މިދިޔަ އޮކްޓޯބަރު މަހު 1.25 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.5 ޕަސަންޓު އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ މިދިޔަ މަހު ލިބުނު އާމްދަނީގެ 57.4 ޕަސެންޓެވެ. ފައިސާއިން ބަލާނަމަ 716 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ އާމްދަނީގެ 10.3 ޕަސެންޓް ނުވަތަ 127.9 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 61.6 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.9 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 64.6 މިލިއަން ރުފިޔާ އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތުކުގެ ކުއްޔަށް 100.5 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު އޮކްޓޯބަރުމަހު މީރާއަށް ޖުމްލަ 46 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ ޓެކުހުން ލިބުނު 35 މިލިއަން ޑޮލަރާއި ޓެކްސް ނޫން އާމްދަނީއަށް ލިބުނު 11.4 މިލިއަން ޑޮލަރެވެ.