އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެކަމާ ގުޅޭ ގޮތުން ޝަރީފާއި އެމްޑީޕީންވެސް އަދި ވާހަކައެއް ނުދައްކައެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި ޝަރީފް އެމްޑީޕީއަށް ސޮއިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު މުލިއާގޭގައި ބޭއްވި ހަފުލާއެއްގައެވެ.
އެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަދި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެންމެ ކުރިން ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި އަދި ތިމަރަފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފު، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕީޕީއެމްގައެވެ.
މިދިޔަ އަހަރުގެ ޖޫން 15ގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވައި މި އަހަރުގެ މާޗު އެކެއްގައި ސްޓެލްކޯގެ އެމްޑީގެ މަގާމާ ހަވާލުވެވައިގެންނެވުމާ ހަމައަށް ސިޔާސީ ޕާޓީއަކާ ޝަރީފު ގުޅިވަޑައެއް ނުގަންނަވައެވެ.
ޝަރީފު މި އަހަރުގެ މެއި މަހު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމްޑީޕީގެ ފިކުރާ ކުރިން ހިޔާލު ތަފާތުވިޔަސް، އެމްޑީޕީ މިހާރު ރިފޯމްވަމުން އަންނާތީ، އޭރުގައި ހުރި ފިކުރާ ތަފާތުވެއްޖެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތްކުރުމަށް އެމްޑީޕީއަށް އޭނާ ގުޅުމަކަށް މިހާރު ހުރަހެއް ނެތް ކަމަށާއި އެ ޕާޓީއާ ގުޅުމަކީވެސް ފަސް ޖެހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން އޭނާ ބަލައިގެންފާނެ ކަމަށް ގަބޫލުކުއްވަންތޯ ސުވާލުކުރުމުން ޝަރީފު އޭރު ވިދާޅުވީ, އޭނާ އެމްޑީޕީއަށް ގުޅުމަކީ ރިސޯސްފުލް ބާރަކަށްވާނެ ކަމަށެވެ. އެގޮތުން އޭނާ ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ ތިމަރަފުށީގައި ޕީޕީއެމް އުފެއްދީވެސް އަދި ޕީޕީއެމްގެ ހުރިހާ ކަމެއް ކުރީވެސް އޭނާ ކަމަށާއި އެހެންކަމުން އެރަށުގެ ގިނަ ބަޔަކު އޭނާ އެނބުރޭ ސިޔާސީ ދިމާލަކަށް މިސްރާބު ޖަހާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.