ޚަބަރު

ފައްޔާޒު، ގަވަރުނަރަށް: ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން ދޫކޮށްލައި ބޭންކުތައް މައިތިރި ކުރައްވާ!

މުހައްމަދު ޖަމްޝަތް ވަހީދު

1

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން ހުއްޓާލައި ރާއްޖޭގެ ފައިނޭންސް ސެކްޓާ ރިފޯމްކުރުމުގެ މަސައްކަތް ފެއްޓެވުމަށް އެމްއެމްއޭގެ ގަވަރުނަރު، އަލީ ހާޝިމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ ޓޫރިޒަމް ފޯރަމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން އާއްމުންނަށް ދޫކުރާ ލޯނުތަކުން ނަގާ ބޮޑު އިންޓްރެސްޓް ރޭޓުތައް ދަށްކުރަންޖެހޭ ކަމަށާއި އެއީ ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށެވެ. އަދި ރާއްޖޭގެ ފައިނޭންސް ސެކްޓާ ރިފޯމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ލޯނުތައް ލިބުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވީ ގަވަރުނަރު އަލީ ހާޝިމުވެސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން ހުއްޓާލައި ކުރައްވަންޖެހޭ މަސައްކަތަކީ ފައިނޭންސް ސެކްޓާ ރިފޯމުކޮށް ރާއްޖޭގައި ހިންގާ ކޮމާޝަލް ބޭންކުތައް މައިތިރިކުރުން ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި އެމްއެމްއޭގެ ގަވަރުނަރަށާއި ބޭންކުތަކަށް ގޮވާލަން މިހާރު އެ އޮތް އަނިޔާވެރި ގޮތް ނޫން ގޮތަކަށް މީހުންނަށް ލޯނު ލިބޭނެ ގޮތްތަކެއް ހަމަޖައްސަން. ގަވަރުނަރުވެސް ހަމައެކަނި ސަރުކާރުގެ ސިޔާސަތައް ފާޑު ކިޔުއްވައިގެން އެކަންޏެއް ކަންކަމެއް ނުވާނެ. ސެކްޓަ ރިފޯމުކުރަން ކުރައްވާ ކަންތައްތައް ކުރައްވާ. ބޭންކުތައް މައިތިރި ކުރައްވާ. މީހުން ހަލާކުވާ ވަރަށް އިންޓަރެސްޓް ނެގުމާއި ސެކިއުރިޓީ ނެގުމާ މިކަންކަން ހުއްޓާލާ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިޔަފާރިއެއް ފައްޓަން ބޭނުންވާ މީހާއަށްވެސް އެކަމަށް ބޭނުންވާ ބިން ސަރުކާރުން ދިން ނަަމަވެސް ރާއްޖޭގެ ބޭންކުތަކުން ލޯނު ދޫކުރާ އުސޫލުގެ ދަށުން އާންމު ރައްޔިތު މީހާއަށް ލޯނެއް ނެގޭނެ ގޮތެއް ނެތް ކަމަށެވެ.

އަދި ރާއްޖޭގެ ފައިނޭންސް ސެކްޓާ ރިފޯމުކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފައްތައިގެން ލޯނު ދިނުމުގެ އުސޫލު ބަދަލުކުރެވޭނެ ކަމަށާއި ރާއްޖޭގެ ބޭންކުތަކުން ލޯނުދެމުން އަންނަނީ އެކަން ކުރެވެން އޮންނަ އެންމެ މަތީ ޝަރުތުތަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ޓްރީޓީސްގެ ދަށުން އެކަންކަން ކުރެވޭނެ. އަޅުގަނޑުމެން މި ކުރަނީ އޭގެ ތެރެއިންވެސް އޮންނަ އެންމެ މަތީ ލެވެލްގައި. ނުޖެހޭ އެހެން ކުރާކަށް،" ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟