އޮސްޓްރޭލިއާގައި ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ ޕާކިސްތާނުން ހޯދައފިިއެވެ.
މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ޕާކިސްތާނުން ނިއު ޒީލެންޑް ކައިރިން މޮޅުވީ ހަތް ވިކެޓުންނެވެ. ޕާކިސްތާނުން ވޯލްޑް ކަޕްގެ ފައިނަލުގައި ނުކުންނާނީ އިންޑިއާއި އިންގްލެންޑް ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މިފަހަރުގެ ފައިނަލަކީ 2009 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ފައިނަލަށްފަހު ޕާކިސްތާނުން ކުޅޭ ފުރަތަމަ ފައިނަލެވެ. އެފަހަރު ފައިނަލުގައި ލަންކާ ބަލިކޮށް ޕާކިސްތާނުން ތަށި ނާގަފައިވަ އިރު، މިފަހަރުގެ މުބާރާތުގެ ފެށުމާއެކު ޕާކިސްތާނު ފައިނަލަށް ދާނެކަމަށް ގިނަ ބަޔަކު އުންމީދެއް ނުކުރެއެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުންވެސް ޕާކިސްތާނު ބަލިވިއެވެ. އެއީ ޒިންބާބުވޭއާއި ވާދަވެރި އިންޑިއާ އަތުންނެވެ. އެ ދެ ބައްޔާއެކު ސެމީއަށް ދިއުމުގެ އަމިއްލާ ބާރު ޕާކިސްތާނަށް ގެއްލިފައި އޮތުމަށްފަހު އަލުން ހަނި ފުރުސަތެއް ލިބުނީ ނެދަލެންޑްސްއިން ފަހު މެޗުގައި ދެކުނު އެފްރިކާ ބަލިކުރުމުންނެވެ. އެ ހަނި ޖާގައިގައި ޕާކިސްތާނު ސެމީއަށް ދިޔައީ ބަންގުލަދޭޝް ބަލިކޮށްގެންނެވެ.
މީގެ ކުރިން އެފަދަ އުނދަގޫ ހާލަތެއްގައި ކްރިކެޓް ވޯލްޑް ކަޕް ފަށައިގެން ޕާކިސްތާނުން ތަށި ނެގީ 1992 ވަނަ އަހަރުއެވެ. އެފަހަރު 50 އޯވަރުގެ ވޯލްޑް ކަޕް ޕާކިސްތާނުން ނެގީ އިމްރާން ހާންގެ ކެޕްޓަން ކަމުގެ ދަށުގައެވެ. އެފަހަރުގެ މުބާރާތުގެ ފުރަތަމަ ތިން މެޗުންވެސް ޕާކިސްތާނު ބަލިވެފައިވާ އިރު، ހަނި ފުރުސަތުގައި ސެމީއަށް ގޮސް ކުޅުނީވެސް ނިއު ޒީލެންޑާ ދެކޮޅަށެވެ. އަދި ފައިނަލް ނެގީ އިންގްލެންޑް ބަލިކޮށްފައެވެ.
މިއަދުގެ ސެމީ ފައިނަލުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ބެޓް ކުރުމަށެވެ. ނިއު ޒީލެންޑުން ބެޓިންއަށް ނުކުމެ، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 152 ލަނޑު ހެދިއެވެ. ނިއު ޒީލެންޑްގެ ޑަރީލް މިޗެލް 53 ލަނޑު ހެދި އިރު، ކޭން ވިލިއަމްސަންވެސް ވަނީ 46 ލަނޑު ހަދައިފައެވެ. އުކުމުގައި ޕާކިސްތާނުގެ ޝާހީން އަފްރީދީ ވަނީ ތަފާތު ދައްކައިފައެވެ. އެގޮތުން އޭނާ ވަނީ ނިއު ޒީލެންޑްގެ ވިލިއަމްސަންގެ އިތުރުން ފިން އެލަންގެ ވިކެޓް ނަގައިފައެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި، ފުރަތަމަ ތިން ބެޓްސަމަނުން ވެސް ތަފާތު ދެއްކިއެވެ. ޕާކިސްތާނުގެ އެންމެ ހުނަރުވެރި ދެ ބެޓްސްމަނުން ކަމަށްވާ ބަބާ އާޒަމް އާއި މުހައްމަދު ރިޒްވާން ވަނީ ކޮންމެ ކުޅުންތެރިޔަކު ހާފް ސެންޗަރީ ހަމަކޮށްފައެވެ. ދެ ކުޅުންތެރިން އެކުގައި 105 ލަނޑު ހެދި އިރު، މުހައްމަދު ހާރިސް ވަނީ 30 ލަނޑު ހަދައިފައެވެ. ޕާކިސްތާނުން ވަނީ ހަތް ވިކެޓުން މެޗު ކާމިޔާބު ކުރުމަށް ތިން ބެޓްސްމަނުންގެ ސްކޯއާއެކު 153 ލަނޑު ހަމަކޮށްފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް