އަނިޔާގައި ހުރި ނަމަވެސް ސެނެގާލްގެ ވޯލްޑް ކަޕް ސްކޮޑުގައި ސަޑިއޯ މާނޭ ހިމަނައިފިއެވެ.

ވޯލްޑް ކަޕާ ދިމާކޮށް އަނިޔާގެ މައްސަލަތަކުގެ މާޔޫސްކަން ބޮޑުވެފައިވާ އިރު، އެންމެފަހުން އަނިޔާގެ މައްސަލައާ ދިމާވި އެއް ކުޅުންތެރިޔަކީ ސެނެގާލްގެ ތަރި މާނޭއެވެ. ވޯލްޑް ކަޕަށް އެންމެ 12 ދުވަހަށް ވެފައިވަނިކޮށް ސެނެގާލްގެ އެންމެ މުހިންމު ކުޅުންތެރިޔާ މާނޭއަށް އަނިޔާވީ ބަޔާން މިއުނިކަށް ކުޅުނު މެޗެއްގައެވެ. ބަޔާނުން މިދިޔަ ހަފުތާގައި ވާޑާ ބްރެމަންއާ ދެކޮޅަށް ކުޅުނު މެޗުގައި މާނޭއަށް އަނިޔާވެ ބާލަން ޖެހުނީ 20 ވަނަ މިނެޓުގައެވެ.

ބަޔާން މިއުނިކުން ދެ ދުވަސް ކުރިން އާންމުކުރި ތަފުސީލުގައި ބުނެފައިވަނީ ކުރިއަށް އޮތް ޝާލްކޭއާ ދެކޮޅަށް ކުޅޭ މެޗުގައި މާނޭ ނުފެންނާނެ ކަމަށާއި އަނިޔާގެ އިތުރު ތަފުސީލުތައް ހާމަކުރެވޭނީ ސްކޭންތަކަކަށް ފަހުގައި ކަމަށެވެ. ބަޔާނުން އިތުރަށް ބުނީ އެ ކްލަބުން ސެނެގާލް ގައުމީ ޓީމުގެ މެޑިކަލް ޓީމާވެސް މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ސްކޭންތަކުން ދެއްކި ގޮތުގައި އަނިޔާވެފައި ވަނީ ކަނާތުފައިގެ ކުޑަހުޅާ ދިމާއަށެވެ.

މިއަދު އެފްރިކާގެ ޗެމްޕިއަން ސެނެގާލުން އިއުލާނު ކުރި ސްކޮޑުގައި މާނޭގެ ނަން ހިމަނާފައިވާ އިރު، ކޯޗު އަލިއޯ ސީސޭ ބުނީ މާނޭގެ ފިޓްނަސް ކައިރިން ބަލަމުންދާ ކަމަށާއި އޮޕަރޭޝަނަކަށް ނުގޮސް އަނިޔާ ރިކަވާވާނެކަން ޔަގީންވެފައިވާ ކަމަށެވެ. ކޯޗު ސީސޭ ދެކޭ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ މާނޭ ފިޓްވުމުގެ ފުރުސަތު ބޮޑެވެ.

ގައުމީ ޓީމަށް ކުޅުނު 93 މެޗުން 34 ގޯލު ޖަހައިދީފައިވާ މާނޭއަކީ ދުނިޔޭގައި މިވަގުތުވެސް ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. ހާއްސަކޮށް އޭނާއަކީ ސެނެގާލް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެންމެފަހުން ސެނެގާލުން މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ނެގި އިރު، މާނޭއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ސެނެގާލްގެ ސްކޮޑުން ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންނަށް ބަލައި އިރު، ސެންޓަ ބެކް، ޗެލްސީގެ ކަލިދޫ ކުލިބާލީއާއި އެޓީމުގެ ގޯލްކީޕަރު އެޑުއާޑް މެންޑީ، އެވަޓަންގެ މިޑްފީލްޑަރު އިދްރީސީ ގާނާ ގެޔޭއާއި ލެސްޓާ ސިޓީގެ ނަމްޕަލީސް މެންޑީ ފަދަ ކުޅުންތެރިން ފާހަގަކުރެވެއެވެ.

ސެނެގާލް ހިމެނެނީ ވޯލްޑް ކަޕް ގުރޫޕް އޭގައެވެ. އެ ގައުމުގެ ފުރަތަމަ މެޗުގައި 21 ވަނަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަންޖެހޭ އިރު، އެ ގުރޫޕުގައި ދެން ހިމެނެނީ އެކުއެޑޯއާއި ހޯސްޓް ގަތަރެވެ.