ދުނިޔޭގެ އެންމެ ދިގު އަންހެނާކަމަށްވާ ތުރުކީގެ އުމުރުން 24 އަހަރުވީ ރުމޭސާ ގިލްގީ ފުރަތަމަ ފަހަރަށް މަތިންދާބޯޓަކުން ދަތުރުކޮށްފިއެވެ. އިސްކޮޅުގައި 7 ފޫޓު 0.7 އިންޗި ހުންނަ ރުމޭސާގެ ވައިގެމަގުން ކުރި ފުރަތަމަ ދަތުރަކީ ތުރުކީގެ އިސްތަންބޫލުން ފުރައިގެން އެމެރިކާގެ ސެންފްރެންސިސްކޯއަށް މިދިޔަ ސެޕްޓެމްބަރު މަހު ކުރި 13 ގަޑިއިރުގެ ދިގު ދަތުރެކެވެ.
ޓާރކިޝް އެއަރލައިނުގެ ބޯޓަކުން މިދަތުރު އޭނާއަށް ކުރެވުނީ އިކޮނޮމީ ކުލާހުގެ ގޮނޑިތަކުގެ ތެރެއިން ހަ ގޮނޑިއެއް ލުއްސާލައި އެތަނުގައި ޚާއްސަ އެނދެއް ގާއިމުކޮށްދިނީމާ އެ އެނދުގައެވެ. ރުމޭސާގެ ދިގު އިސްކޮޅާއި ބިޔަ ހަށިގަނޑުގެ ސަބަބުން މީގެކުރިން ދުވަހަކުވެސް އޭނާ މަތިންދާބޯޓަކަށް ނާރުވައެވެ. މިފަހަރުގެ ދަތުރަށްފަހު ރުމޭސާ ބުނެފައިވަނީ މިއީ ފެށުމެއް ކަމަށާއި އިތުރު މަންޒިލްތަކަށްވެސް ޓާރކިޝް އެއަރލައިނުގައި އުދުހޭނެ ކަމަށެވެ.
ރުމޭސާއަކީ ސޮފްޓްވެއަރ އިންޖިނޭރެކެވެ. އޭނާ ބައެއްފަހަރު ހިނގައި އުޅުނަސް އާއްމުގޮތެއްގައި އެއްތަނުން އަނެއްތަނަށް ގޮސްއުޅެނީ ފުރޮޅުލީ ގޮނޑިއެއްގައި ނުވަތަ ހިނގުމަށް ވާގިވެރިވާ ކޮށްޓެއްގެ އެހީގައެވެ. މިފަހަރު އޭނާ އެމެރިކާއަށް ދިޔައީވެސް ސޮފްޓްވެއަރއާ ގުޅޭ މަސައްކަތެއް ކުރުމަށާއި ދުނިޔޭގެ ރިކޯޑުފޮތް އަދާއިހަމަކުރާ ކުންފުނީގެ އޮފިޝަލުންނާ ބައްދަލުކުރުމަށެވެ.
ދުނިޔޭގެ ރިކޯޑުފޮތުން ރުމޭސާއަށް 2014 ވަނަ އަހަރު އެންމެ ފުރަތަމަ ޖާގަލިބުނީ ދުނިޔޭގެ އެންމެ ދިގު ޓީނޭޖަރުގެ ގޮތުގައެވެ. ދުނިޔޭގެ އެންމެ ދިގު އަންހެނާގެ ލަގަބު ލިބުނީ 2021 ވަނަ އަހަރުއެވެ. އެންމެބޮޑު އަތްތިލައެއް ލިބިފައިވާ އަންހެނާ ކަމަށްވުމާއި އެންމެ ދިގު އިނގިއްޔެއް ލިބިފައިވާ އަންހެނާ ކަމަށްވުމާއި އެންމެ ދިގު ބުރަކަށްޓެއް ލިބިފައިވާ އަންހެނާކަމަށްވުމުގެ ރިކޯޑަކީވެސް ރުމޭސާއަށް މިހާރު ލިބިފައިވާ ރިކޯޑުތަކެވެ.