ދިވެހި ރުފިޔާގެ ނިޝާން ޖެހި ފުރަތަމަ ނޫޓުގެ ފޮޓޯ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ބުނީ އަލަށް ޗާޕްކުރި 50 ރުފިޔާގެ ނޫޓުގައި ރުފިޔާގެ ނިޝާން ޖަހާފައިވާ ކަމަށެވެ. ނޫޓުގެ ދެ ފަރާތުގައި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ފަންސާސް ރުފިޔާގެ އާ ނޫޓް ޗާޕްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރުފިޔާގެ ނިޝާން ޖެހި 50 ނޫޓު ދައުރުކުރުމަށް ނެރޭނެ ތާރީހެއް އެމްއެމްއޭއިން ބުނެފައެއް ނުވެއެވެ. އާ ނޫޓު ނެރުނަސް މިހާރު ބޭނުންކުރަމުންދާ ނޫޓު ވެސް ދައުރުކުރާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން މީގެ ކުރިން ބުނެފައިވަނީ 50 ރުފިޔާގެ ނޫޓު ދައުރުކުރާ މިންވަރު މަދުވެފައިވާތީ، އާ ނޫޓޫ ޗާޕުކޮށް ގެނެސް ދައުލަތުގެ ހާޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ. އޭރު އެ ނޫޓާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.
ރުފިޔާގެ ރަސްމީ ނިޝާން ތައާރަފުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ. މިއީ ރުފިޔާގެ ނިޝާނެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.
ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ގޮތުގައި ތައާރަފުކުރި ނިޝާނުގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ. މި ނިޝާން ފަރުމާކުރީ، މ. ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބުނު ކަމަށް އެމްއެމްއޭއިން ކުރިން ބުނެފައިވެއެވެ. ސުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުން ހިމެނޭ ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.
އެ ނިޝާން ތައާރަފުކޮށްދެއްވީ އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވާރްމަންޓް މިނިސްޓަރު، އާމިނަތު ޝައުނާއެވެ.
ޚަބަރު
ޚަބަރު