ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ހަތަރު ޕަބްލިކް ސްކޫލާއި ދެ މިސްކިތް އިމާރާތްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބިން ހަވާލުކޮށްފިއެވެ.

ހ. މީރުމާ އިވެންޓްސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. ސަރުކާރުގެ ހަތަރު ޕަބްލިކް ސްކޫލުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ.

އެޗްޑީސީން މިއަދު ބުނީ މި ހަތަރު ސްކޫލު ހަދާނީ އާންމުން ދިރިއުޅޭ އިމާރާތްތަކާ ކައިރީގައި ކަމަށެވެ. އެކަމުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި މި ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންގެ ދަރިންނަށް ވެސް ފެންވަރު ރަނގަޅު ތައުލީމެއް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތް ބިނާކުރުމަށް ސަންފްރޮންޓް އާއި ވެލިގާ ހާޑްވެއާއާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ސަންފްރޮންޓާ ހަވާލުކޮށްގެން ބިނާ ކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމެވެ. އަދި ވެލިގާ ހާޑްވެއާއިން ބިނާކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބޫބަކުރެވެ.

އެޗްޑީސީން ބުނީ ސަންފްރަންޓުން ހުޅުމާލޭގައި އަލަށް ބިނާ ކުރަން ނިންމާފައިވާ މިސްކިތަކީވެސް ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒު ކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ ރީތި މިސްކިތެއް ކަމަށެވެ.

އެގޮތުން 22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް، މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ގޮތަށް ބިނާ ކުރާ މިސްކިތެއް ކަމަށާއި އެ މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުލޫކޮށް ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މިސްކިތުގައި އަވިން އުފައްދާ ހަކަތަ (ސޯލާ އެނާޖީ) ބޭނުން ކުރާނެ ކަމަށާއި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ ވެލިގާ އިން ބިނާ ކުރާ މިސްކިތަކީ 15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރާ މި މިސްކިތެއް ކަމަށެވެ. އެ މިސްކިތުގައި ވެސް އަވިން އުފައްދާ ހަކަތަ (ސޯލާ އެނާޖީ) ބޭނުންކުރާ އިރު، އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާނެ ކަމަށާއި މި މިސްކިތުގެ އެތެރޭގައާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ބުންޏެވެ.