މުޅި ރާއްޖޭގައިވެސް ހައްލުނުވެ އޮތީ ބިދޭސީންގެ މައްސަލައެވެ. ގަވާއިދަށް އުޅޭ ބިދޭސީންނަށްވުރެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނައެވެ. ބިދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވެފައި އޮތްއިރު އެމީހުންނާމެދު ގިނަ ދިވެހިން ނުވަތަ އެމީހުން ގެންނަ ކުންފުނިތަކުން އަމަލުކުރަމުންދަނީ އިންސާނިއްޔަތުކަން ކުޑަކޮށެވެ.

މާލޭގައި މިފަދަ އެތައް މައްސަލައެއް އެބަހުއްޓެވެ. އެގޮތުން 10 ފޫޓު 10 ފޫޓު ހަމަނުވާ ކޮޓަރިއެއްގައި ދަންފަޅި ބަހައިގެން ވިއްސަކަށް ތިރީހަކަށް ބިދޭސީން ދިރިއުޅެއެވެ. މަތި މައްޗަށް ބަންކުބެޑު ޖަހައިގެންނާއި ގޮދަޑި އަޅައިގެން ކުޑަ ކޮޓަރިއެއްގެ ތެރޭގައި ފުނި ޖެހިފައި ތިބެނީ ކިތައް ބިދޭސީން ކަން ބުނެދޭންވެސް ނޭނގެއެވެ. މި ކޮޓަރިއަކީ އެމީހުން ނިދުމަށްވެސް ކެއްކުމަށްވެސް ކެއުމަށްވެސް އަދި އެހެނިހެން ކަންކަން ކުރަންވެސް ހުންނަ ތަނެވެ.

މިކަންކަން ހައްލުކޮށް މޮނިޓާކުރާނެ މުއައްސަސާއެއް ނެތެވެ. ބޮޑު ކަމެއް ދިމާވުމުން ނޫނީ މިކަންކަން ބަލައެއް ނުލައެވެ. ބިދޭސީންނަށް މުސާރަ ނުދީ ގެންގުޅުމާއި ކާންބޯނެ އެއްޗެއް ނުދިނުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް އިންތިހާއެވެ. ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކުތަކުގެ ވާހަކައަކީ ނުވަތަ އެތަންތަނުގެ މަންޒަރަކީ އާ މަންޒަރުތަކެއް ނުވަތަ އާ ވާހަކަތަކެއްވެސް ނޫނެވެ.

އިމާރާތްތައް ހަދާފައި ހުންނަނީ އިމާރާތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި ހުންނަ އިމާރާތްކުރުމުގެ ކޯޑާއި އެއްގޮތަކަށް ނޫނެވެ. އެހެން ނަމަވެސް މިކަމަށް އަޅައިލަނީ ކިތައް މީހުން ހެއްޔެވެ؟ އިމާރާތްކުރުމުގެ ކޯޑާ އެއްގޮތަށް ތަންތަން ހެދި ނަމަވެސް ފަހުން ޑެކު އަޅައިގެން އެތެރެއިން ކުދި ކުދި ތަންތަން ހަދައިގެން ޕާޓިޝަން ޖަހައިގެން ބޭނުންކުރެއެވެ. އެކަމަކު މިކަންތައް މިގޮތަށް ހިނގާކަން އެނގޭއިރުވެސް ބަލައެއްނުލައެވެ.

އިމާރާތްތަކަކީ އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަނަށް ހެދުމަށް މަގުފަހިކުރުމަށް އިމާރާތްކުރުމުގެ ކޯޑުގައި ބަޔާންކޮށްފައިވެއެވެ. ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އިމާރާތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދިނުމާއި، އެފަދަ ހާލަތްތަކުގައި ސަލާމަތްތެރިކަމާއެކު އިމާރާތުން ނިކުމެވޭނެ ގޮތް ހެދުމަށް މަގުފަހިކުރަން ޖެހެއެވެ. އިމާރާތްތަކަކީ އެ އިމާރާތްތަކުގެ ބޭނުންކުރާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ، ތަނަވަސްކަން ލިބޭ މާހައުލަކަށް ހަދަންވެސް އެ ކޯޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރަށް ދެމެހެއްޓެނެވި ތަރައްގީއަށް މަގުފަހިވާނެ ގޮތަކަށް އިމާރާތް ފަރުމާކުރެވުމާއި، އިމާރާތްކުރެވުމާއި، އިމާރާތް ބޭނުންކުރުމަށް މަގުފަހިކުރަންވެސް ޖެހެއެވެ.

ކަންމިހެން އޮތް އިރު ރޭގެ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ވެސް މި ކޯޑަކަށް ނުފެތެއެވެ. އެގޭގެ ގުރައުންޑު ފްލޯ ހިމެނޭހެން އިތުރު ދެ ބުރި ހުންނައިރު އެތަނުގައި ވިއްސަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް މައުލޫމާތު ލިބެއެވެ. ފުރަތަމަ ބުރީގައި ޕާޓިޝަން ޖަހައިގެން ތިން ކޮޓަރި ހަދާފައި ހުންނައިރު އެތަނުގައި ތިބީ ހަތަރު މީހުންނެވެ. ދެ ވަނަ ބުރީގައި ހަތް ކޮޓަރި ހަދާފައިވާ ކަމަށް މައުލޫމާތު ލިބޭއިރު މި ކޮޓަރިތަކުގައި ދިރިއުޅެނީ ކިތައް މީހުން ކަމެއްވެސް އަދި ސާފެއް ނުވެއެވެ. ނަމަވެސް މިތަނުގައި ގިނަ އަދަދެއްގެ ބިދޭސީ އަންހެނުންނާއި ފިރިހެނުން ދިރިއުޅެއެވެ. ކޮންމެ ކޮޓަރިއެއްގައި ކައްކައި ކެވޭ ގޮތް ހަދާފައި ހުރެއެވެ.

ހާދިސާއެއް ހިނގައިފިނަމަ އެ އިމާރާތުގެ އެންމެ އެތެރޭގެ ހުރި ކޮޓަރިތަކުން މީހުންނަށް ސަލާމަތްވެވޭނެ ގޮތެއް ނެތް ކަން އިމާރާތުގެ ފޮޓޯތަކުން އެނގެއެވެ.

މި ހާދިސާއިން ސަލާމަތްވި މީހަކު ވަނީ އެކަން "ވަން" އަށް ކަށަވަރުވެސް ކޮށްދީފައެވެ. އެންމެ ފަސޭހައިން ނިކުމެވެން އޮންނަނީ ސިޑި ކައިރީގައި ހުރި ކޮޓަރިތަކުގެ މީހުންނަށް ކަމަށެވެ.

ދެން އޮތީ ބޮޑު މައްސަލައެކެވެ. ގަރާޖުތަކާއި ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތައް ކައިރީގައި ހުރުމުގެ މައްސަލަތަކެވެ. 2019 ވަނަ ހާދިސާގައި ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގީވެސް މިފަދަ ކެމިކަލް ގުދަނެއްގެ ސަބަބުންނެވެ. ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެ ސަރަހައްދުގައި ހުރި ތިން ގެއަކަށް ވަނީ އަސަރުކޮށްފައެވެ. އެތަނުން އެންމެ ބޮޑުވަރު ވެފައިވަނީ އަލިފާން ރޯވި ގުދަން ހުރި ގޭ ކުރިމަތީގައި ހުރި ހ. ރަދުވާގެއަށެވެ. އެގޭގައި ދިރިއުޅުނު ދިވެހި އަންހެނަކު ވަނީ މިހާދިސާގައި މަރުވެފައެވެ.

އެ ހާދިސާއަށްފަހު ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ. އަލިފާނުގެ އެ ހާދިސާ ހިނގިއިރު މާލޭގައި 126 ކެމިކަލް ގުދަން ހުރިކަން ވަނީ ފާހަގަވެފައެވެ. އޭގެ ތެރެއިން 83 ގުދަނަކީ މީހުން ދިރިއުޅޭ ގެތަކުގައި ހަދާފައި ހުރި ގުދަންތައް ކަމަށާއި 98 ގުދަން ހުރީ މީހުން ދިރިއުޅޭ އިމާރާތްތަކާ އިންވެގެން ހުރި ތަންތަނުގައި ކަންވެސް އޭރު ވަނީ ހާމަވެފައެވެ.

އޭގެ ފަހުން ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް އެތަނުން ވެއާ ހައުސްތަކެއް ކުއްޔަށްދޫކުރިއެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ މިވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއާހައުސް ގާއިމުކޮށްފައިވާ ކަމަށާއި އިތުރު 18 ވެއާހައުސް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް މާލޭގައި މިހާރުވެސް ގަރާޖުތަކުގައި ކެމިކަލް ރައްކާކުރަމުންދާކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދެއެވެ. އެގޮތުން ރޭގެ ހާދިސާއިން ސަލާމަތްވި މީހަކު "ވަން" އަށް ބުނީ އެމީހުން ދިރިއުޅޭ ތަނުގެ ތިރީގައި ހަދާފައި ހުރި ގުދަނުގައިވެސް ގިނަ އަދަދަކަށް ކެމިކަލް ހުންނާނެ ކަމަށެވެ. ފަސޭހައިން ރޯވާ ކަހަލަ ކެމިކަލް ހުންނާނެ ކަމަށްވެސް ބުންޏެވެ. މިތަނަކީ މީގެ ކުރިން ސިޓީ ކައުންސިލުން އިންސްޕެކްޓުކޮށް ކެމިކަލް ހުރިކަން ފާހަގަވެ އެކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓުކޮށްފައިވާ ތަނެއް ކަމަށްވެސް ބައެއް މަސްދަރުތައް ބުނެއެވެ.

އެހެންކަމުން މާލޭގައި ކެމިކަލް ގުދަންކޮށްގެން ނުވަތަ ގަރާޖުތަކުގައި ރައްކާކޮށްގެން ގެންގުޅުން މަނާކުރި ނަމަވެސް އެކަން އަދިވެސް ކުރަމުންދާކަން މިވަނީ ފާހަގަވެފައެވެ. މިކަންކަން ރަނގަޅަށް އިންސްޕެކްޓުކޮށް ބަލަހައްޓައި ފިޔަވަޅު އަޅާނެ އިދާރާއެއް ނެތްކަންވެސް މިވަނީ ހާމަވެފައެވެ. ބޮޑުކަމެއް ދިމާވުމުން ނޫނީ ކަންކަން ބަލާނެ އެއްވެސް ފަރާތެއް ނެތްކަން މިވަނީ ހާމަވެފައެވެ.

ރޭގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. ރޭގެ ހާދިސާއިންވެސް އެނގި ހާމަވީ އިހުމާލުވެފައި އޮތް މިންވަރެވެ. މި މައްސަލަތަކަށް ބެލުމުން ސާފުވަނީ މާލެއަކީ ކޮންމެ ވަގުތެއްގައިވެސް ގޮވައިފާނެ ތަނެއް ކަމެވެ. މުޅި މާލޭގައި ކެމިކަލެވެ. މަތިމައްޗަށް ބިދޭސީންނެވެ.