ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ކުޅެވުނީ 1930 ވަނަ އަހަރު އުރުގުއޭގައެވެ. އެއީ ޓީވީ ޒަމާނެއް ނޫނެވެ. ކުލަ ވީޑިއޯގެ ޒަމާނެއްވެސް ނޫނެވެ. އެހެންވީމާ ޓީވީއަކުން ނުދައްކައެވެ. މެޗުތައް ފެނުނީ ކުޅިބަލަން ސްޓޭޑިއަމްތަކަށް ދިޔަ މީހުންނަށެވެ. މުބާރާތް ކުޅެވުނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އުރުގުއޭގައެވެ. ފައިނަލްގައި އާޖެންޓީނާ ބަލިކޮށް ތަށިހޯދީވެސް އުރުގުއޭއެވެ. އޭގެފަހުން 1934 އަދި 1938 ވަނަ އަހަރުވެސް ޓީވީއަކުން ވޯލްޑްކަޕެއް ނުފެނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ބާރަ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން ވޯލްޑްކަޕް ބޭއްވުނީ 1950 ވަނަ އަހަރު އަނެއްކާވެސް ދެކުނު އެމެރިކާގައެވެ. މިފަހަރު ބްރެޒިލްގައެވެ. ފައިނަލްގައި ބްރެޒިލް ބަލިކޮށްފައި އަނެއްކާވެސް ތަށި ގެންދިޔައީ އުރުގުއޭއެވެ.
އެއީވެސް ޓީވީން ދެއްކި ވޯލްޑްކަޕެއް ނޫނެވެ. މެޗުތައް ފެނުނީ ސްޓޭޑިއަމްތަކަށް ވަދެތިބި މީހުންނަށެވެ. އޭގެ ހަތަރު އަހަރު ފަހުން 1954 ވަނަ އަހަރު ސުވިޒަރލެންޑުގައި ބޭއްވުނު ވޯލްޑްކަޕަކީ ތާރީޚު ބަދަލުކޮށްލި ވޯލްޑްކަޕެކެވެ. މެޗުބަލަން ސްޓޭޑިއަމަށް ނުގޮސް ގޭގައި ތިބެގެންވެސް މެޗު ބެލޭނޭގޮތް ތަނަވަސްވީ އެވޯލްޑްކަޕުގައެވެ. އެއީ މެޗުތައް ޓީވީން އެންމެ ފުރަތަމަ ފެނުނު ވޯލްޑްކަޕެވެ. ފައިނަލްގައި ހަންގޭރީ ބަލިކޮށް ތަށި ހޯދީ ޖާރމަނީއެވެ. އެކަމަކު އޭރު މަންޒަރުތައް ފެންނަނީ ކަޅާއި ހުދުންނެވެ. ކުލަ މަންޒަރެއް ނުފެނެއެވެ. ޖެހިގެން އައި 1958 ގެ ވޯލްޑްކަޕާއި 1962 ގެ ވޯލްޑްކަޕް އަދި 1966 ގެ ވޯލްޑްކަޕަކީވެސް މިގޮތުން ކުލަ ވޯލްޑްކަޕެއް ނޫނެވެ. ޓީވީން ބެލި މީހުންނަށް ފެނުނީ ކުލަ މަންޒަރުތަކެއް ނޫނެވެ.
ޕެލޭމެން، ބޮބީ ޗާލްޓަންމެންގެ ޗަރުކޭސް ގޭގައި ތިބެގެން ފެނުނެއްކަމަކު އެއީ ބްލެކް އެންޑް ވައިޓްކޮށެވެ. ކަޅާއި ހުދުންނެވެ. ކަޅާއި ހުދުގެ ވޯލްޑްކަޕް މާޒީގެތެރެއަށް ގޮސް ކުލަ ވޯލްޑްކަޕަކަށްވީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑްކަޕުން ފެށިގެންނެވެ. ފައިނަލްގައި އިޓަލީ ބަލިކޮށް ވޯލްޑްކަޕްގެ ތަށި، ނުވަތަ އޭރުކިޔާގޮތަށް ޖޫލްސް ރިމޭ ޓްރޮފީ، ބްރެޒިލްއިން މިލްކުކުރި މަންޒަރު ދުނިޔޭގެ ގިނަބަޔަކު ބެލީ ކުލަކޮށް ޓީވީންނެވެ. އެކަމަކު އެއީ ޔޫރަަޕާއި އުތުރު އެމެރިކާއާއި އިރުމަތީ އޭޝިއާގެ ފުދުންތެރި ގައުމުތަކުގެ މީހުންނަށެވެ. އޭރުވެސް އޭޝިޔާގެ ގިނަ ގައުމުތަކާއި އެފްރިކާގެ ގިނަ ގައުމުތަކުގައި ޓީވީ ޚިދުމަތެއް ނުހުރެއެވެ. ނުލިބެއެވެ. އޭގެ ހަތަރު އަހަރުފަހުން 1974 ވަނަ އަހަރުގެ ވޯލްޑްކަޕުވެސް ދުނިޔޭގެ ގިނަބަޔަކު ބެލީ ކުލަކޮށް ޓީވީންނެވެ.
އެެެފަހަރު ހޮލެންޑު ބަލިކޮށް ޖަރުމަނުގެ ޓީމު ތަށި ހޯދި މަންޒަރާއި ޔޯހަން ކްރައިފްގެ ކަރުނަ ފެނުނީ ކުލައިންނެވެ. އޭގެ ހަތަރު އަހަރު ފަހުން 1978 ވަނަ އަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހު އާޖެންޓީނާގައި ވޯލްޑްކަޕް ފެށުނުއިރު ދިވެހިރާއްޖެއަށްވެސް ޓީވީ ތައާރަފުވެއްޖެއެވެ. އެއަހަރުގެ ވޯލްޑްކަޕް ފެށުނީ ޓީވީ މޯލްޑިވްސްގެ ނަމުގައި ދިވެހިރާއްޖޭގައި ޓީވީގެ ޚިދުމަތް ލިބެން ފެށިތާ ދެމަސް ފަހުންނެވެ. ޓީވީ މޯލްޑިވްސްގެ ޚިދުމަތް ފެށީ 29 މާރޗް 1978 ގައެވެ. އެހެންނަމަވެސް އެފަހަރުގެ ވޯލްޑްކަޕް ދިވެހީންނަކަށް ނުފެނެއެވެ. ވޯލްޑްކަޕް ކުޅުނުކަމެއްވެސް ގިނަ ދިވެހީންނަކަށް ނޭނގެއެވެ. ފައިނަލްގައި މާރިއޯ ކެމްޕެސްގެ ލަނޑުތަކުން ހޮލެންޑް ބަލިކޮށް ތަށި އުފުލައިލީ އާޖެންޓީނާގެ އެކަތަ ކެޕްޓަން އަދި ޑިފެންޑަރު ޑެނިއެލް ޕަސަރެއްލާއެވެ.
މި މަންޒަރުތައް ކުލަކޮށް ވަގުތުން ދުނިޔޭގެ އެތައް ބަޔަކު ޓީވީން ބެލިއިރު ދިވެހީންނަށް އެފަހަރުވެސް މިފުރުސަތެއް ނުލިބުނެވެ. ނުފެނުނެވެ. ސްޕޭނުގައި 1982 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅުނުއިރު މުޅިދުނިޔޭގައި ކަހަލަ ގޮތަކަށް ޓީވީ އާއްމުވެއްޖެއެވެ. އޭރު ރާއްޖެއަށް ޓީވީގެ ޚިދުމަތް ތައާރަފުވިތާ ހަތަރު އަހަރުވެސް ފުރިއްޖެއެވެ. އެކަމަކު އެފަހަރުވެސް ދިވެހީންނަކަށް ވޯލްޑްކަޕެއް ނުފެނުނެވެ. ފައިނަލްގައި އިޓަލީގެ ޕައުލޯ ރޯސީ ޖެހި ލަނޑުތަކެއް ނުފެނުނެވެ. ބްރެޒިލްގެ ޑިފެންޑަރު ބަޓިސްޓާގެ ބަނޑަށް ބޫޓުން ހަމަލާދީގެން އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާއަށް ރަތްކާޑު ދައްކައި ދަނޑުން ބޭލި މަންޒަރުވެސް ފެންނަ ގޮތެއް ނުވިއެވެ. ވޯލްޑްކަޕް އެފަހަރު ނުދެއްކީ ފަންނީ ގާބިލްކަން ނެތިގެނެއްވެސް ނޫނެވެ. އޭރު ކިތަންމެހާވެސް ރަނގަޅަށް އެގާބިލްކަން ހުއްޓެވެ.
މިދެންނެވި ވޯލްޑްކަޕުގެ އެއްއަހަރު ކުރިން 29 ޖޫން 1981 ގައި އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސްއާއި ލޭޑީ ޑަޔާނާ ސްޕެންސަރުގެ ކައިވެނިފުޅުގެ ރަސްމިއްޔާތު ދިވެހީން ވަނީ ޓީވީ މެދުވެރިކޮށް ވަގުތުން ބަލައިފައެވެ. އެއީ ބޭރުގައި އޮތް ރަސްމިއްޔާތެއް ޓީވީ މޯލްޑިވްސްއިން ވަގުތުން ދެއްކި ފުރަތަމަ ފަހަރެވެ. އަމިއްލަ ގޭގައި ތިބެގެން ކުލަކޮށް ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް ދިވެހިން ކުރަމުން އައި އިންތިޒާރު ނިމުމަކަށް އައީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑްކަޕުން ފެށިގެންނެވެ. އޭރު ޓީވީ މޯލްޑިވްސް ވުޖޫދުވިތާ 8 އަހަރު ވެއްޖެއެވެ. ހުރިހާ މެޗެއް ނުދެއްކިއަސް ކޭބަލް އެންޑް ވަޔަރުލެހަކާއި އެސްޓީއޯއަކާއި މިހެންގޮސް ބޮޑެތި ކުންފުނިތަކުން ސްޕޮންސަރ ކުރީމާ އެކުރި މެޗެއް ޓީވީން ދެއްކިއެވެ.
އޭގެ ހަތަރު އަހަރުފަހުން އިޓަލީގައި 1990 ގެ ވޯލްޑްކަޕުވެސް ދިވެހީން ބެލީ އެޒާތަކަށެވެ. އެކަމަކު 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ވޯލްޑްކަޕުން ފެށިގެން ދިވެހީން ވޯލްޑްކަޕް ބެލުމުގެ ސަގާފަތަށް ބޮޑު އިންގިލާބެއް އަތުވެއްޖެއެވެ. ޕްރީޝޯތަކާއި ދިރާސާކުރުންތައް ތައާރަފުވީ އެހިސާބުންނެވެ. އޭގެފަހުން މިހާތަނަށް ކުޅެވުނު ހުރިހާ ވޯލްޑްކަޕެއްގެ ހުރިހާ މެޗެއްވެސް މިތަރުތީބުން ދިވެހީން ވަނީ ބަލައިފައެވެ. އަދި ހަމަ މިގޮތަށް 1996 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުން ފެށިގެން ޔޫރޯގެ ހުރިހާ މުބާރާތެއްވެސް އަންނަނީ ބަލަމުންނެވެ. މިހާރު ވޯލްޑްކަޕާއި ޔޫރޯގެ މެޗުތައް ދައްކަނީ ހަމައެކަނި ޓީވީ މޯލްޑިވްސްއަކުންވެސް ނޫނެވެ. މިކަމުގެ ތެރެއަށް 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރުންވެސް ވަނީ ވަދެފައެވެ.