މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް މިހާތަނަށް 150،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މި ފަންޑަކީ އެ ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވި ފަންޑެކެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށާއި ކާބޯތަކެތި ފޯރުކޮށްދޭން އެ ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނެއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ފަންޑަށް 142،765 ރުފިޔާއާއި 693 ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ އެކު ޖުމުލަ 153،451 ރުފިޔާއެވެ.

ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން 7730000378559 އެކައުންޓަށް ދިވެހި ރުފިޔާ އަދި 7730000378560 އެކައުންޓަށް އެމެރިކާ ޑޮލަރު ޖަމާކުރެވޭނެއެވެ. ފައިސާ ފޮނުވުމަށްފަހު 7384994 ނަމްބަރަށް ސްޕިލް ފޮނުވުމަށް އެ މިޝަނުން އެދެއެވެ. ފައިސާ ޖަމާކުރުމުގެ ފުރުސަތު މިރޭ 12:00 ގެ ނިޔަލަށް އޮންނާނެއެވެ.

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ވަނީ މަރުވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާއެވެ.