އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވުލްވްސް ބަލިކޮށް، އާސެނަލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މި ހަފުތާގައި ކުޅޭ ޕްރިމިއާ ލީގު މެޗުތަކަކީ ވޯލްޑް ކަޕަށް ކްލަބު ފުޓުބޯޅަ މެދުކަނޑާލުމުގެ ކުރިން ކުޅެވޭނެ އެންމެ ފަހު މެޗުތަކެވެ. ރޭ އާސެނަލުން ރަށުން ބޭރުގައި 2-0 އިން ވުލްވްސް ބަލިކުރުމާއެކު އެޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެގޮތުން އެޓީމުން ވަނީ ކުޅުނު 14 މެޗުން 37 ޕޮއިންޓް ހޯދައިފައެވެ. އާސެނަލަށް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ލިބިފައި ވަނީ ރޭ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން ބަލިވުމުންނެވެ.
ރޭގެ މެޗުން ބަލިވުމާއެކު ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 14 މެޗުން 32 ޕޮއިންޓާ އެކުގައެވެ. ވުލްވްސްއާ ހަވާލުވުމަށް ތައްޔާރުވާ ކޯޗު، ހުލެން ލޮޕެޓެގީ ރޭގެ މެޗު ބެލުމަށް ސްޓޭޑިއަމަށް ގޮސްފައިވާ އިރު، ވުލްވްސް މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. އެހެންކަމުން ވުލްވްސްއާއެކު ކުރީގެ ސްޕެއިން ކޯޗު ލޮޕެޓެގީއަށް އޮތީ އުނދަގޫ މަސައްކަތެކެވެ.
ފޯމު ރަނގަޅުކޮށް އާސެނަލުން ރޭގެ މެޗުންވެސް ވަރުގަދަކޮށް ފަށައިގެން ކުޅެމުން ދަނިކޮށް އެޓީމަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމަކާ ކުރިމަތިވީ ސްވިޒަލޭންޑްގެ މިޑްފީލްޑަރު ގްރަނިޓް ޖަކާއަށް އަނިޔާވެ ބާލަން ޖެހުމުންނެވެ. ބަދަލުގައި ކުޅެން ނުކުތީ ފަބިއޯ ވިއެރާއެވެ. ޖަކާއަށް އަނިޔާވުމުގެ މާޔޫސްކަން އެންމެ ބޮޑަށް އޮތީ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ސްވިޒަލޭންޑަށެވެ. ޒަކާއަކީ ސްވިޒަލޭންޑް ޓީމުގެ ކެޕްޓަނެވެ.
ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ. އެގޯލަކީ ވިއެރާގެ ހުރަހަކުން އޭނާ ޖެހި ގޯލެކެވެ. އާސެނަލްގެ ދެވަނަ ގޯލުވެސް ޖެހީ ކެޕްޓަން އޮޑެގާޑެވެ. އެއީ އެންމެފަހުން ޕްރިމިއާ ލީގުގައި އޮޑެގާޑް ކުޅުނު ހަތް މެޗުގައި އޭނާ ޖެހި ހަވަނަ ގޯލެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު