އިޓަލީ ލީގު، ސެރެއާ އޭގައި ރޭ ކުޅުނު މެޗުގައި އުޑިނޭސީ ބަލިކޮށް، ނަޕޯލީން ލީގުގައި ޖެހިޖެހިގެން 11 ވަނަ މޮޅު ހޯދައިފިއެވެ.
ނަޕޯލީން ރޭ އަމިއްލަ ދަނޑުގައި އުޑިނޭސީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ނަޕޯލީން ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗު ކާމިޔާބުކޮށްފައިވާ އިރު، އެޓީމު ވެފައި ވަނީ ޔުވެންޓަސްއަށްފަހު ލީގުގެ ފުރަތަމަ 15 މެޗުން 13 މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އެ އަދަދަށް މެޗު ކާމިޔާބުކޮށް ސީޒަން ފެށި ކޮންމެ ފަހަރެއްގައި ޔުވެންޓަސްއިން ވަނީ ލީގު ނަގައިފައެވެ.
މިވަގުތު ނަޕޯލީން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 15 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ލާޒިއޯ 14 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތް އޭސީ މިލާނަށްވެސް 14 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓޯ އޮސިމްހެން އާއި ޕިއޮޓާ ޒިއެލިންސްކީ ޖެހި ގޯލުތަކުން ނަޕޯލީން 2-0 ގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލައި، ދެވަނަ ހާފުގެ ކުރީކޮޅުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖަހައިދިނީ އެލްޖިފް އެލްމާސްއެވެ. ތިން ގޯލުގެ ލީޑެއްގައި ކުޅެމުން ދިޔަ ނަޕޯލީ ކޮޅަށް އުޑިނޭސީގެ ގޯލުތައް ޖެހީ އިލިޖާ ނެސްޓޮރޯވްސްކީއާއި ލަޒާ ސަމާޒްޑިކެވެ.
ނަޕޯލީގެ ދިގު ކްލަބު ތާރީހުގައި މީގެ ކުރިން ލީގު ނަގާފައި ވަނީ އެންމެ ދެފަހަރު އެވެ. އެއީ 1986-87 ވަނަ އަހަރުގެ ލީގާއި 1989-90 ވަނަ އަހަރުގެ ލީގެވެ. އެ ދެތަށި ނެގުމުގައިވެސް ޑިއޭގޯ މަރަޑޯނާގެ ހިއްސާ ބޮޑެވެ. މަރަޑޯނާއަކީ ނަޕޯލީގެ ތާރީހު ދުށް އެންމެ ބޮޑު ލެޖެންޑެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ