ޚަބަރު

މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި

މުހައްމަދު އިޝާން

ބްރޯޑްކާސްޓިން ކޮމިޝަންއާ ދެކޮޅަށް ދިރާގުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމެހެއްޓުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

މިދިޔަ ޖެނުއަރީ މަހު ބްރޯޑްކޮމުން ނެރުނު ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާދާރަކީ ބަހުރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި، ޓެލްކޯ އެވެ.

ބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން ބްރޯޑްކޮމުން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އެ ކުންފުންޏަށް އަންގައިފައެވެ. އެ ގަވާއިދާއެކު ދިރާގު ޓީވީއަށް 2013 ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން މަޖުބޫރުވާނެއެވެ.

ދިރާގުގެ ރީ-ބްރޯޑްކާސްޓިން ލައިސަންސް އާ ނުކޮށްދިނުމަށް ބްރޯޑްކޮމްއިން ނިންމުމުން އެ މައްސަލަ ދިރާގުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ލައިސަންސް ދެމެހެއްޓުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ.

ސިވިލް ކޯޓުން މިއަދު ކުރި ވަގުތީ އަމުރުގައި ބުނީ، ދިރާގުން ވަނީ ބްރޯޑްކާސްޓިންގެ ހިދުމަތް ދިނުމަަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއްކޮށް ގިނަ އަހަރުތަކެއްގެ މަސައްކަތުން ކަސްޓަމުރުން ހޯދާފައިވާތީ އެ ފަރާތްތަކުގެ ހައްގު ތިންވަނަ ފަރާތެއްގެ ގޮތުގައި ހިމެނޭ ކަމަށެވެ. ސިވިލް ކޯޓުން ބުނީ ދިރާގުގެ ރީ-ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރަން ބްރޯޑްކޮމުން ނިންމީ ދިރާގުގެ ފަރާތުން ހަދާފައިވާ ގޯހެއްގެ ސަބަބުންކަން އެނގެން ނެތް ކަމަށެވެ.

ދިރާގު ޓީވީގެ ރީ-ބްރޯޑްކާސްޓިން ލައިސަންސްގެ މުއްދަތު ހަމަވާން ކައިރިވެފައިވާ އިރު، އެ ކުންފުނިން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެނުދީފިނަމަ މާލީ ގޮތުން އަލުން އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. ދިރާގުން އެދިފައިވާ ގޮތަށް ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ދަމަހައްޓަން ވަގުތީ އަމުރެއް ނެރުނަސް ބްރޯޑްކޮމްއަށް ލިބޭނެ ގެއްލުމެއް ނެތްކަމަށް ސިވިލް ކޯޓުން ބުންޏެވެ.

އެހެންވެ ސިވިލް ކޯޓުން އަމުރުކުރީ، ދިރާގުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ޓީވީގެ ލައިސަންސް ދެމިއޮންނާނެ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ހާފިޒާ އަބްދުއްސައްތާރުއެވެ.

ބްރޯޑްކޮމްއިން ގަވާއިދަށް ގެނައި ބަދަލުގެ މައްސަލަ ދިރާގުގެ ފަރާތުން ވަނީ ހައި ކޯޓަށް ވެސް ހުށަހަޅައިފައެވެ. އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މައްސަލައެކެވެ.

ދިރާގުން ހައިކޯޓަށް ހުށަހަޅާފައިވަނީ ބްރޯޑްކޮމުން އެކުލަވާލި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އަށް ވަނަ މާއްދާ ބާތިލު ކޮށްދިނުމަށެވެ. ގަވާއިދުގެ އަށްވަނަ މާއްދާއަކީ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރުގައި ބުނެފައިވަނީ ރީ-ބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ވާންޖެހޭނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.