އެއީ ދެވަނައެއް ނުވާ ފޯވަޑެކެވެ. "ނަންބަރު 9"ގެ ނަން ފޯވަޑްގެ މަގާމަށް ދެވުނީވެސް އެ ފޯވަޑަކާ ހެދިއެވެ. ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑުގައި އެތައް ދުވަހަކު އޮތް ނަމެކެވެ. ކްލަބު ފުޓުބޯޅައިގައި ލީގު ތަށިތައް ހޯދި ދެވަނައެއްނެތް ހުނަރުވެރިއެކެވެ. އެކަން ސާބިތުވަނީ 1997 ވަނަ އަހަރާއި 2002 ވަނަ އަހަރު ހޯދި ބެލޮންޑިއޯ އެވޯޑުންނެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލާއެކު ހޯދައި، އެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ރޮނާލްޑޯ ނަޒޭރިއޯ އެވެ.
1993 ވަނަ އަހަރު، ޒުވާން އުމުރުގައި ކްލަބު ކެރިއަރު ފެށި ރޮނާލްޑޯ 2011 ވަނަ އަހަރު ކެރިއަރު ނިންމާލީ އަނިޔާއަށް ކެތް ނުކުރިވެގެންނެވެ. އުމުރުން 34 އަހަރުގައި ރޮނާލްޑޯ ރިޓަޔާކުރީ ކެރިއަރުގެ އެތައް ހަނދާންތަކެއް ދޫކޮށްފައެވެ. ފުޓުބޯޅައިގެ ޝައުގުވެރިކުރުވަނިވި އެތައް މަންޒަރެއް ދައްކުވައިފައެވެ. އެއީ ގޯލްކީޕަރުންނަށް ހުރި ނުރައްކަލެކެވެ. "ވަން އޮން ވަން" ހާލަތެއްގައި ހަމަ ހަދާނެ އެއްގޮތެއްވެސް ނޯންނާނެއެވެ. ބޯޅަ މަތިން ފައި އުކާލައިފައި ހަނި ޖާގައަކުންވެސް ގޯލްކީޕަރު ނައްޓުވާލައި ގޯލް ޖެހުމުގެ ހުނަރާއި ގާބިލުކަން ރޮނާލްޑޯގެ ފަރާތުން ފެނުނެވެ. ފުރިހަމަ، ބްރެޒިލްގެ ޗަރުކޭހުގެ ޝައުގުވެރި ފޯވަޑެކެވެ.
އާދަޔާހިލާފު ފޯމެއްގައި ކުޅެމުން ދަނިކޮށް، ރޮނާލްޑޯގެ ކަކުލުގެ އޭސީއެލްއަށް އަނިޔާވީ 2000 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ކަކުލުގެ "ނީކެޕް" އަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން އެންމެ ފޯމުގައި ހުރި ދުވަސްވަރު ރޮނާލްޑޯއަށް އިންޓަ މިލާންގެ ކްލަބު ސީޒަން އެކުގައި ގެއްލުނެވެ. 1999 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާ ދޭތެރޭ އޭނާއަށް ގައުމީ ޓީމަށް ކުޅެވުނީ އެންމެ 17 މެޗެކެވެ. އަދި 1998 ވަނަ އަހަރުން 2002 ވަނަ އަހަރާ ހަމައަށް ސެރެއާ އޭގައި ކުޅެވުނީ އެންމެ 38 މެޗެވެ. މެޗު މަދަކަސް ހެޔޮތާއެވެ: އެ އަދަދަށް މެޗު ކުޅެވެސް އޭނާ 24 ގޯލު ޖެހިއެވެ. އެއީ ހުނަރެކެވެ. މޮޅު ހުނަރެކެވެ.
އުމުރުން ގާތްގަނޑަކަށް 17 އަހަރުގައިވެސް ބްރެޒިލުން ރޮނާލްޑޯ 1994 ވަނަ އަހަރު ވޯލްޑް ކަޕަށް ގެންދިޔައީ އޭނާގެ ހުނަރުވެރި ކަމުންނެވެ. މާ މުހިއްމު ނޫން ކުޅުންތެރިއެއް ނަމަވެސް އެ ސްކޮޑުގެ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އެ ވޯލްޑް ކަޕްގެ ރަން މެޑަލް ރޮނާލްޑޯ އަޅާލިއެވެ. އެކަމަކު އޭނާ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. އެއީ ބެންޗުގައި އިނދެގެންނޭ ބުނެވިދާނެއެވެ. އެ ފެށުމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯއަށް ސިއްހީ މައްސަލަތައް ދިމާވެ، މެޗެއްގެ ކުރިން ފިޓް ޖެހި، ލައްކަ ވާހަކައާ ކުރިމަތިލާން ޖެހުނެވެ. ނިންމާލީ ތަށި ނުލިބިއެވެ. ފައިނަލްގައި ބަލިވެގެންނެވެ.
އެ ހިތްދަތިކަމަށް ނިމުން ގެންނަން، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ރޮނާލްޑޯ ދިޔައީވެސް މާ އުފަލުގައި ހުރެގެނެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ފިޓްނެސްވެސް ގެއްލިފައި ހުރެ ރޮނާލްޑޯ ވޯލްޑް ކަޕަށް ނުކުންނަން ޖެހުނީ ކަކުލުގެ ލަކުނަށް ސަމާލުކަން ދީގެންނެވެ. ރޮނާލްޑޯގެ އަނިޔާއަށް މުޅި މީޑިއާގެ ފޯކަސް ހުސްވެ، އެކަމުގެ ޕްރެޝަރު އޭނާއަށްވެސް ކުރިމަތިވިއެވެ. އެކަމުން ޕްރެޝަރު ކުޑަކޮށްލަން ރޮނާލްޑޯ ކުރިކަމަކީ "ނިއްކޮޅު ބަހައްޓައިފައި" ބޮލުގެ އަނެއްބައި ބޭލީއެވެ. އޭރުން ކަކުލަށްވުރެ ބޮޑަށް މީޑިއާގެ ލޯތައް އަމާޒުވާނީ ބޮލަށްތާއޭ ބުނެލައި، ރޮނާލްޑޯ ސްމާޓް ގޮތެއް ހޯދިއެވެ.
އަނިޔާއަކަށް ނުބަލައި، ރޮނާލްޑޯ އެފަހަރުގެ ވޯލްޑް ކަޕް ފެށީވެސް ގޯލަކުންނެވެ. ފުރަތަމަ މެޗުގައި ތުރުކީ ކޮޅަށްވެސް ރޮނާލްޑޯ ގޯލު ޖެހި އިރު، ޗައިނާ ކޮޅަށްވެސް ގޯލު ޖެހިއެވެ. ގްރޫޕް ސްޓޭޖު ނިންމާލީ ކޮސްޓަ ރީކާ ކޮޅަށް ދެ ގޯލު ޖަހައިގެން ޖުމުލަ ހަތަރު ގޯލު ހަމަކޮށްފައެވެ. ނޮކްއައުޓަށް ގޮސް އިންގްލެންޑް ކޮޅަށާއި، ތުރުކީ ކޮޅަށް އަނެއްކާވެސް ގޯލު ޖަހައި، ފައިނަލާ ހަމައަށް ދާންވީއިރަށް ރޮނާލްޑޯ ހަ ގޯލު ޖެހިއެވެ.
ދެން އޮތީ ފައިނަލެވެ. ޖަރުމަނުގެ ވަރުގަދަ ގޯލްކީޕަރު އޮލިވާ ހާނާ ދެކޮޅަށް ގޯލު ޖެހުމަކީ ރޮނާލްޑޯއަށް އޮތް އެންމެ އުނދަގޫ ޗެލެންޖުކަމަށް ހުރިހާ މީޑިއާއަކުންވެސް ސިފަކުރިއެވެ. އެކަމަކު އެކަމަށް ސަމާލުކަމެއް ނެތެވެ. ފައިނަލްގައި ޖަރުމަނު ކޮޅަށް ގޯލު ޖަހައި، ރޮނާލްޑޯ ބްރެޒިލަށް ތަށި ހޯދައިދިނެވެ. 8 ގޯލު ޖަހައި ރަން ބޫޓުވެސް ގެންދިޔައެވެ. ހާންއާ ދެކޮޅަށް ޖެހީ ހާއްސަ ގޯލުތަކެއްކަން އެނގެނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކީވެސް ޖަރުމަނުގެ ގޯލްކީޕަރު ކަމަށްވީމައެވެ.
އެ ވޯލްޑް ކަޕަށްފަހު ބްރެޒިލަށް އަދި ތަށި ލިބިފައިނުވާ އިރު، އެޓީމަށް އޭގެ ފަހުގެ ޖީލުން މަދުވީވެސް "ނަންބަރު ނުވައެކެވެ." ރޮނާލްޑޯއެކެވެ. ވޯލްޑް ކަޕްގެ 19 މެޗެއް ކުޅެ، 15 ގޯލް ރޮނާލްޑޯ ޖެހިއެވެ. އޭނާގެ އެ ރެކޯޑު 2014 ވަނަ އަހަރު މުގުރާލީ ޖަރުމަނުގެ މިރްސްލާވް ކްލޯސާއެވެ. ގައުމީ ޓީމަށް ރޮނާލްޑޯ ވަނީ 98 މެޗުން 62 ގޯލު ޖަހައިދީފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022