އޮސްޓްރޭލިއާ އަޑެލެއިޑްގައި ރޭ ކުޅުނު ޓީ20 ކްރިކެޓް ވޯލްޑް ކަޕް ސެމީ ފައިނަލްގައި އިންގްލެންޑުން ތަފާތު ބޮޑު ނަތީޖާއާއެކު އިންޑިއާ ބަލިކޮށްފިއެވެ.
ރޭގެ ސެމީ ފައިނަލްގައި އިންގްލެންޑުން އިންޑިއާ ބަލިކުރީ 10 ވިކެޓުންނެވެ. އެ ނަތީޖާއާއެކު އިންގްލެންޑުން އާދީއްތަ ދުވަހު ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ ފައިނަލް ވެގެންދާނީ ޕާކިސްތާނަށް ތާރީހީ ފައިނަލަށެވެ. މިފަހަރުގެ މުބާރާތް އުނދަގޫކޮށް ފެށި ޕާކިސްތާނުން 1992 ވަނަ އަހަރު، 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕް ފައިނަލް ނެގީ ފައިނަލުގައި އިންގްލެންޑް ބަލިކޮށްގެންނެވެ. އެފަހަރުގެ ވޯލްޑް ކަޕް ނެގި ޓީމުގެ ކެޕްޓަނަކީ އިމްރާން ހާނެވެ.
ފައިނަލް ތާރީހީ ވެގެންދަނީ އެފަހަރުގެ މުބާރާތުން ޕާކިސްތާން ޓީމުން ފެނުނު ކަންތައްތަކާ މިފަހަރުގެ ޓީމުން ފެނުނު ކަންތައްތަކާ އެއްގޮތް ކަމެއް ހުރީތީއެވެ. 1992 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ނެގި ޓީމު މުބާރާތުގައި ފުރަތަމަ ކުޅުނު ތިން މެޗުންވެސް ވީ ބައްޔެވެ. ފޯމު އަނބުރާލީ އޭގެ ފަހުންނެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ ދެ މެޗުންވެސް ޕާކިސްތާނު ބަލިވިއެވެ. އެއީ ޒިންބާބުވޭއާއި ވާދަވެރި އިންޑިއާ އަތުންނެވެ. ތަފާތު ދެއްކީ ހަނި ފުރުސަތަކުން ހޯދި ސެމީ ފައިނަލްގައެވެ.
ރޭ ކުޅުނު ސެމީގެ މެޗުގައި ޓޮސް ދިމާވީ އިންގްލެންޑަށެވެ. ޓޮސްއާއެކު އިންގްލެންޑުން ނިންމީ ފީލްޑް ކުރުމަށެވެ.
އިންޑިއާއިން ބެޓިންނަށް ނުކުމެ، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދީ 168 ލަނޑެވެ. އިންޑިއާއަށް މެޗުގައި އެންމެ ރަނގަޅަށް ބެޓް ކުރީ ހާޑިކް ޕާންޑްޔާއެވެ. އޭނާ ވަނީ 33 ބޯޅައިން 63 ލަނޑު ހަދައިފައެވެ.
ވިރާތު ކޯލީ ހާފް ސެންޗަރީ ފުރިހަމަ ކުރި ނަމަވެސް ދެން އޭގެފަހުން ބެޓިންނަށް އެރި ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އިންގްލެންޑަށް މެޗުގައި އެންމެ ރަނގަޅަށް އުކީ، ކްރިސް ޖޯޑަންއެވެ. އޭނާ ވަނީ ތިން ވިކެޓް ނަގައިފައެވެ. އެއީ ރޯހިތު ޝަރުމާއާއި އާއި ވިރާތު އަދި ހާޑިކް ނުބައިކޮށްގެން އޭނާ ނެގި ވިކެޓްތަކެވެ.
އިންގްލެންޑުން ކުޅެން އަރައި، ކުޅުންތެރިއަކު ނުބައިނުވެ، ނިންމައިލީ ކެޕްޓަން ޖޯޝް ބަޓްލާ އާއި އަލެކްސް ހޭލްސްގެ ޕާޓްނާޝިޕުންނެވެ. އިންޑިއާ ކައިރިން އިންގްލެންޑުން ނަތީޖާ އަނބުރާލީ 16 އޯވަރުގެ ތެރޭގައި 170 ލަނޑު ހަދައިގެންނެވެ. ބަޓްލާ 80 ލަނޑު ހެދިއިރު، ހޭލްސް ވަނީ 86 ލަނޑު ހަދައިފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް