޗެކުގެ ސޮއި ދިމާނުވެގެން މުޅި ދުވަސް ގެއްލިދާނެއެވެ. އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ ޒުވާން ދުވަސްވަރު ގުނަމުންދިއައީ އެފަދަ ގޮތަކަށެވެ.

ރަށުގެ މުވައްޒަފުން މަސް ނިމުމުން މުސާރަ ނަގަން އަތޮޅު ބޭންކަށް ދިއުމާއި ބޭންކު ދޯނި ރަށަށްގޮސް މަސްވެރިން ފޮރުވާފައި ހުރި ލާރިކޮޅު އެމީހުންގެ އެކައުންޓަށް ޖަމާ ކުރުމާއި، ރަށު ރައްޔިތުންނަށް ބޭންކު ދޯނިން ދޫކުރި ކުދި ލޯނު ތަކުގެ ހަނދާންވެސް ފަހަރުގައި ނެތިދާނެއެވެ. އެހެން ނަމަވެސް މި ހުރިހާ ކަމެއްވެސް ބޭންކް އޮފް މޯލްޑިވްސްގެ ޒުވާން ދުވަސްވަރު ވަނީ ދަތިތަކާ އެކުވެސް ކޮށްދީފައެވެ.

އެެހެން ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތައް ދިވެހިން ބަލައިގަނެ މި ދެންނެވި އުނދަގޫ ދުވަސްތައް މިވަނީ ނިމިގެން ގޮސްފައެވެ. މިހާރު ބޭންކު ދޯނި ނުވަތަ ލޯންޗުގައި ނަގުދު ފައިސާ ގެންގޮސް އަޅަނީ ރަށު ބަނދަރުގައި ހުންނަ އޭޓީއެމަށެވެ. މުސާރަ ޖަމާވަނީ އަމިއްލަ އެކައުންޓަށެވެ. 24 ގަޑި އިރު ރުފިޔާ ޖަމާ ކުރުމާއި ނެގުމުގެ ހިދުމަތް އޭޓީއެމް ތަކުން ލިބެއެވެ. ކުރިން ނަމަ ބޭންކު ބަންދު ވުމުން އެ ނިމުނީއެވެ.

ބޭންކު ބަންދު ވުމުގެ ކުރިން ޗެކް ޖަމާ ނުކުރެވިގެން މަހު މުސާރަ ލަސްވި ކިތަންމެ ފަހަރެއް ތަޖުރިބާ ކުރީމެވެ. މިއަދު އެކަން ބަދަލުވެ ދުވަހަށް މުސާރަ ޖަމާވެ، އެ މުސާރަ ޖަމާވިކަން އަންގައިދޭ ޓެކްސްޓް މެސެޖެއްވެސް ލިބެއެވެ. އަތުގައި އޮންނަ ފޯނުން އެކައުންޓްގެ ހުރިހާ ކަމެއް ބަލައިލެވެއެވެ. ބޭންކަށް ކުރިން ގޮސް ސަފު ހަދައިގެން ހުރެ ކައުންޓަރު ކައިރިއަށް ލެފި ކުރި ހުރިހާ ކަމެއް މިހާރު އަމިއްލަ ފޯނުން ކޮށްލެވެއެވެ. ބޭންކަށް މިހާރު ދަނީ ކުރީގެ ނިސްބަތުން ނަމަ 20 ޕަސެންޓް މީހުންނެވެ.

މާ ދުރުނޫން މާޒީގައި ހިންގައިދިޔަ މިފަދަ ދަތި އުނދަގޫ ހުރިހާ ކަމެއް މިއަދު އަހަރެމެންގެ ދިރިއުޅުމަކު ނެތެވެ. އެ ބުރަބޮޑު ހުރިހާ ކަމެއް ނިމި ދިވެހިންނަށް ބޮޑު ލުއިފަސޭހަ ކަމެއް ގެނެސްދިނީ ދިވެހި ގިނަ ރައްޔިތުންގެ ފައިސާ ރައްކާކޮށްދޭ ބޭންކް އޮފް މޯލްޑިވްސް އިންނެވެ.

ދިވެހިންގެ ޒަމާންވީ ރައްޓެހިންނާއި އާއިލާތައް މިވަނީ އެކި ރަށްރަށަށް ބެހިގެން ގޮސްފައެވެ. އެހެންކަމުން އެކި ކަންކަމުގައި ކޮންމެ ދުވަހަކުވެސް ފައިސާގެ މުއާމަލާތްތައް ހިންގަން މި ޖެހެނީ މާދުރުގައި ތިބެއެވެ. ކުރިން ރަށު ބައްތެލިން ރަަށަށްދާ މީހެއްގެ އަތުގައި ރުފިޔާ ފޮނުވި ހަދާން މިއަދުގެ ޒުވާނުން ނުހުރެދާނެއެވެ. މިއަދު ދިވެހިން ރުފިޔާ ޓުރާންސްފަރ ކުރަމުން އަންނަ ގޮތާއި އެކިއެކި ހިދުމަތް އަދި މުދާ ގަތުމަށްފަހު ފައިސާ ދައްކާ ގޮތް މިވަނީ މުޅިންހެން ބަދަލުވެފައެވެ. ވޮލެޓަށް ރުފިޔާބޮނޑި އަޅައިގެން އުޅޭ މީހުން މާބޮޑަށްވެސް މިއަދު މި ވަނީ މަދުވެފައެވެ. އެހެންކަމުން ދިވެހިންގެ ދިރިއުޅުމަށް ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަންގެ ސަަބަބުން ގެނެސްދިން ބޮޑު ފަސޭހަ ދިވެހިން ބަލައިގަންނަ ކަން ޔަގީނެވެ. އެހެން ނަމަވެސް އަހަރެމެން ދިވެހިންނަކީ އަބަދުވެސް ނުވެ އޮންނަ ވާހަކަ މާ ބާރަށް ދައްކާ ބައެކެވެ.

އެގޮތުން ބޭންކަށް 40 އަހަރު ވެެގެން ދިޔަ އިރު ބޭރު ގައުމުތަކުން ފޮނުވާ ފައިސާ ވަގުތުން އެކައުންޓަށް ޖަމާ ނުވާ ވާހަކަ އާއި އެކި އެކި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުން ކުރެވޭ މޯބައިލް އެޕްލިކޭޝަންތައް، އެގޮތުން ޕޭޕަލް، ގޫގުލްޕޭ އާއި އެޕަލް ފޭ ފަދަ ވަސީލަތްތަކުގެ ބޭނުން ރާއްޖޭގައި ނުހިފޭ ވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ. އެންމެ އަވަށްޓެރި އިންޑިޔާގައިވެސް މިދެންނެވި ހުރިހާ މޯބައިލް އެޕްލިކޭޝަންތަކެއްގެ ބޭނުން ހިފަމުން އަންނައިރު އެންމެ ޒަމާނީ ފޯނުތަކާއި އެންމެ ހަލުއި 5ޖީ ނެޓްވޯކްގެ ހިދުމަތް ލިބޭ މި ދިވެހިރާއްޖޭގައި މި ހިދުމަތްތައް ނުލިބޭ ވާހަކަ ނުދެކެވެންވީ ސަބަބެއްވެސް ނެތެވެ.

އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސްއަށް މި ދެންނެވި ހިދުމަތްތައް ވަގުތުން ވަގުތަށް ފޯރުކޮށް ދެވޭނީ އެކަމަށް ބޭނުންވާ ގައުމީ ޕޭމަންޑް ސިސްޓަމްގެ ބޭނުން ވެސް ކުރަން ފެށުމުންނެވެ. މިހާރު ލިބޭ މައުލޫމާތު ތަކުން ސާފުވާ ގޮތުގައި ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ރަސްމީކޮށް އަންނައަހަރު ކުރީކޮޅު ފެށިގެންދާނެއެވެ. އޭރުން މިހާރު މިކުރާ ޝަކުވާތައް އަނެއްކާވެސް ހަނދާންނެތި އާ ޝަކުވާތަކެއް އުފަންވާނެ އެވެ.