ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އަޑީގައި ވަނީ ސަރުކާރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ތުހުމަތުކުރައްވައިފިއެވެ.
މިސްރުގެ ޝަރްމުއްޝެއިހްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ އދ. ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ނަޝީދު ވަނީ ސްރީލަންކާ ތަމްސީލުކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މަގާމުގައި ހުންނަވައި ރާއްޖެއިން ވެސް ބައިވެރިވާ ސަމިޓެއްގައި އެހެން ގައުމެއް ނަޝީދަށް ތަމްސީލު ނުކުރެއްވޭނެ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ސްރީލަންކާ ތަމްސީލުކުރެއްވި މައްސަލައިގައި މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކޮށްދެއްވުމަށް ގާނޫނީ ވަކީލު އަހުމަދު ތާލިބު ވަނީ މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ހަސަން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ވަކިކުރަން ބޭނުންވާ އަދަދަށް މަޖިލިސް ތެރެއިން ވޯޓު ނުލިބުމުން މިހާރު ސަރުކާރުން މަސައްކަތް އެ ކުރައްވަނީ ކޯޓު މެދުވެރިކޮށް ނަޝީދު ވަކިކުރަން ކަމަށެވެ.
ހަސަން ވިދާޅުވީ ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފަހަތުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހުން އަދަދު ނުލިބުނީމަ އެ މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް ރައީސް ނަޝީދު ވަކި ކުރެވޭތޯ. އަޅުގަނޑު ގަބޫލުކުރަނީ މިކަމުގައި ގާނޫނީ އަސާސެއް ނެތަސް ވެސް މިކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް،" ހަސަން ވިދާޅުވިއެވެ.
ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އަހުމަދު ތާލިބް ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލުކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ކަނޑައަޅައި އެމަނިކުފާނު މެންބަރުކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ނަޝީދު ވަނީ ކޮޕް27 ގައި ސްރީލަންކާގެ ވަފުދެއްގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މިސްރަށް ފުރާވަޑައިގެންފައެވެ. ނަޝީދަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެވެ. އެ މަގާމަށް ނަޝީދު އައްޔަންކުރެއްވީ ނޯވޭގެ ކުރީގެ މިނިސްޓަރު އެރިކް ސޮލްހައިމްއާ އެކުގައެވެ. ސަމިޓުގައި ރާއްޖެ ތަމްސީލުކުރައްވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު