ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލައިފިނަމަ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެކިއެކި ގައުމުތަކުން ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ މަހުގެ ސްޓޮކް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ދާ އަޅައިގެން މަސްވެރިކަން ކުރުން މަނާކޮށްފައިވާ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަމަށެވެ.

"މި ސަބަބާ ހުރެ ރާއްޖޭގެ ސަރުކާރުން ފަނާކުރަނިވި އިންޑަސްޓްރިއަލައިޒް މަސްވެރިކަން (ދާ އަޅައިގެން މަސްވެރިކަން) ކުރުމަށް ބައެއް ދޫކޮށްނުލުމަށް ވިސްނުމަށް އިލްތިމާސްކުރަން. އެއްވެސް ސަރަހައްދެއް ދޫކޮށްލުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭ ފުރުސަތަކަށް،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތަށް މަސްވެރިކަން ކުރަމުން އަންނަ ގައުމުކަން ފާހަގަކުރައްވައި ނަޝީދު ވަނީ ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތަށް ތައުރީފުކުރައްވައިފައެވެ.

"ރާއްޖޭގެ މަސްވެރިން، އެއްފަހަރަކާ ގިނަ އަދަދެއްގެ މަސް ނުބާނާ. ތިމާވެއްޓާ ރަށްޓެހި ދާއިމާ ގޮތެއްގައި ކުރާ މަސްވެރިކަމެއް އެއީ" ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ކަނޑުގެ ސަަހައްދު ހިމާޔަތްކުރަން ނިންމާފައިވާތީ ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޗާގޯސް ކަނޑުގެ ސަރަހައްދު ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ރާއްޖެއާއި އިނގިރޭސިވިލާތުން އެކުގައި މަޝްވަރާކުރައްވަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މޮރިޝަސް ސަރުކާރާ ޗާގޯސް ހަވާލުކުރުމުގެ ކަންކަން ނިމެންދެން ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ރާއްޖެ ހިމެނޭހެން އިންޑިއާ، މޮރިޝަސް، ލަންކާ އަދި ސީޝެލްސްއިން އެއްބަސްވުން މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން އިޓްލޮސްގައި ރާއްޖެއާ ދެކޮޅަށް ދައުވާކުރުމުން ސިޔާސީ ފަރާތްތަކުން ވަނީ ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ގޮސްދާނެކަމުގެ ފުރުސަތު އޮތްކަމަށް ބުނެ ކަންބޮނޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުން ތަފާތު އެކިފަހަރުގެ މަތިން ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.

ނަޝީދު މީގެ ކުރިން ބުނެފައިވަނީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ މީހުން ޗާގޯސްއަށް ދަތުރުކޮށް ހެދި ކަމަށާއި އަދި ދެކުނުގެ މަސްވެރިން ވެސް ޗާގޯސް ކަނޑުގެ ސަރަހައްދުން މަސްވެރިކަންކޮށް ޗާގޯސްގައި އޮޑިއަޅާ ކަމަށެވެ.

ނަމަވެސް ޗާގޯސް މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް ރިފްއަތު އިބްރާހީމް ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިން ޗާގޯސްއިން މަސްވެރިކަން ކުރިކަމުގެ ހެއްކެއް ފިޝަރީޒް މިނިސްޓްރީން އަދި ކޯސްޓްގާޑުގެ ފަރާތުން ވެސް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ޗާގޯސް ސަރަހައްދުގައި ދިވެހި ރައްޔިތުން ދަތުރުކޮށް ހެދިކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.

"މިއީ އަޅުގަނޑުމެން ބެލިކަމެއް، ހެއްކެއް ނެތް ކަމެއްގައި ކިހިނެއްތޯ އެއްވެސް ކޯޓެއްގައި ސާބިތު ކޮށްދޭނީ. ފިޝިން ރައިޓްސް އަކީ އިކުއި ޑިސްޓެންސް ލައިން އެޖަސްޓު ކުރުމަށް ބޭނުން ކުރެވޭ ހައްގެއް. އެކަމަކު އެ ހައްގު އޮތްކަން ސާބިތު ކޮށްދޭން ޖެހޭ،" ރިފްއަތު ވިދާޅުވެފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ޗާގޯސް ހޯދުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. މިހާރު އެ ފުރުސަތު ގެއްލިފައިވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވެފައިވަނީ، 2017 ވަނަ އަހަރު ޗާގޯސްއާ ގުޅޭގޮތުން އދ. ގައި ނެގި ވޯޓުގައި ދެކޮޅަށް ވޯޓު ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އޭރުގެ ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.

ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްތޯ ބަލާއިރު އެންމެ ދުވަސްވީ ލިޔުމަކަށް އޮތީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ ލިޔުމެއް ކަމަށާއި އޭނާ އަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުރެ ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގީޒުން ފޮނުވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އެ ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.