މިސްރުގެ ޝަރްމުއްޝެއިހްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ އދ. ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ސްރީ ލަންކާ ތަމްސީލުކުރެއްވުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅުތަކަށް ހަރަދުކުރާ ބަޔަކު ރަނިލް ވިކްރަމްސިންހަގެ ސަރުކާރުން ސާފުކޮށްދޭން ލަންކާގެ އިދިކޮޅު ޕާޓީން ގޮވާލައިފިއެވެ.

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި އެ ގައުމުގެ އިދިކޮޅު ޕާޓީ، ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަދި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަނުރާ ކުމާރާ ޑިސާނަޔަކޭ ވިދާޅުވީ، ނަޝީދު ކޮޕް 27ގައި ސްރީ ލަންކާ ތަމްސީލުކުރައްވާތީ ބައިނަލްއަގްވާމީ މީޑިއާތަކުން އެކަމާ ގުޅިގެން ސުވާލު އުފައްދާފައިވާ ކަމަށެވެ.

"ކޮޕް 27 ގައި ނަޝީދު ކުރައްވާ ދަތުރުފުޅުތަކަށް ހަރަދުކުރާ ބަޔަކު ސަރުކާރުން ހާމަކުރަން ޖެހޭނެ. ސްރީ ލަންކާއަކީ މިނިވަން ގައުމެއް. އެކަމަކު މިޖެހުނީ މިކަމުގެ ސަބަބުން ލަދުވެތިވާން" އަނުރާ ކުމާރާ ޑިސާނަޔަކޭ ވިދާޅުވިއެވެ.

އަނުރާ ކުމާރާ ޑިސާނަޔަކޭ ވަނީ ކޮޕް 27ގައި ސްރީ ލަންކާ ތަމްސީލުކުރައްވަން ނަޝީދު އައްޔަންކުރެއްވީ އެ މަސައްކަތް ކުރެވޭނެ ގާބިލު މީހެއް ސްރީ ލަންކާގައި ނެތުމުންތޯ ސުވާލު އުފައްދަވައިފައެވެ.

އެ ސުވާލަށް ޖަވާބު ދިނުމަށް ލިޑާ އޮފް ހައުސް މިނިސްޓާ ސުސިލް ޕްރެމްޖަޔަންތާ ވަނީ ދެކޮޅު ހައްދަވައިފައެވެ. އޭނާ ވިދާޅުވީ ތިމާވެށީގެ ކަމަކަށް ވާތީ އެ ސުވާލަށް އޭނާ ޖަވާބު ދެއްވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ކޮޕް27 ގައި ސްރީލަންކާގެ ވަފުދެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ހުކުރު ދުވަހު މިސްރަށް ފުރާވަޑައިގެންފައެވެ. ނަޝީދަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެވެ. އެ މަގާމަށް ނަޝީދު އައްޔަންކުރެއްވީ ނޯވޭގެ ކުރީގެ މިނިސްޓަރު އެރިކް ސޮލްހައިމްއާ އެކުގައެވެ.

ރައްޔިތުން މަޖިލީހުން ބުނެފައިވަނީ ނަޝީދުގެ އެ ދަތުރުފުޅަށް ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަގާމުގައި ހުންނަވައި ރާއްޖެއިން ވެސް ބައިވެރިވާ ސަމިޓެއްގައި އެހެން ގައުމެއް ނަޝީދަށް ތަމްސީލު ނުކުރެއްވޭނެ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ވަނީ ނަޝީދަށް ފާޑު ވިދާޅުވެފައެވެ. ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބުންނާއި ގާނޫނީ އެހެން ބޭފުޅުންނާއި އާންމުންވެސް އަންނަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަޝީދު ސްރީ ލަންކާ ތަމްސީލު ކުރައްވާ މައްސަލައިގައި މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކޮށްދެއްވުމަށް އަދި މިހާރު ވަނީ އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައި ކަމަށް އިއްޔެ ވަނީ ވާހަކަ ފެތުރިފައެވެ.